Advertisement

ޗެމްޕިއަން ސިޓީން ފަހަތުން އަރައި ލައިޕްޒިގު ބަލިކޮށްފި

29 ނޮވެންބަރު 2023 - 09:31 0


ޗެމްޕިއަން ސިޓީން ފަހަތުން އަރައި ލައިޕްޒިގު ބަލިކޮށްފި

29 ނޮވެންބަރު 2023 - 09:31 0

މެންޗެސްޓާ (ނޮވެމްބަރު 29) - ޗެމްޕިއަންސް ލީގުގައި ރޭ ފުރަތަމަ ހާފުގައި އާރްބީ ލައިޕްޒިގުން ދެ ގޯލުގެ ލީޑެއްނަގާފައިވަނިކޮށް، ފަހަތުން އަރައި 3-2 އިން އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

ރޭގެ މެޗަށް ނުކުތްއިރު ވެސް ސިޓީ އަށް ގަދަ 16 އޮތީ ޔަގީންވެފަ އެވެ. ސިޓީ ރޭގެ މޮޅާ އެކު، ގްރޫޕް ޖީގެ އެއް ވަނައިގައި އޮތީ ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ވަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔަންގް ބޯއީސް އަށް ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ރެޑްސްޓާ ބެލްގްރޭޑްގެ އޮތީ އެއް ޕޮއިންޓެވެ. ޔަންގް ބޯއީސް ވަނީ ރޭ 2-0 އިން ރެޑްސްޓާ ބަލިކޮށްފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ 33 މިނިޓް ތެރޭ ލައިޕްޒިގުން ދެ ގޯލު ޖެހި އެވެ. މި ދެ ލަނޑު ވެސް ޖެހީ ބެލްޖިއަމްގެ ފޯވާޑް ލޮއިސް އޮޕެންޑާ އެވެ. މިދިޔަ ޖުލައި މަހު، ފްރާންސްގެ ލޯންސް ދޫކޮށް، ލައިޕްޒިގަށް ބަދަލުވެ، އޮޕެންޑާ އަންނަނީ މޮޅު ކުުޅުމެއް ދައްކަމުންނެވެ.

މެޗުގެ އޮއެވަރު ބަދަލުވީ ސިޓީން ދެ ވަނަ ހާފުގައި ހޫލިއަން އަލްވަރޭޒް އާއި ޖެރެމީ ޑޮކޫ ކުޅެން އެރުވި ހިސާބުންނެވެ. ސިޓީ އަށް ފުރަތަމަ ގޯލު ޖަހައިިދިނީ 54 ވަނަ މިނިޓްގައި އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ ހާލަންޑް، ޗެމްޕިއަންސް ލީގުގައި ޖެހި 40 ވަަނަ ގޯލެވެ. އޭނާ އަކީ އެންމެ މަދު މެޗު ކުޅެގެން މި އަދަދަށް ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ހާލަންޑް ރޭ ކުޅުނީ ޗެމްޕިއަންސް ލީގުގައި އޭނާ ކުޅުނު 35 ވަނަ މެޗެވެ.

ސިޓީން އެއްވަރުކުރީ ފިލް ފޯޑެން ޖެހި ގޯލުންނެވެ. އަދި އެ ޓީމު މޮޅުވި ލަނޑު ޖެހީ ހޫލިއަން އަލްވަރޭޒް އެވެ.

ގްރޫޕް އީ އިން އެތުލެޓިކޯ މެޑްރިޑާއި ލާޒިއޯ ވަނީ ގަދަ 16 ޔަގީންކޮށްފަ އެވެ. ތިން ވަނައިގައި އޮތް ފެޔަނޫޑް ދަނޑުގައި ރޭ އެތުލެޓިކޯ ވަނީ 3-1 އިން ބަލިވެފަ އެވެ. ލާޒިއޯ އިން 2-0 އިން ސެލްޓިކް ބަލިކުރި އެވެ. ސެލްޓިކް އަކީ އިނގިރޭސި ގައުމުތަކަށް ނިސްބަތްވާ ކްލަބްތަކުގެ ތެރެއިން ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން މޮޅެއް ނުލިބި 15 މެޗު ނިންމާލަން ޖެހުނު ފުރަތަމަ ޓީމެވެ.