30 ނޮވެންބަރު 2023 - 11:00 0
މިންހާ އަބްދުﷲ
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް، މޭޔަރު ޕްރައިމަރީގައި ވާދަ ކުރެއްވުމަށް މިއަދު ފޯމު ހުށަހަޅުއްވާނެ - ފޮޓޯ: އަދަދު
30 ނޮވެންބަރު 2023 - 11:00 0
މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް، ނިމިދިޔަ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޯމު ހުށަހަޅުއްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.
ފޯމު ހުށަހަޅުއްވުމަށް އާޒިމް އެމްޑީޕީ އޮފީހަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރު 4:20 އަށެވެ.
އާޒިމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެންމެ ފުރަތަމަ އެމްޑަބްލިޔުއެސްސީ ގެ މެނޭޖިން ޑިރެކްޓަރެވެ. ނަމަވަެސް 2020 ވަނަ އަހަރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން އާޒިމްއާ ހަވާލުކުރެއްވި އެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އާޒިމް ހޯއްދަވާފައިވެ އެވެ. އެގޮތުން މާލެ ސިޓީގެ ބަހުގެ ހިދުމަތް ފުޅާކޮށް، މިނީ ބަހުގެ ހިދުމަތް ތައާރަފްކޮށް، އާރްޓީއެލްގެ ހިދުމަތް ފައްޓަވައި ދެއްވާފައިވެ އެވެ.
ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގެ ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަހްމަދު މަހުލޫފް ވެސް އެ ޕާޓީގެ ޓިކެޓަށް މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރެއްވައި ސޯޝަލް މީޑިޔާގައި ކެމްޕެއިން ވެސް ކުރެއްވި އެވެ. ނަމަވެސް، ފަހުން އެކަމާ ގުޅޭ ވާހަކައެއް އޭނާ ދައްކަވާފައި ނުވެ އެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުއިއްޒު މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. މުއިއްޒުގެ ސަރުކާރުގެ މަގާމްތަކަށް ވަޑައިގަތުމަށް ސިޓީ ކައުންސިލްގެ މެމްބަރުން އިސްތިއުފާ ދެއްވުމުން މާފަންނު ދެކުނު ދާއިރާ، މެދު ހެންވޭރު ދާއިރާ، އަދި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ވެސް މި ވަގުތު ހުރީ ހުސް ކޮށެވެ.
މާލޭގެ މޭޔަރު ކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން، މިހާރު ވެސް ކައުންސިލުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ މުހައްމަދު ސައިފް ފާތިހު ވާދަކުރައްވާނެކަން އިއުލާންކޮށްފައިވެ އެވެ. ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު ކުރީގެ ރައީސް އަބްދުالله ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފަރާތުން ހުސައިން ވަހީދު ވާދަކުރައްވާނެކަން ވަނީ އިއުލާނު ކޮށްފަ އެވެ.
އާ ސަރުކާރާއެކު ހުސްވި ކައުންސިލް ގޮނޑިތަކަށް ވާދަ ކުރާނެކަން އިއުލާންކޮށް، ވާދަ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރުމަށް އެމްޑީޕީން ހުޅުވާލީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އެ ފުރުސަތު މާދަމާގެ ހަވީރު 4:00 އާ ހަމައަށް އޮތީ ހުޅުވާލާފަ އެވެ.
ކައުންސިލުތަކުގެ ގޮނޑިތައް ފުރުމަށް ބާއްވާ ބައި-އިލެކްޝަން ޖެނުއަރީ 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ވ. ރަކީދޫ ކައުންސިލުގެ މެންބަރެއްގެ އިތުރުން 18 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ ކަމަށް އީސީން ބުނެފައިވެ އެވެ.
ކައުންސިލުތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 13 އާ ހަމައަށް އޮންނާނެ ކަމަށް އީސީން ބުނެ އެވެ.
Comment