Advertisement

ގައުމީ އެތުލެޓިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމް ސާއިދު އާއި އައިނީ އަށް

26 ނޮވެންބަރު 2023 - 11:25 0

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި ސާއިދު (ވ) އާއި އައިނީ (ކ).-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގައުމީ އެތުލެޓިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމް ސާއިދު އާއި އައިނީ އަށް

26 ނޮވެންބަރު 2023 - 11:25 0

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ހަސަން ސާއިދު އާއި އައިޝަތު އައިނީ މުހައްމަދު ހޯދައިފި އެވެ.

ސާއިދު މި ފަހަރުގެ މޮޅު އެތުލީޓުގެ މަގާމު ހޯދިއިރު، އޭނާ ވަނީ 100 އާއި 200 މީޓަރުން ރަން މެޑަލް ހޯދައިފަ އެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދާފައިވަނީ ދިވެހި ސިފައިންގެ ކްލަބްގެ ސާއިދު އެެވެ.

އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިނީ ވަނީ އަންހެނުންގެ ޑިސްކަސް އުކުމުންނާއި ޝޮޓް ޕުޓް އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. މިއީ ފީލްޑް އިވެންޓްތަކުގައި ވާދަކޮށް އަންހެން އެތުލީޓަކު، ގައުމީ އެތުލެޓިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ހާސިލްކޮށް، ހޯދި ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.

ފާހަަގަކޮށްލެވޭ އެހެން އެތުލީޓުންނަށް ބަލާއިރު، 100 މީޓަރާއި 200 މީޓަރުގެ އަންހެން ބައިން، އެއް ވަނަ ހޯދި ޝަރީފް ސްޕޯޓްސްގެ އަހްނާ ނިޒާރަށް މިއީ ރަނގަޅު މުބާރާތެކެވެ. މެދުކެނޑުމަކަށް ފަހު ދުވުމުގެ ތެރެއަށް އެނބުރި އައިސް، ރަނގަޅު ޓްރެއިނިން އަކަށް ފަހު، ސާއިދު ސްޕޯޓްސްގެ މުހައްމަދު ނާއިލް ވަނީ 400 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ.

ފިރިހެނުންގެ 1500 މީޓަރު ދުވުމުން، އެއް ވަނަ ހޯދީ ނަސީރު ސްޕޯޓްސް އިން ވާދަކުރި ސްރީ ލަންކާގެ ހަބަރަކަޑަ އަރަޗީލާގޭ އެވެ. އޭނާގެ ޓައިމިން އަކީ 3 މިނިޓް 58.32 އެވެ. ދެ ވަނަ އަށް ދިޔަ، ދިވެހި ސިފައިންގެ ކްލަބްގެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް)ގެ ޓައިމިން އަކީ 4 މިނިޓް 03.59 އެވެ. ފަޒީލް ވަނީ 5000 މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެެވެ. އެއީ، 15 މިނިޓް 50.95 އިން ދުވެގެންނެވެ. ދެ ވަނަ އަށް ދިޔައީ އައިލެންޑް ރަނާސް އިން ދުވި ޔޫސުފް އިބްރާހިމް އެވެ. އޭނާގެ ޓައިމިން އަކީ 16 މިނިޓް 51.12 ސިކުންތެވެ.

މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި ޖުމްލަ އެކު، 20 ކްލަބަކުން 214 އެތުލީޓުން ވާދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ، 132 ފިރިހެން އެތުލީޓުންނާއި 82 އަންހެން އެތުލީޓުންނެވެ.