Advertisement

މާޒިޔާ ބަލިކުރަން ޖެހޭ، އެކަން ކުރެވޭނެ: އޮސްކާ

27 ނޮވެންބަރު 2023 - 12:21 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮސްކާ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މާޒިޔާ ބަލިކުރަން ޖެހޭ، އެކަން ކުރެވޭނެ: އޮސްކާ

27 ނޮވެންބަރު 2023 - 12:21 0

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިއަދު، ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ކުޅޭ މެޗުން އެ ޓީމު ބަލިކުރަން ޖެހޭ ކަމަށާއި އަމިއްލަ ދަނޑުގައި އެކަން ކުރެވޭނެ ކަމަށް ބަންގްލަދޭޝްގެ އެއް ވަނަ ކްލަބް، ބަޝުންދަރާ ކިންގްސްގެ ކޯޗު، ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

މި ވަގުތުގެ ތާވަލަށް ބަލާއިރު، އޭއެފްސީ ކަޕްގެ ގްރޫޕް ޑީ އެއް ވަނައިގައި އޮތް ބަޝުންދަރާ އާއި ދެ ވަނައިގައި އޮތް މޯހަން ބަގާން ސުޕަ ޖަޔަންޓްސް އަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އޮޑިޝާ އެފްސީ އަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް މާޒިޔާގެ އޮތީ ހަތަރު މެޗުން ތިން ޕޮއިންޓެވެ.

މާޒިޔާ އިން މި ފަހަރުގެ އޭއެފްސީ ކަޕް ފެށީ މާލޭގައި 3-1 އިން ބަޝުންދަރާ ބަލިކޮށްގެންނެވެ. މިއީ ރާއްޖޭގެ ޓީމެއް އަތުން ބަޝުންދަރާ ބަލިވި ފުރަތަމަ ފަަހަރެވެ. އަދި މި ފަހަރުގެ އޭއެފްސީ ކަޕްގައި ބަޝުންދަރާ ބަލިވި ހަމައެކަނި މެެޗެވެ.

މިއަދު ހަވީރު، ރާއްޖެ ގަޑިން 4:30 ގައި ބަޝުންދަރާ އެރީނާގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ބަޝުންދަރާގެ ކޯޗު އޮސްކާ ބުނީ، މާޒިޔާގެ ވަރުގަދަ ކަންކަން ވަރަށް ރަނގަޅަށް ދެނެގަނެވިފައިވާ ކަމަށާއި އެ ކަންކަމަށް ސަމާލުވާނެ ކަމަށެވެ.

އޭގެ އިތުރުން، މާޒިޔާގެ ބަލިފައިތައް ހޯދައި، އޭގެއިން ފައިދާނަގަން ބަޝުންދަރާ އިން ވިސްނާނެ ކަމަށް އޮސްކާ ބުނެފައިވެ އެވެ.

"އަހަރެމެން މިހާރު މި އޮތް ހިސާބުން (ތާވަލުގެ އެއް ވަަނައިގައި އޮތުމުން) މި މެޗުން މާޒިޔާ ބަލިކުރަން ޖެހޭ. ހަމަ އެ ވިސްނުމަށް ބަލާއިރު، އަހަރެމެން އަމިއްލަ ދަނޑުގައި ރެކޯޑް ވަރަށް ރަނގަޅު. އެހެންވީމަ، އެކަން (މާޒިޔާ ބަލިކުރުން) އެއީ ކުރެވޭނެ ކަމެއް،" ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގައި ގިނަ ކާމިޔާބީތަކެއް ހޯދި އޮސްކާ ބުންޏެވެ.

"ނަސީބުގެ ވާހަކަ ނުދައްކާނަން، މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ މޮޅުވާން ބޭނުމީ،"

ބަޝުންދަރާގެ ކެޕްޓަން، ބްރެޒިލްގެ ރޮބްސަން ޑަ ސިލްވާ (ރޮބީނިއޯ) އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވިދާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ.

އޮސްކާ ބުނީ ޓީމުގެ އެ ފަދަ މުހިންމު މައުލޫމާތުތަކުގެ ވާހަކަ މީޑިއާގައި މެޗުގެ ކުރިން ނުދައްކާނެ ކަމަށެވެ. ޓީމުން ބޭނުންކުރާނެ ކުޅުންތެރިން މެޗުން ފެންނާނެ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

ފުރަަތަމަ މެޗުން ބަޝުންދަރާ ބަލިކުރުމަށް ފަހު، މާޒިޔާ ވަނީ ދެން ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ. މާޒިޔާ އަށް ގްރޫޕްގެ އެއް ވަނަ ހޯދައިގެން، އަމިއްލަ ބާރުގައި އަނެއް ބުރަށް ދިއުމުގެ ފުރުސަތެއް ނެތެވެ.

މިއަދުގެ މެޗުގެ ކުރިން މާޒިޔާގެ ކޯޗު، ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނީ ތައްޔާރު މި ވަނީ ގްރޫޕްގައި އޮތް އެންމެ ވަރުގަދަ އެއް ޓީމާ ދެކޮޅަށް ކުޅެންކަން އެނގޭ ކަމަށެވެ.

މާޒިޔާ އިން މި މެޗުގައި އެއްޗެއް ހާސިލްކުރާނަމަ ކުޅެވުނު އެންމެ "މޮޅަށް" ކުޅެން ޖެހޭނެ ކަމަށް މިލޯ ބުނެފައިވެ އެވެ.