Advertisement

ބޮޓްސްވާނާ މުބާރާތުން ރާއްޖެ އަށް ތިން މެޑަލް

26 ނޮވެންބަރު 2023 - 19:48 0

އަންހެން ޑަބަލްސް އިން ރިހި މެޑަލް ހޯދި ނަބީ އާއި ނަބާގެ ޕެއާ


ބޮޓްސްވާނާ މުބާރާތުން ރާއްޖެ އަށް ތިން މެޑަލް

26 ނޮވެންބަރު 2023 - 19:48 0

މިއަދު ނިމުނު ބޮޓްސްވާނާ އިންޓަނޭޝަނަލް 2023 ބެޑްމިންޓަން މުބާރާތުން ރާއްޖޭން ރިހި މެޑަަލަކާއި ދެ ލޯ މެޑަލް ހޯދައިފި އެވެ.

ރާއްޖޭން ރިހި މެޑަލް ހޯދީ އަންހެން ޑަބަލްސް އިވެންޓުން، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)ގެ ޕެއާ އެވެ. ދެ ލޯ މެޑަލް ހޯދީ ފިރިހެން ޑަބަލްސް ދެ ޕެއާ އިންނެވެ. އެއީ، ނިބާލް އަހުމަދާއި މުހައްމަދު އަޖުފާންގެ ޕެއާ އަދި ޒަޔާން ޒަކީ އަދި ނަޝްފާން މުހައްމަދުގެ ޕެއާ އެވެ.

ނަބާ އާއި ނަބީގެ ޕެއާ މިއަދު ކުޅުނު ފައިނަލް މެޗުގައި ތިން ސެޓު ކުޅެގެން ވަނީ ބަލިވެފަ އެވެ. މި އިވެންޓުން އެއް ވަނަ އަށް ސީޑުކޮށްފައިވާ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޑެއިޑްރޭ ލޯރެންސްގެ ޕެއާ އިން ނަބާ އާއި ނަބީގެ ޕެއާ ބަލިކުރިއިރު، ފުރަތަމަ ސެޓު، 21-13 އިން ގެންދިޔަ އެވެ. ނަބާ އާއި ނަބީ ދެ ވަނަ ސެޓު، 20-22 އިން ގެންގޮސް އެއްވަރުކުރި އެވެ. އެކަމަކު، ނަތީޖާ ނެރުނު ސެޓުގައި އެމީ އާއި ޑެއިޑްރޭ ވަނީ 21-18 އިން ގެންގޮސް މެޗުން މޮޅުވެފަ އެވެ.

ފިރިހެން ޑަބަލްސް އިން ލޯ މެޑަލް ހޯދި ޒަޔާން (ކ) އާއި ނަޝްފާންގެ ޕެއާ


ނަބާ އާއި ނަބީ ވަނީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއަައިޖީ)ގެ އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. ނަބީ ވަނީ ބޮޓްސްވާނާ މުބާާރާތުގެ ސިންގަލްސް ބައިގެ ގަދަ 16 ގައި ވާދަކޮށްފަ އެވެ. ނަބާ ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ފިރިހެން ޑަބަލްސް އިން ރާއްޖެ އަށް މެޑަލް ހޯދައިދިން ދެ ޕެއާ ވެސް ވަނީ ސެމީ ފައިނަލުގައި ކުޅެގެން ބަލިވެފަ އެވެ. އެ ގޮތުން، ނިބާލް އާއި އަޖުފާންގެ ޕެއާ ބަލިވީ ޗެމްޕިއަންކަން ހޯދި މެލޭޝިއާގެ ޕެއާ، ޗޮކް ކެން ވެއި އާއި އެންޑީ ޔޫގެ ޕެއާ އަތުންނެވެ. އެއީ 21-09، 21-09 އިން ސެޓުތައް ގޮސްގެންނެވެ.

ޒަޔާން އާއި ނަޝްފާންގެ ޕެއާ ސެމީގައި ބަލިވީ، ދެ ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ ލޫކަސް ޑޫސް އާއި ކެމްޓީޝް ރާއިގެ ޕެއާ އަތުންނެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ، 22-20، 21-17 އިންނެވެ.

ބޮޓްސްވާނާ މުބާރާތުގެ ފިރިހެން ސިންގަލްސްގައި ނިބާލް އާއި ޒަޔާން ވަނީ ގަދަ 16ގައި ވާދަކޮށްފަ އެވެ.

ފިރިހެން ޑަބަލްސް އިން ލޯ މެޑަލް ހޯދި އަޖުފާން (ކ) އާއި ނިބާލްގެ ޕެއާ.