Advertisement

ސިންގަޕޫރުގައި ވަޒަންވެރި ނުވަން، އެނބުރި ރާއްޖެ ދާނަން: އަދީބު

26 ނޮވެންބަރު 2023 - 12:48 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް އަދީބު ވަޑައިގަންނަވަނީ؛ މި ވަގުތު ސިންގަޕޫރުގައި ހުންނެވި ނަމަވެސް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ސިންގަޕޫރުގައި ވަޒަންވެރި ނުވަން، އެނބުރި ރާއްޖެ ދާނަން: އަދީބު

26 ނޮވެންބަރު 2023 - 12:48 0

އެމްއެމްޕީއާރުސީ ހިޔާނާތުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުކުމް ލުއިކުރުމާ އެކު މިނިވަންވެގެން ސިންގަޕޫރަށް ވަޑައިގަނެފައިވާ އަހުމަދު އަދީބު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

އަދީބު މި ވަގުތު ހުންނެވީ ސިންގަޕޫރުގަ އެވެ. އޭނާ މިހާރު ސިންގަޕޫރުގައި ވަޒަންވެރިވެފައިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ. އަދި ބައެއް މީޑިއާތަކުން އެ ގޮތަށް ރިޕޯޓްކޮށްފައި ވެސް ވެ އެވެ.

އަދީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިންގަޕޫރުގައި ހުންނެވީ ބޭސްފަރުވާގެ ބޭނުމަކަށް ކަމަށެވެ. އަދި އެ ކަން ފުރިހަމަ ވުމުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ލިޔުއްވާފައިވެ އެވެ.

"އަޅުގަނޑުގެ ލޮބުވެތި ވަތަނަށް އެނބުރި ދާނަން، އެ ތަނުގައި އަޅުގަނޑުގެ ދެން ހުރި މަސައްކަތްތައް ވެސް ކުރާނީ، އަދި އެ ފަސްގަނޑުގައި އަޅުގަނޑުގެ ހަށިގަނޑު ވަޅުުލާނީ ވެސް،" އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގި އިރު ޓުއަރިޒަމް މިނިސްޓަރު ކަމާއި ފަހުން ނައިބު ރައީސް ކަން ކުރެއްވި އަދީބު ލިޔުއްވާފައިވެ އެވެ.

ކުރީ ސަރުކާރުގައި އަދީބަށް ލުއި ދިނީ އަދަބު ލުއިކޮށް ދިނުމާއި މައާފު ދިނުމުގެ ގާނޫނާއި ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދީބާއެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ވެސް ވަނީ ލުއިކޮށްދެއްވާފަ އެވެ.

ދެ މީހުން ވެސް އޭރު ހުންނެވީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް ސިއްހީ ސަބަބުތަކަށް ޓަކައި ކަމަށް ބުނެ ދެ މީހުން ވެސް ހުކުމް ތަންފީޒު ކުރަމުން ދިޔައީ ގޭބަންދުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ބޮޑު މައްސަލާގައި މިހާތަނަށް ކުށަށް އިއުތިރާފުވެފައިވަނީ ވެސް އަދީބާއި ޒިޔަތު އެކަންޏެވެ. އަދީބާއި ޒިޔަތަކީ، މި ހިޔާނާތުގެ މޭސްތެރިންނެވެ.

މި މައްސަލާގައި ޔާމީން ވެސް ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ރިޔާސީ އިންތިހާބަށް ފަހު އެމަނިކުފާނު ވެސް ވަނީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގަނެވޭ ގޮތަށް ރަށު ބަންދަށް ބަދަލުކޮށްފަ އެވެ. ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށްދާއިރު ދެން އޮތީ އޭގެ ހުކުމެވެ. އަދި އިތުރު ރަށެއް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލައެއްގައި ޔާމީނަށް ދައުވާކޮށް ކޯޓުގައި މައްސަލަ އެބަ އޮތެވެ.