Advertisement

އޭ ލޮބުވެތި ވެރީންނޭވެ!

24 ނޮވެންބަރު 2023 - 10:32 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


އޭ ލޮބުވެތި ވެރީންނޭވެ!

24 ނޮވެންބަރު 2023 - 10:32 2

އޭ ލޮބުވެތި ވެރިންނޭވެ! ތިޔަ ފަތްކޮޅުގައި އެވަނީ އަހަރެމެން ރައްޔިތުންގެ އުއްމީދުތައްކަން ދަންނައްޗެވެ. އެ ފަތްކޮޅަކީ، އަހަރެމެންގެ ހިތުގައި ރޯވެފައިވާ އުއްމީދުގެ ހުޅުކޮޅު، ފަސާދައިގެ ގިންޏަށް ހަދަން ވިހޭ ފަންކާ ކަމުގައި ނުހަދައްޗެވެ. އެ ފަތްކޮޅަކީ، ޚިޔާނާތާއި އަނިޔާގެ ހުއްދަކަމުގައި ނުބަލައްޗެވެ. އެ ފަތްކޮޅަކީ ޖަވާބުދާރީވުމުން ރެކެން ދިއްކުރާ އައްޑަނައަކަށް ނުހަދައްޗެވެ.

އޭ ޒިންމާދާރު ވެރީންނޭވެ! ތިޔަ ލިބުނު މަންސައަކީ، ޖަމާޢަތުގެ މަސްލަޙަތު އިސްކުރާ މަންސައަކަށް ހަދައިދެއްޗެވެ. ތިޔަ ލިބުނު އާރާއި ބާރުގެ ބަދަލުގައި އޯގާތެރިކަމާއި އިޚުލާސްތެރިކަން ދައްކައްޗެވެ. ތިޔަ ލިބުނު ބޮޑު މުސާރައިން ހޭދަވާ ކޮންމެ ފައިސާ ފޮއްޗަކީ ޙައްޤު އެއްޗެއްކަމުގައި ހަދައްޗެވެ. ތިޔަ ފިނި ކޮޓަރީގެ ދޮރު، ނިކަމެތިންނަށް އަބަދުވެސް ހުޅުވައިދެއްޗެވެ. ތިޔަ ގަލަމުގެ ތުނޑުން، ޤާނޫނު ނަގަހައްޓައްޗެވެ.

އޭ އޯގާތެރި ވެރީންނެވެ! އަނިޔާލިބޭ މީހާއަށް ޙައްޤު ހޯދައިދެއްޗެވެ. ނިކަމެތި މީހާއަށް އޯގާތެރިވައްޗެވެ. ޙައްޤުބަސް ބުނާ މީހާގެ އަޑުއަހައްޗެވެ. ފަންނީ ލަފަޔާއި އިޚުލާސްތެރި ނަޞޭޙަތް ބަލައި ގަންނައްޗެވެ. ޢިލްމާއި ޙިލްމަށް ޙައްޤު މަޤާމު ދެއްޗެވެ.

އޭ އަމާނާތްތެރި ވެރީންނޭވެ. ތިމާގެ މަސްލަޙަތު ޤައުމަށްވުރެ އިސްނުކުރައްޗެވެ. ޖާހާއި މަޤާމާއެކު ޒިންމާތައް ވާކަން ދަންނައްޗެވެ. ރައްޔިތުންގެ އެންމެ ލޯ ލާރިއެއްގައިވެސް ނުޖެހެއްޗެވެ. ތެދު ބަހުން މެނުވީ މުއާމަލާތު ނުކުރައްޗެވެ. ޤައުމާއި ދީނަށް ލޯބިކުރައްޗެވެ. ޘަޤާފަތާއި އާދަކާދައަށް ހަޖޫ ނުޖަހައްޗެވެ. ފޮޓޯ އޮޕަށް ނޫނަސް ޤައުމިއްޔަތު ދައްކައްޗެވެ.

އޭ ޙިކުމަތްތެރި ވެރީންނޭވެ! ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ނޫޅެއްޗެވެ. ރައްޔިތުންގެ ވިސްނުން ކޮށިކަމުގެ ކުށްހީ ނުގެންގުޅެއްޗެވެ. ރައްޔިތުންނާ މެދު ތަޢައްޞަބުތައް ނުގެންގުޅެއްޗެވެ. ރައްޔިތުންގެ އާރާއި ބާރު، ތާޖާއި ތަޚުތަށްވުރެ މަތިވެރިކަން ދަންނަށްޗެވެ. ނިޔާ އާއި އަނިޔާ ދަސްކުރައްޗެވެ. އިންސާފުގެ ކުރިމަތީ އިސްޖަހައްޗެވެ. ޤާނޫނަށް ބޯލަނބައްޗެވެ. ތިމާގެ މަޤާމު އެއެއްގެ މައްޗަށް ބަރޯސާވާ ޑިމޮކްރެޓިކް ނިޒާމަށް ޚިޔާނާތްތެރިނުވައްޗެވެ.

އޭ ޤައުމުގެ ވެރީންނޭވެ! އަހަރަމެންނާ އެއްސަފެއްގައި ހިނގާން ފަސްނުޖެހެއްޗެވެ. ވެރިކަމުގެ ކޮއިލުން ނިކުމެލައި، ރައްޔިތުންނާ މިލި އުޅެން ޖެހިލުންނުވައްޗެވެ. ދޭތެރެ ދޭތެރެއިން ރައްޔިތުންގެ ޙާލު ގާތުން ބަލާލައްޗެވެ. ބައެއްފަހަރު، ތިޔައީވެސް ހަމަ އަހަރެމެން ފަދަ އިންސާނުންކަން ހަނދާންކޮށްލައްޗެވެ. ބޭރުގެ އިންވެސްޓަރުންނާއި މުދާވެރިންނަށް ބަލާލާ ބީދައިން، ބައެއް ފަހަރު ވުޒާރާތަކާއި ގަނޑުވަރުދޮށުގައި ސަލާންޖަހާ މީހާއަށްވެސް ބަލާލައްޗެވެ.

އޭ ޤައުމުގެ ވެރީންނޭވެ! ލޯގަނޑު ކުރިމައްޗަށް ހުއްޓި ކަފްލިންކްސް ރަނގަޅުކޮށްލާއިރު، ތިމަންނާގެ ޒިންމާ އެބަ އަދާކުރެވޭތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލައްޗެވެ. ގާތުގައި ތިބޭ މީހުންގެ ޘަނާ ކިޔުމުގެ އަޑުފައްގަނޑުގެ ތެރޭ ހިތާއި ޟަމީރު އިއްވާ ތެދުބަސް ކަފުން ނުކުރައްޗެވެ. ލެދަރު ބޫޓަށް މޮޅު އިސްޓާކީނު ލެއްވި ފައިތިލަ ކޮއްޕާލާ ހިނދު، ނިކަމެތި ރައްޔިތުންގެ ފިޔަވަޅުމަތީ ހިނގަންޖެހޭކަން ހަނދާނުގައި ބަހައްޓައްޗެވެ.

އޭ ދިވެހީންގެ ވެރީންނޭވެ! އަހަރެމެން ޤައުމުގެ ލަގަން ތިޔަ އަތްތަކަށް މި ދޫކުރީ ކިހާ އިތުބާރަކާ އެކުގައިކަން ހަނދާންކުރައްޗެވެ. މަސްއޫލިއްޔަތުތަކަށް ފަރުވާތެރިވައްޗެވެ. ނުބައި ވަސްވާސްތަކަށް ފާރަވެރިވައްޗެވެ. ފަސް އަހަރު ފަހުން ހިސާބު ކިތާބު ބަލާއިރު، މިއަށްވުރެ ފަހި ދިވެހިރާއްޖެއެއް އަހަރެމެންނަށް ދައްކައްޗެވެ.