Advertisement

ދިވެހިން ހަދިޔާ ކުރި އެއްލައްކަ ޑޮލަރުގެ އެހީ ހިފައިގެން އައިއޭސީގެ ގާފިލާ ގާޒާއަށް ވަދެއްޖެ

27 ނޮވެންބަރު 2023 - 18:57 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގާޒާއަށް ފޮނުވި އެހީގެ ޓުރަކުތައް ގާޒާއަށް ވަނުމަށްފަހު ޗެކިން ޕޮއިންޓުގައި މަޑުކޮށްގެން -- ފޮޓޯ: އައިއޭސީ


ދިވެހިން ހަދިޔާ ކުރި އެއްލައްކަ ޑޮލަރުގެ އެހީ ހިފައިގެން އައިއޭސީގެ ގާފިލާ ގާޒާއަށް ވަދެއްޖެ

27 ނޮވެންބަރު 2023 - 18:57 1

ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައި ތިބި ގާޒާގެ ރައްޔިތުންނަށް ދިވެހިން ހަދިޔާ ކުރި 100،000 ޑޮލަރުގެ އެހީ ހިފައިން އިންޓަނޭޝަނަލް އެއިޑު ކެމްޕޭނުގެ ގާފިލާ ފަލަސްތީނަށް މިއަދު ވަދެއްޖެ އެވެ.

އައިއޭސީ އާއި އިނގިރޭސިވިލާތުގެ އަލް ޚައިރު އާއި އެމެރިކާގެ ލައިފް އަދި ތުރުކީގެ އައިޑީޑީއީއެފް ހިމެނޭ ކޯލިޝަންގެ އެހީ ބަރުކޮށްގެން ވަނތް އެ ގާފިލާގައި ޖުމުލަ ހަ ޓުރަކު ހިމެނެ އެވެ. އެއީ ސިއްހީ ސާމާނާއި ބޭސް ހިމެނޭ ތިން ޓުރަކާއި މިނަރަލް ބޯފެން ބަރު ކޮށްފައިވާ ދެ ޓުރަކުގެ އިތުރުން ގޮދަން ފުށް ބަރުކޮށްފައި އޮތް ޓުރަކެކެވެ. އެ ގާފިލާގައި ގާޒާއަށް ވެއްދި އެހީގެ ޖުމުލަ އަގު 750،000 ޑޮލަރަށް އަރަ އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުގެ ޑިރެކްޓާ އޮފް މީޑިއާ އެންޑު ޕަބްލިކް ރިލޭޝަންސް، އަޒްހަދު އަހުމަދު ވިދާޅުވީ ގާޒާއަށް އައިއޭސީން ފޮނުވި އެހީގެ ޓުރަކުތައް ރަފާހު ބޯޑަރު ހުރަސްކޮށް އެތެރެއަށް ވަދެފައިވާ ކަމަށެވެ.

"މިހާރު ބޯޑަރު ހުރަސްކޮށް ހުރިހާ ޓުރަކެއް ވަނީ އިޒްރޭލުން ކޮންޓުރޯލު ކުރާ ސަރަހައްދަށް ވަދެފައި، ދެން އެމީހުން ޗެކު ކޮށްފައި އެ ޓުރަކުތަކުން އަނެއްކާ އެހެން ޓުރަކުތަކަކަށް ބަރު ކުރާނެ، އެއަށްފަހު ވަރަށް އަވަހަށް ގާޒާގެ ރައްޔިތުންނަށް އެހީ ލިބިގެންދާނެ،" އަޒްހަދު ވިދާޅުވި އެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ރަފާހު ބޯޑަރު ހުރަސްކޮށް ވެއްދުމުގެ ހުއްދަ ދީފައި ވަނީ މުޅި އޭޝިއާއިން ވެސް އައިއޭސީއަށް އެކަންޏެވެ.

އައިއޭސީގެ އެހީގެ ގާފިލާ ރަފާހު ބޯޑަރު ސަރަހައްދުގައި އޮންނަތާ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެހީގެ ގާފިލާތަކަށް ގާޒާއަށް ވަނުމަށް ހުރަސްއެޅިފައި ވަނީ މެދުކެނޑުމެއް ނެތި ހައްދުފަހަނައެޅި އިޒްރޭލުގެ އަސްކަރިއްޔާއިން ދެމުންދިޔަ ހަމަލާތަކުގެ ސަބަބުންނާއި ގާޒާއިން ތެޔޮ ހުސްވުމުގެ ސަބަބުންނެވެ.

ގާޒާގެ ވެރިކަން ކުރާ، ހަމާސް އާއި އިޒްރޭލާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިއަދަކީ ހަނގުރާމަ މެދުކަނޑާލައިފައި އޮންނަތާ ހަތަރު ވަނަ ދުވަހެވެ. ހަނގުރާމަ މެދުކަނޑާލައިފައި ވަނީ އިޒްރޭލާއި ހަމާސްއިން އަސީރުން ބަދަލު ކުރުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރަފާހުގެ ބޯޑަރު ކައިރީގައި ފުނި ޖެހިފައި އޮތް އެހީގެ ގާފިލާތަކަށް އެތެރެއަށް ވަނުމުގެ ފުރުސަތު ފަހިވީ ހަނގުރާމަ މެދުކަނޑައިލުމުންނެވެ.

ފަލަސްތީނަށްް ގަދަކަމުން ވެރިވެގެންފައިވާ އިޒްރޭލުގެ ސިފައިންނާ ދެކޮޅަށް ހަމާސް ޖަމާއަތުން ކުރަމުންގެންދާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ ފަރާތްތަކާއި އާންމު ހިދުމަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީ އިން ހުޅުވާފައިވާ ފަންޑަށް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލައިފަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އައިއޭސީ އުފެއްދީ 2016 ވަނަ އަހަރު އެވެ. އޭގެފަހުން ދުނިޔޭގެ އެކި ކަންކޮޅުގައި ހާލުގައި އުޅޭ މުސްލިމުންނަށް އެހީތެރިވުމުގެ ތަފާތު ކެމްޕެއިންތައް އެ ޖަމިއްޔާއިން ކުރަމުން ގެންދެ އެވެ.