Advertisement

47 އަހަރަށް ފަހު އިޓަލީން ޑޭވިސް ކަޕް ކާމިޔާބުކޮށްފި

27 ނޮވެންބަރު 2023 - 12:46 0


47 އަހަރަށް ފަހު އިޓަލީން ޑޭވިސް ކަޕް ކާމިޔާބުކޮށްފި

27 ނޮވެންބަރު 2023 - 12:46 0

މެންޗެސްޓާ (ނޮވެމްބަރު 27) - ދުނިޔޭގެ ޓެނިހުގައި ފާހަގަކޮށްލެވޭ ޓީމު މުބާރާތް، ޑޭވިސް ކަޕްގެ ޗެމްޕިއަންކަން އިޓަލީން 47 އަހަރަށް ފަހު ހޯދައިފި އެެވެ.

މިއީ އިޓަލީން ޑޭވިސް ކަޕްގެ ތަށީގައި އަތްލި ދެ ވަނަ ފަަހަރެވެ.

އިޓަލީން އެންމެ ފުރަތަމަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 1976 ވަނަ އަހަރު އެވެ. އޭގެ ފަހުން، ހަތަރު ފަހަރު ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް ތަށީގައި އަތްލެވޭ ގޮތެއްނުވި އެވެ.

މި ފަަހަރު އިޓަލީން ޑޭވިސް ކަޕް ކާމިޔާބު ކުރުމުގައި އެންމެ އިސް ރޯލެއް ކުޅެފައިވަނީ ރަނގަޅު ފޯމެއްގައިހުރި ތަރި، ޔަނިކް ސިނާ އެވެ. ފައިނަލުގައި އޮސްޓްރޭލިއާ އަތުން އިޓަލީ މޮޅުވިއިރު، ފަހު ސިންގަލްސް މެޗުގައި ސިނާ ނުކުތީ އޮސްޓްރޭލިއާގެ އަލެކްސް ޑި މިނޯއާ ދެކޮޅަށެވެ. އެ މެޗުން ސިނާ މޮޅުވެފައިވަނީ، 6-3، 6-0 އިންނެވެ.

އިޓަލީގެ ޓެނިސް ތަރި، ޖަނިކް ސިނާ: ޑޭވިސް ކަޕްގެ އެންމެ ތަފާތު ދެއްކި ކުޅުންތެރިޔަކީ ސިނާ.


"މިއީ އަހަރެމެންނަށް ވެސް އަދި މުޅި ގައުމަށް ވެސް ވަރަށް އުފާވެރި ވަގުތު ކޮޅެއް،" ސިނާ ބުންޏެވެ.

ވާދަވެރި މެޗުތަކުގައި އެންމެ ފަހުން ސިނާ ނުކުތް 23 މެޗުގެ ތެރެއިން ބަލިވީ ތިން މެޗުންނެވެ. ވޭތުވެދިޔަ މުއްދަތުގައި 22 އަހަރުގެ ސިނާ ވަނީ މޮންޓެޕިއޭ، ޓޮރޮންޓޯ، ބެއިޖިން އަދި ވިއޭނާގައި އޭޓީޕީ މުބާރާތްތަކެއް ކާމިޔާބު ކޮށްފަ އެވެ.

ސިނާ ވަނީ އެންމެ ފަހުން، އޭޓީޕީ ފައިނަލްސްގެ ރައުންޑް ރޮބިންގައި ދުނިޔޭގެ އެއް ވަނަ ނޮވަކް ޖޮކޮވިޗް ބަލިކޮށްފަ އެވެ.

މީގެ ކުރިން 28 ފަހަރު ޑޭވިސް ކަޕް ކާމިޔާބުކޮށްފައިވާ އޮސްޓްރޭލިއާ މި ވަނީ ޖެހިޖެހިގެން ދެ އަހަރު ފައިނަލުގައި ބަލިވެފަ އެވެ. މިދިޔަ އަހަރު ބަލިވީ ކެނަޑާ އަތުންނެވެ. ޑޭވިސް ކަޕްގެ އެންމެ ކާމިޔާބު ގައުމަކީ 32 ތަށި ހޯދާފައިވާ އެމެރިކާ އެެވެ.