Advertisement

އަފްރާޝީމްގެ ހަނދާނީ މަރުކަޒުން ވަކިކުރުމުން އޭނާގެ ބޭބެ ކަންބޮޑުވެފައި

28 ނޮވެންބަރު 2023 - 13:26 10

އަފްރާޝީމްގެ ބޭބެ އަބްދުއްނާސިރު.


އަފްރާޝީމްގެ ހަނދާނީ މަރުކަޒުން ވަކިކުރުމުން އޭނާގެ ބޭބެ ކަންބޮޑުވެފައި

28 ނޮވެންބަރު 2023 - 13:26 10

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވަނިކޮށް އަވަހާރަކޮށްލި ޑރ. އަފްރާޝީމް އަލީގެ އިލްމީ ހިދުމަތްތަތަކުގެ ހަނދާނުގައި އޭނާގެ އުފަން ރަށް ރ. އުނގޫފާރުގައި ގާއިމުކޮށްފައިވާ އިސްލާމީކް މަރުކަޒުގެ ޑިރެކްޓަރުގެ މަގާމުން އޭނާގެ ބޭބެ އަބްދުއްނާސިރު އަލީ ވަކިކުރުމުން އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެ ރަށުގައި ބިނާކޮށްފައިވާ މަރުކަޒު ބަލަހައްޓައި ހިންގުމުގެ މަސްއޫލިއްޔަތުތަކާ އެކު އަބްދުއްނާސިރު ހުންނެވީ އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގަ އެވެ.

އޭނާ މަގާމުން ވަކިކުރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސް ކަމަށްވާ މި މަހުގެ 17 ވަނަ ދުވަހު އެވެ. އޭނާ ވަކިކުރީ ކުރީ ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުން، މި ސަރުކާރުން ވަކިކުރުމުގެ ތެރޭގަ އެވެ. ވަކިކުރިކަން އޭނާ އަށް ރައީސް އޮފީހުން އެންގީ ފޯނުން ގުޅަ އެވެ. ނަމަވެސް ވަކިކުރި ތާރީހު ކަމަށް އޮތީ މި މަހުގެ 19 ވަނަ ދުވަހެވެ.

އަފްރާޝީމްގެ ހަނދާނީ މަރުކަޒެއްގެ ގޮތުގައި ބިނާކުރި އެތަނުން އަބްދުއްނާސިރަށް ވަޒީފާ ދިނީ، އަފްރާޝީމްގެ އާއިލީ މީހަކު އެތަނުގެ އިސް މީހަކަށް ލުމުގެ ގޮތުންނެވެ. ސިޔާސީ މަގާމެއްގެ ގޮތުގައި އަބްދުއްނާސިރަށް ކުރީ ސަރުކާރުން އެ ވަޒީފާ ދިނީ، އޭނާގެ އުމުރުން 65 އަހަރުވެފައިވާތީ ސިވިލް ސާވިސަސްގެ ތެރެއިން ވަޒީފާ ހަމަޖެއްސެން ނެތުމުންނެވެ.

ޑރ.އަފްރާޝީމް އަލީގެ ހަނދާނުގައި އުނގޫފާރުގައި ބިނާކުރި އިސްލާމީ މަރުކަޒާއި މިސްކިތް



އުނގޫފާރުގެ ކަތީބުކަމާއި، ކައުންސިލުގެ ރައީސްކަން ޖެހިޖެހިގެން ތިން ދައުރު އަދާކުރެއްވި އަބްދުއްނާސިރު ވަނީ އެ މަރުކަޒުގެ ވަޒީފާ އިން ވަކިކުރުމުން އެކަމުގެ ކަންބޮޑުވުމާއި، މާޔޫސްކަން ވަރަށް ބޮޑަށް ފާޅުކޮށްފަ އެވެ.

"އަޅުގަނޑު ދެރަވަނީ ވަޒީފާ ގެއްލިގެނެއް ނޫން. އެކަމަކު އަޅުގަނޑުގެ ކޮއްކޮގެ ހަނދާނުގައި ހެދި ތަނަކަށް، އެ މަރްހޫމްގެ އާއިލީ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ދީފައި އޮތް ވަޒީފާއެއް އަތުލުމުން. އަނެއްކާ އަޅުގަނޑަކީ ސިޔާސީ މީހެއް ނޫން. ކުރީ ސަރުކާރުން ސިޔާސީ މަގާމެއްގެ ގޮތުގައި އެ ވަޒީފާ ދިނީ ވެސް ހާލަތުގެ ގޮތުން. އަޅުގަނޑަކީ އެމްޑީޕީ މީހެއް ވެސް ނޫން،" އަބްދުއްނާސިރު ވިދާޅުވި އެވެ.

އަބްދުއްނާސިރު ވިދާޅުވީ އެތަނުގެ ބެލެނެވެރިކަން އަފްރާޝީމްގެ އާއިލާ އަށް އޮންނަން ޖެހޭ ކަމަށާއި، އެތަން ހާއްސަ ލޯތްބަކާ އެކު ބަލަހައްޓާނީ ވެސް އެ އާއިލާ އިން ކަމަށެވެ. އެކަން އެހެން އޮއްވާ އެއްވެސް ހައްގުން ކަމަކާ ނުލާ ވަޒީފާ އިން ވަކިކުރުމަކީ ބޭއިންސާފެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

މި ސަރުކާރުން ވަނީ އެ މަރުކަޒު ހިންގުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ހަވާލުކުރަން ވަނީ ނިންމާފަ އެވެ. އިސްލާމީ އިލްމާ ގުޅޭ ކޯސްތައް ހިންގުމަށްޓަކައި މިއަދުގެ ވަގުތެއްގައި އެތަން ރަސްމީކޮށް އައިޔޫއެމްއާ ހަވާލުކުރާނެ އެވެ.