Advertisement

ހިދުމަތް ކުރައްވަން ބޭނުންވެވަޑައިގަންނަވާތީ ސީއެސްސީން ފަސްޓް ލޭޑީއަށް ކޮންޓްރެކްޓެއް ދެނީ

28 ނޮވެންބަރު 2023 - 15:12 4

ނިމާ ހަސަން

ނިމާ ހަސަން

ފަސްޓް ލޭޑީ ސާޖިދާ; ފަސްޓް ލޭޑީގެ ޒިންމާ އަދާކުރައްވަން, ރައީސާއެކު ތުރުކީއަށް ވަޑައިގެންނެވީ އަހަރީ ޗުއްޓީގައި ކަމަށް ސީއެސްސީން ބުނޭ -- ފޮޓޯ: ރައީސް އޮފީސް


ހިދުމަތް ކުރައްވަން ބޭނުންވެވަޑައިގަންނަވާތީ ސީއެސްސީން ފަސްޓް ލޭޑީއަށް ކޮންޓްރެކްޓެއް ދެނީ

28 ނޮވެންބަރު 2023 - 15:12 4

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނެވުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބޭނުންވެވަޑައިގަންނަވާތީ އެ ފުރުސަތު ދިނުމުގެ ގޮތުން އެކަމަނާއާއެކު އެއްބަސްވުމެއް ހަދަން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

މެޑަމް ސާޖިދާއަކީ އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ރާއްޖޭގައި އެ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅަކީ އެކަމަނާ އެވެ. ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ވެސް މެޑަމް ސާޖިދާ ގެންދަވަނީ, ސީއެސްސީގެ ވަޒީފާ އަދާ ކުރައްވަމުންނެވެ.

ފަސްޓް ލޭޑީގެ މަގާމަކީ ރަސްމީ ވަޒީފާއަކަށް ނުވާތީ, ފަސްޓް ލޭޑީ ސީއެސްސީގެ ވަޒީފާގައި ދެމިހުރުމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ. އެހެން ނަމަވެސް ފަސްޓް ލޭޑީގެ ޒިންމާތައް އަދާ ކުރައްވަމުން, ފުލް-ޓައިމް ވަޒީފާއެއް އަދާ ނުކުރެއްވޭނެތީ, އެކަމަނާ ވަނީ ހިދުމަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

"ރިކުއެސްޓް ކުރައްވާފައި އެބަ އޮތް, ސިއްހީ ދާއިރާގައި ތަޖުރިބާ ހުރި ބޭފުޅެއްވީމަ ކުރިއަށް އޮތްތަނުގައި ސީއެސްސީއަށް ކޮންޓްރިބިއުޓް ކުރައްވަން. ކޮންޓްރެކްޓެއްގެ އުސޫލުން އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން،" ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ސާޖިދާ ވަނީ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒުގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވާފަ އެވެ. ނާސިހު ވިދާޅުވި ގޮތުގައި އެކަމަނާ ކެމްޕޭނުގައި ހަރަކާތްތެރިވެ ވަޑައިގެންނެވީ ނޯ-ޕޭ ލީވް އެއް ނަންގަވައިގެންނެވެ.

ފަސްޓް ލޭޑީ ސާޖިދާއަކީ, އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށްވާތީ ސީއެސްސީން މިހާރު ދަނީ ހިދުމަތް ކުރުމުގެ އިންތިޒާމު ހަމަޖައްސަން އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންޖެހެ އެވެ. އެ އެލަވަންސްގެ މިންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބަ އެވެ.