Advertisement

200 މީޓަރު ދުވުމުން ވެސް ސާއިދު އާއި އަހުނާ ރަން މެޑަލް ހޯދައިފި

25 ނޮވެންބަރު 2023 - 08:35 0

ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


200 މީޓަރު ދުވުމުން ވެސް ސާއިދު އާއި އަހުނާ ރަން މެޑަލް ހޯދައިފި

25 ނޮވެންބަރު 2023 - 08:35 0

މިހާރު ކުރިއަށްދާ ގައުމީ އެތުލެޓިކްސް މުބާރާތުގެ 200 މީޓަރު ދުވުމުގެ ރަން މެޑަލް ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދު ހޯދިއިރު، އަންހެން ބައިން އެއް ވަނަ އަހުނާ ނިޒާރު ހޯދައިފި އެވެ.

މާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާ މުބާރާތުގެ ދެވަނަ ރަން މެޑަލް ސާއިދު ހޯދީ ފައިނަލް ހީޓު 22.04 ސިކުންތުން ނިންމައިގެންނެވެ. ދެވަނަ ހޯދީ 22.49 ސިކުންތުން ރޭސް ނިންމި ސާއިދު ސްޕޯޓްސްގެ އަހުމަދު ނަޖުދާން އަބްދުﷲ އެވެ. ތިންވަނަ އަށް ދިޔައީ ސާއިދު ސްޕޯޓްސްގެ އާދަމް ރިފްއަތު އެވެ. އޭނާގެ ޓައިމިން އަކީ 22.95 ސިކުންތެވެ.

200 މީޓަރު ދުވުމުގެ އަންހެން އެއްވަނަ ހޯދީ ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރު އެވެ. އޭނާގެ ޓައިމިން އަކީ 26.75 ސިކުންތެވެ. ދެވަނަ ހޯދީ 27.13 ސިކުންތުން ރޭސް ނިންމި ކުލަބު ރައިވެރިޔާގެ އައިޝަތު ނަ'އާދު އަސަދު ވަޖްދީ އެވެ. ތިންވަނަ އަށް ދިޔައީ 28.10 ސިކުންތުން ރޭސް ނިންމި ރިފާ މުހައްމަދު އެވެ.

އިއްޔެ ނިމުނު އެހެން އިވެންޓުތަކަށް ބަލާއިރު 1500 ދުވުމުގެ ފިރިހެން އެއްވަނަ ހޯދީ ނަސީރު ސްޕޯޓްސްގެ ލަންކާ ދުވުންތެރިޔާ ހަބަރަކަޑަ އަރަޗިލަގޭ އެވެ. އޭނާގެ ޓައިމިން އަކީ 3 މިނެޓު 58.32 ސިކުންތެވެ. މިއީ މިހާތަނަށް ގައުމީ މުބާރާތެއްގެ އެންމެ އަވަސް ޓައިމިން އެވެ. ލަންކާ ދުވުންތެރިޔާގެ ފަހަތުން ދެވަނަ ހޯދީ ހުސައިން ފަޒީލް ހާރޫން އެވެ. އޭނާގެ ޓައިމިން އަކީ ހަތަރު މިނެޓު 03.59 ސިކުންތެވެ.

1500 މީޓަރު ދުވުމުގެ އަންހެން ބައިން އެއްވަނަ ހޯދީ ފަސުހާ އަހުމަދު އެވެ. ޓްރެކް އެންޑް ފީލްޑް އެސޯސީއޭޝަންގެ ފަސުހާ އެއްވަނަ ހޯދީ 5 މިނެޓު 13.80 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެވަނަ އަށް ދިޔައީ ކުލަބު ރައިވެރިޔާގެ ހައްވާ ޖަދުއާ މުސްތަފާ އެވެ. ތިންވަނަ ހޯދީ ނަސީރު ސްޕޯޓްސްގެ އާމިނަތު ލުމާ އަސްލަމް އެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ 1500 މީޓަރު ދުވުމުގައި ފަސޫހާ ދުވަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މުބާރާތުގެ އަންހެން ޓްރިޕަލް ޖަމްޕް އެއްވަނަ ހޯދީ ޓްރެކް އެންޑް ފީލްޑްގެ މަލްޝީ ހަސަރަންގީ އެވެ. 10.32 މީޓަރު ދުރަށް އޭނާ ފުންމިއިރު، ދެވަނަ ހޯދީ ކުލަބު ރައިވެރިޔާގެ އައިޝަތު ޝައިމް އަޒީޒު އެވެ. ޝައިމް ވަނީ 10.15 މީޓަރު ދުރަށް ފުންމާފަ އެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އޮންނަ އަހުނާ އަށް މިފަހަރު ފުންމުނީ 9.96 މީޓަރަށެވެ.

ފިރިހެނުންގެ ޑިސްކަސް އުކުމުން އެއްވަނަ ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ޝަމްއޫން އެވެ. 29.45 މީޓަރު ދުރަށް އޭނާ ޑިސްކަސް އުކިއިރު، ދެވަނަ ހޯދި މުހައްމަދު ފައިޒާން ފައިސަލް އަށް އެއްލުނީ 26.91 މީޓަރު ދުރަށެވެ. ތިންވަނަ ހޯދީ ޝަރީފް ސްޕޯޓްސްގެ މުހައްމަދު ހަމްދާން އަލީ އެވެ.

އަންހެނުންގެ ޑިސްކަސް އުކުމުން އެއްވަނަ ހޯދީ އަައިޝަތު އައިނީ މުހައްމަދު އެވެ. ޓްރެކް އެންޑް ފީލްޑްގެ އައިނީ ވަނީ މީޓު ރެކޯޑެއްކަމަށްވާ 32.46 މީޓަރު ދުރަށް އެއްލާފަ އެވެ. މި އިވެންޓުން ދެވަނަ އަދި ތިންވަނަ ހޯދި ދެ ބައިވެރިންގެ ސްކޯ އަކީ ކުރިން ގައުމީ މުބާރާތުގެ ރެކޯޑު ސްކޯއަށްވުރެ ރަނގަޅު ސްކޯތަކެކެވެ. މިގޮތުން ދެވަނަ ހޯދި އައިޝަތު ޝާޔާ ޝަފީއު ވަނީ 31.49 މީޓަރަށް އުކާފަ އެވެ. ތިންވަނަ ހޯދި ކުޑަ ހުސެން ސްޕޯޓްސް އެކަޑެމީގެ ޝްރީޖާ ސިންގް ވަނީ 31.04 މީޓަރު ދުރަށް އުކާފަ އެވެ.

އަންހެނުންގެ ޝޮޓްޕުޓް އެއްވަނަ ހޯދީވެސް ޓްރެކް އެންޑް ފީލްޑްގެ އައިނީ އެވެ. ދެވަނަ ހޯދީ ޓްރެކް އެންޑް ފީލްޑްގެ އައިޝަތު ޝާޔާ ޝަފީއު އެވެ. ތިންވަނަ އަށް ދިޔައީ ކުލަބު ރައިވެރިޔާގެ ކައުސަރު އާދަމް އެވެ.