28 ނޮވެންބަރު 2023 - 14:11 0
ނިމާ ހަސަން
މަނަދޫގައި ނައިމާ ދިރިއުޅުނު ގެ; އޭނާ މަރާލާފައި އޮއްވާ ފެނުނީ އެގޭތެރެއިން -- ފައިލް ފޮޓޯ: އަދަދު
28 ނޮވެންބަރު 2023 - 14:11 0
މިދިޔަ އޭޕްރީލް 7، ގައި މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި މައްސަލައިގައި ތުހުމަތުވާ މީހުންނަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ނައީމާ، 62، ގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ މައްސަލަ މިދިޔަ އާދިއްތަ ދުވަހު އެ އޮފީހަށް ބަލައިގެންފައިވާ ކަމަށެވެ.
މި ހަފްތާ ތެރޭގައި އެ މައްސަލާގައި ދައުވާ ކޮށްދިނުން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައީމާގެ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން އައި ގޭގަ އެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރު ކުރީ މެއި މަހުގެ ތެރޭގަ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރަކާއި ނައީމާއަށް ހަަމަލާ ދިން ވަގުތު ގާތިލުން ލައިގެން ތިބި އަންނައުނު ވަނީ ހޯދިފަ އެވެ. އެ ތަކެތި ހޯދީ އަންދާލުމަށް މަސައްކަތްކޮށް، ވަޅުލާފައި ހުއްޓާ ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައިގައި މީހަކު ހައްޔަރުނުކުރެވި، ގިނަ ދުވަސްތަކެއް ވެފައި އޮއްވައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އަހުޒަމް އަބްދުލްޝަކޫރު ހައްޔަރުކޮށްފައި ހުއްޓައި އޭނާ މަރުގެ މައްސަލައިގައި އެއްބަސްވިކަން އެނގިފައިވެ އެވެ. ފަވާޒު އާއި ރިފާސް ހައްޔަރުކުރީ އޭނާގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.
އެހެންނަމަވެސް, ނަައީމާ މަރާލި ސީދާ ސަބަބެއް އަދި ނޭނގެ އެވެ. އެއްވެސް އިދާރާއަކުން ރަސްމީކޮށް އެކަމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ އެވެ.
މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ. ނައީމާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.
ފުލުހުން މީގެ ކުރިން ބުނީ ނައީމާގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވަން ލަސްވީ, ޑީއެންއޭ ރިޕޯޓުތައް ފުރިހަމަ ނުވެގެން ކަމަށެވެ. ނައީމާ މަރާލި މައްސަލާގައި ބަޔަކު ހައްޔަރުކުރީ އެ ކަން ހިނގިތާ ދޮޅު މަހެއް ފަހުން ކަމަށްވާއިރު, އެމީހުން ހައްޔަރުކޮށްގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދާތާ ވެސް ހަ މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
އަދި މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން (ދައުވާ ކުރުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާ ކުރުން) ފެށިތާ ވެސް ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ނައީމާ މަރުވި އިރު ދުނިޔޭގައި އޭނާގެ ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment