28 ނޮވެންބަރު 2023 - 10:58 1
މުހައްމަދު ޖަމްޝަތު ވަހީދު
ރައީސް މުއިއްޒު ތުރުކީގެ ރައީސް އުރުގާނާއެކު - ފޮޓޯ: ރައީސް އޮފީސް
28 ނޮވެންބަރު 2023 - 10:58 1
ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުގައި ތުރުކީއަށް ވަޑައިގެން އެ ގައުމާއެކު ޓްރޭޑް އެއްބަސްވުމެެއްގައި ސޮއިކޮށްފި އެވެ.
"އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގެ ނަމުގައި ވިޔަފާރި އާއި އިގުތިސާދީ ކަންކަމުގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާންއާ އެކު ބޭއްވި ބައްދަލުކުރައްވުމުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީ ސަރުކާރުގެ ފަރާތުން، ސޮއިކުރީ ޓްރޭޑް މިނިސްޓަރު ޕްރޮފެސަރު ޑރ. އޮމަރް ބޮލަޓް އެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ދެ ރައީސުންގެ ކުރިފުޅުމަތީގަ އެވެ.
ރައީސް މުއިއްޒު ތުރުކީގެ ރައީސް އާ ބައްދަލުކުރެއްވީ އިއްޔެ އެވެ. އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށްދިޔަ މި ރަސްމީ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް ދެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ފަލަސްތީނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް އައިސް، ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ފަލަސްތީނުގެ ސުލްހައަށް ދާއިމީ ހައްލެއް ގެނެވޭނީ އެގައުމުގައި މުސްތަގިއްލު، މިނިވަން ދައުލަތެއް ގާއިމުކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން ކަމުގައި ރައީސް މުއިއްޒު އާއި ތުރުކީގެ ރައީސް ވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން، އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަތުން ހުއްޓައިލާ ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށް ދެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ތުރުކީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދާއި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޔޫއޭއީއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެ އެވެ. ޔޫއޭއީއަށް ކުރައްވާ ދަތުރަކީ އެ ގައުމުގައި ބާއްވާ ކޮޕް 28 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ރާއްޖެ ވަޑައިގަންނަވާނީ ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment