Advertisement

ފިންލޭންޑާއި ރަޝިއާ ގުޅޭ ބޯޑަރު އެއްކޮށް ބަންދުކުރަން ނިންމައިފި

29 ނޮވެންބަރު 2023 - 06:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ފިންލޭންޑާއި ރަޝިއާ ގުޅޭ ބޯޑަރު އެއްކޮށް ބަންދުކުރަން ނިންމައިފި

29 ނޮވެންބަރު 2023 - 06:06 0

ފާއިތުވި ދުވަސްތަކުގައި ހިމާޔަތް ހޯދުމަށް ރަޝިއާއިން ފިންލެންޑަށް އެތެރެވި މީހުންގެ އަދަދު އިތުރުވަމުން ދިއުމާ ގުޅިގެން އެ ދެ ގައުމު ގުޅޭ ބޯޑަރު އެއްކޮށް ބަންދު ކުރުމަށް ފިންލެންޑުގެ ސަރުކާރުން ނިންމައިފި އެވެ.

ދެ ގައުމު ގުޅޭ ބޯޑަރު އެއްކޮށް ބަންދު ކުރަން ފިންލެންޑުން ނިންމާފައި ވަނީ ހިމާޔަތް ހޯދަން އެގައުމަށް އެތެރެވާ މީހުންނަކީ ރަޝިއާއިން ވަކި މަގުސަދެއްގައި ފިންލެންޑަށް ފޮނުވާ ބައެއް ކަމަށް ތުހުމަތުކޮށެވެ.

މިމަސް ތެރޭގައި އެކަނި ވެސް ރަޝިއާއިން ފިންލެންޑަށް 900 އަށްވުރެ ގިނަ މީހުން ހިމާޔަތް ހޯދުމަށް އެތެރެވެފައިވާ ކަމަށް ފިންލެންޑުގެ އިދާރާތަކުން ބުނެ އެވެ. އޭގެތެރޭގައި ކެންޔާއާއި މޮރޮކޯގެ ރައްޔިތުންގެ އިތުރުން ޕާކިސްތާނާއި ސޯމާލިއާ އަދި ސީރިއާ އާއި ޔަމަނުގެ ރައްޔިތުން ހިމެނެ އެވެ.

ފިންލެންޑުން ތުހުމަތު ކުރާ ގޮތުގައި ބޯޑަރު ހުރަސްކޮށް އެ ގައުމަށް ރަޝިއާއިން މީހުން ފޮނުވަމުންދަނީ އެމެރިކާއާއި ފިންލެންޑާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

މީގެ ކުރިން ރަޝިއާއިން ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދިޔަ ފިންލެންޑުން ނޭޓޯއާ ގުޅުނީ ރަޝިއާއިން ޔޫކްރޭނަށް އަރައިގަތުމުން އެކަމާ ދެކޮޅުވެރިވުމުގެ ގޮތުން މި އަހަރުގެ ކުރީކޮޅު އެވެ.

ފިންލެންޑާއި ރަޝިއާ ގުޅޭ ބޯޑަރުތައް އެއްކޮށް ބަންދުކޮށްފައި ވީނަމަވެސް ވައިގެ މަގުން ނުވަތަ ކަނޑުމަގުން ފިންލެންޑުގެ ސަރުކާރުން ހުއްދަ ދޭ މިންވަރަކުން އެ ގައުމަށް މީހުންނަށް ވަދެވޭނެ އެވެ. އޭގެއިތުރުން ރަޝިއާ އާއި ފިންލެންޑާ ދެމެދު މުދާ އުފުލުމަށް ބޭނުންކުރާ ރޭލު ވޭ ވެސް މި ނިންމުމުގެ ދަށުން ބަންދެއް ނުކުރާނެ އެވެ.