Advertisement

މަސައްކަތެރިންގެ ޔޫނިއަންތަކުގެ ސަބަބުން ޓެސްލާ އިން ސްވިޑެންއާ ދެކޮޅަށް ދައުވާކޮށްފި

29 ނޮވެންބަރު 2023 - 09:19 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


މަސައްކަތެރިންގެ ޔޫނިއަންތަކުގެ ސަބަބުން ޓެސްލާ އިން ސްވިޑެންއާ ދެކޮޅަށް ދައުވާކޮށްފި

29 ނޮވެންބަރު 2023 - 09:19 0

މަޝްހޫރު އިލެކްޓްރޯނިކް ކާރު ވިއްކާ ކުންފުނި ޓެސްލާގެ ވިޔަފާރިއަށް ހުރަސްއަޅާކަމުގެ ތުހުމަތުކޮށް، ސްވިޑެންއާ ދެކޮޅަށް އެކުންފުނިން ދައުވާކޮށްފި އެވެ.

ސްވިޑިޝް ޓްރާންސްޕޯޓް އެޖެންސީ މެދުވެރިކޮށް ސްވިޑެންގެ ސަރުކާރާ ދެކޮޅަށް ޓެސްލާ އިން ދައުވާކުރީ އެ ގައުމުގެ ލޯކަލް ޔޫނިއަންތަކުން ޓެސްލާގެ އޮޕަރޭޝަންތަކަށް ހުރަސްއަޅަމުންދާތީ އެވެ. މަސައްކަތްތެރިންގެ ޔޫނިއަންތަކުން މިގޮތަށް އަމަލުކުރަމުންދަނީ ޓެސްލާ އިން މަސައްކަތްތެރިންގެ ހައްގަށް އަރާގަނެފައިވާ ކަމުގެ ތުހުމަތުގަ އެވެ.

އެގޮތުން އެ ކުންފުންޏަށް ބޭނުންވާ އައު ލައިސެންސް ޕްލޭޓްތައް ފޯރުކޮށްދިނުމަށް ލޯކަލް ޔޫނިއަންތަކުގެ މެންބަރުން ދެކޮޅުހަދާފައިވާ ކަމަށް ޓެސްލާ އިން ބުނެ އެވެ. މިކަމުގެ ސަބަބުން އެގައުމުގައި ޓެސްލާ ކާރު ވިއްކުން ހުއްޓުމަކަށް އައިސްފައިވާކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މައްސަލަ ހުށަހެޅުމުން ސްވިޑެންގެ ނޯކޮޕިން ޑިސްޓްރިކްޓް ކޯޓުން ވަނީ މިވަގުތު ހުރި ގަވާއިދުތަކުން މިނިވަންވެ ކުންފުނިންތަކުން އަމިއްލަ އަށް ލައިސަންސް ޕްލޭޓް ހޯދޭނެ ގޮތެއް ޓެސްލާއަށް މަގުފަހިކޮށްދޭން އަންގާފަ އެވެ. އަދި މި ނިންމުމަށް ޖަވާބުދާރީވުމަށް ސްވީޑިޝް ޓްރާންސްޕޯޓް އެޖްންސީއަށް ވަނީ 14 ދުވަހުގެ މުހުލަތެއް ދީފަ އެވެ.

ސްވިޑެންގެ ޔޫނިއަން ތަކުން ބުނެފައިވަނީ ޓެސްލާއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ އެ ގައުމުގެ ލޭބާ މާކެޓުގެ ދުޅަހެޔޮކަމަށް މުހިންމުކަމެއް ކަމަށެވެ. މަސައްކަތްތެރިންގެ ހައްގުތައް ކަނޑައެޅިފައިވާ އެއްވެސް ގާނޫނެއް ސްވިޑެންގައި މިހާތަނަށް އެކުލެވިފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި 90 އިންސައްތަ މަސައްކަތްތެރިންނަށް ކަނޑައެޅިފައިވާ ކަންކަން ހިމެނެނީ "ކަލެކްޓިވް އެގްރިމެންޓް" ތަކުގަ އެވެ. މިއީ މުސާރައާ، ޕެންޝަނާ މަސައްކަތުގެ ވަގުތު ހިމެނޭހެން ކުންފުންޏާއި މަސައްކަތްތެރިންނާ ދެމެދު އޮންނަ ކޮންޓްރެކްޓެކެވެ.

ނަމަވެސް ޓެސްލާގެ މެކޭނިކްސްއާ އެކު މިފަދަ ކޮންޓްރެކްޓެއް ހެދުމަށް އެކުންފުނިން ވަނީ ދެކޮޅު ހަދާފަ އެވެ. ޔޫނިއަންތަކުގެ ކަންބޮޑުވުމަކީ މިހެން މިކަން އޮތުމާ އެކު މުސްތަގުބަލުގައި މިފަދަ ކަންކަން އިތުރުވުމެވެ. އެހެންކަމުން އެފަދަ ކޮންޓްރެކްޓެއް އެކުލަވާލަންދެން ހަރަކާތް ކުރިއަށްދާނެކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

މިކަމަށް ވާގިވެރިވާ އެތައް ޔޫނިއަންތަކެއް ވަނީ ޓެސްލާއާ ދެކޮޅަށް ހިންގާ ހަރަކާތުގައި ބައިވެރިވެ އެބަޔަކު ތަމްސީލު ކުރާ ދާއިރާތަކުން ޓެސްލާއަށް ހިދުމަތް ދިނުން ހުއްޓާލާފަ އެވެ. އެގޮތުން ޕޯސްޓަލް ސާވިސް ތަކުން ވަނީ ޓެސްލާގެ ތަކެތި ޑެލިވާކޮށްދިނުން ހުއްޓާލާފަ އެވެ. އަދި ޓެސްލާގެ ޝޯރޫމްތައް ސާފުކުރުމާއި، ޓެސްލާގެ ޗާޖިން ޕޯޓުތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ޓެސްލާގެ ކާގޯ އަންލޯޑް ކުރުން ވަނީ ޔޫނިއަން ތަކުން ހުއްޓުވާފަ އެވެ.