Advertisement

ވަގުފު ރިޒޯޓެއް ތަރައްގީ ކުރުން

24 ނޮވެންބަރު 2023 - 07:32 4

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ވަގުފު ރިޒޯޓެއް ތަރައްގީ ކުރުން

24 ނޮވެންބަރު 2023 - 07:32 4

މިސްކިތު ފަންޑު ފުޅާކުރުމަށް އިތުރު ވަގުފު އިމާރާތެއް އެޅުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭކަމުގެ މައުލޫމާތު މިހާރުވަނީ އާންމުކުރައްވާފަ އެވެ. ވަގުފުގެ ގޮތުގައި މި ފަހުން ރާއްޖޭގައި ހިންގުނު އެންމެ ބޮޑު މަޝްރޫއަކީ ދާރުލްއީމާންގެ ނަމުގައި ބިނާކުރެވިފައިވާ އިމާރާތެކެވެ. މި އިމާރާތް ކުއްޔަށްދީގެން އާމުދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް ހަ މިލިޔަނެއްހާ ރުފިހާ ލިބޭކަމަށް ހިސާބުތަކުން ދައްކަ އެވެ. އިސްލާމްދީނުގައި އޮންނަ ވަގުފުގެ ކޮންސެޕްޓަށް މިހާރުގެ އިސްލާމިކް މިނިސްޓަރު ބަހައްޓަވާ ސަމާލުކަމާއި އަހަންމިއްޔަތުކަމަކީ އެކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާވާ ކަމެއް ކަމަށްވާތީ، ތަރުހީބާއި ތާއީދުގެ މަގުން ވަގުފުގެ މައުލޫގައި އެއްޗެއް ބުނެލުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އަޅުގަނޑު ގަސްދުކުރަމެވެ.

ވަގުފުގެ މަފްހޫމަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އާލާކުރަންޖެހޭ މަފުހޫމެއް ކަމުގައި އަޅުގަނޑަށް ފެނެ އެވެ. އޭގެ ސަބަބު އަޅުގަނޑު ދައްކާނީ މިސާލަކުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި އެހީގެ ގޮތުގައި އެމީހަކަށް ދެވޭނެ ވަރެއް ދިނުމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތެއްގެ ދައުވަތާއެކު ދިވެހިން އެތައް މިލިޔަން ރުފިޔާއެއް އެކަމަށްޓަކައި ހެޔޮ ހިތުން ސަދަގާތްކުރެ އެވެ. ދެން އެ ފައިސާއަށް ތަކެތި ގަނެފައި ނުވަތަ ފައިސާ ހުރި ގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް ފޮނުވެ އެވެ. މިސާލަކަށް އެ ފައިސާއިން ދާރުލްއީމާން ކަހަލަ އިމާރާތެއް އެޅުމަށް ފަހު އެތަން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ވަގުފުކޮށްފިނަމަ، އެތައް ގޮތަކުން ސަވާބު އިތުރުވެގެންދާނެ ދެމިގެންދާ ސަދަގާތެއް އުފެއްދިގެންދެ އެވެ. އަދި ސަވާބުގެ ގޮތުން ބެއްޔަސް ސަވާބު އެތައް ގުނަޔަކަށް އިތުރުވެގެންދެ އެވެ. މަދުލާރިކޮޅެއް ހަރަދުކޮށްގެން މާބޮޑު އެހީތެރިކަމެއް ފަލަސްތީނު ރައްޔިތުންނަށް ދާއިމީ ގޮތެއްގައި އޭރަށް ދެވެމުންދާނެ އެވެ.

ވަގުފުގެ ލަފުޒީ މާނައަކީ ހުއްޓާލުމެވެ. ދީނީ ގޮތުން މިކިޔާ ވަގުފު ކުރުމަކީ، އިލްމުވެރިންގެ ބަހުން ދަންނަވާނަމަ، އެއްޗެއްގެ އަސްލު ބާއްވާފައި އޭގެ ލިބެމުންދާ މަންފާ ﷲ ގެ މަގުގައި ވަގުފުކުރެވޭ ފަރާތަށް ދޫކޮށްލުމެވެ. އެންމެ ކައިރިން މިސާލެއް ނަގާނަމަ، ދާރުލްއީމާނަކީ ވަގުފުކުރި މީހަކު އޭނާގެ ހަރަދުގައި އިމާރާތްކޮށްފައިވާ އިމާރާތެކެވެ. އެއިމާރާތް ކުއްޔަށްދީގެން ލިބޭ ފައިސާ އޭނާ ނުނަގާނެ އެވެ. އޭނާ ވަނީ އެ އިމާރާތް ވަގުފުކޮށްފަ އެވެ. އެހެންވީމާ އެ އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިސާ ނުވަތަ އެ އިމާރާތް އެހެންވެސް ގޮތަކުން ވިޔަފާރީގެ ބޭނުމަށް ބޭނުން ކޮށްގެން ލިބޭ ނަފާ އެވައްދަނީ މިސްކިތު ފަންޑަށެވެ. އެއިން ހަރަދު ކުރާނީ މިސްކިތްތަކަށެވެ. ﷲ ގެ މަގުގައެވެ. ވަގުފުގެ އަޙްކާމްތަކަށް ބަލާއިރު، އެ ފައިސާ މިސްކިތު ފަންޑަށް ވައްދަނީ ކޮންމެހެން ޝަރުތަކަށްވެގެނެއް ނޫނެވެ. ވަގުފުގެ ގޮތުގައި ބިނާ ކުރެވޭ އިމާރާތަކުން ލިބޭ އާމުދަނީން ބަޔަކަށް ތައުލީމު ވެސް ހާސިލުކޮށްދެވިދާނެ އެވެ. ބޯހިޔާވަހިކަންވެސް ފޯރުކޮށްދެވިދާނެ އެވެ. އޭގައި ޝަރުތުވަނީ ވަގުފު ކުރެވުނު ފަރާތަށް އޭގެ މަންފާ ލިބެމުންދިއުމެވެ. ހަބަރުން އެނގޭ ގޮތުގައި، އެ އިމާރާތް ބިނާކޮށްފައިވަނީ 23 މިލިޔަން ޑޮލަރަށެވެ. މިސާލަކަށް އެ ތޭވީސް މިލިޔަން ޑޮލަރު މިސްކިތު ފަންޑަށް ހުރި ގޮތަށް ލައިފިނަމަ، ހޭދަކުރާ މީހާއަށް ލިބޭނީ، 23 މިލިޔަން ޑޮލަރު ސަދަގާތްކުރުމުގެ ސަވާބެވެ. އެކަމަކު މަންފާ ދެމިގެންދާ އިމާރާތެއް އެޅުމުން، އެތަނުން ލިބޭ ފައިސާ މިސްކިތު ފަންޑަށް ވަންނަމުންދާހާ ހިނދަކު އޭނާއަށް އޭގެ މިންވަރުގެ މައްޗަށް އެތައް ގުނައެއް އިތުރުވެ ސަވާބު ލިބެމުންދެ އެވެ.

އިސްލާމީ ތާރީހުގެ ރަންޒަމާނުގައި، މުސްލިމް ވިޔަފާރިވެރިން އެބައިމީހުންގެ ބިންތަކާއި މުދާތައް އަދި އިންވެސްޓްމެންޓްތައް ވަގުފުކުރުމަކީ ވަރަށް އާންމުކޮށް ފެތުރިފައި އޮތް އާދައެކެވެ. އަދި އިސްލާމީ ސިވިލައިޒޭޝަންތަކުގައި އިޖުތިމާއީ އަދި އިގުތިސާދީ އެތައް މައްސަލަތަކެއް ހައްލުވެގެންދިއުމަށް މެދުވެރިވި ވަރަށް އަސާސީ މުހިންމު ސަބަބަކަށް ވަގުފުގެ މަޝްރޫޢުތައް ވެގެންގޮސްފައިވެއެވެ. އިސްލާމީ ތާރީހުގެ ރަންޒަމާނުގެ ސަފުހާތައް އުކާލާއިރު، ހިލޭ ބޭސްފަރުވާ ކޮށްދީފައި އަދި ދިގު މުއްދަތަކަށް އެޑްމިޓް ވެގެން ފަރުވާ ލިބޭ ގޮތަށް ހުރެފައި، މިހުރިހާ ކަމެއް ހިލޭ ލިބޭއިރު، އަދި އެމީހާ ބަލި ފަސޭހަ ވެގެން މުޖުތަމައަށް ނުކުންނަން ދާއިރު، ދިރިއުޅުމަށް އަލުން އިއާދަވުމަށް އެހީތެރިކަމެއްގެ ގޮތުން ފައިސާގެ މިންވަރެއް ވެސް ދޭގޮތަށް އިންތިޒާމުވެފައިވާ ހޮސްޕިޓާތަކުގެ ވާހަކަ އަހަރެމެން އިސްލާމީ ތާރީހުން ކިޔަމެވެ. ސަވާބު ހޯދުމަށްޓަކައި ވިޔަފާރިވެރިން ހިންގާފައިވާ ވަގުފުކުރުމުގެ މިބާވަތުގެ މަޝްރޫޢުތައް އިންސާނީ ތާރީހުން މިޔަށްވުރެ ބެބުޅުންގަދަކޮށް އެހެން އެއްވެސް ބަޔެއްގެ ތާރީހުން ނުފެންނާނެއެވެ.

އެހާ ބައިވަރު ލާރި އެގޮތަށް ހަރަދުކުރުމުގެ ބޭނުމަކީ ކޮބައިތޯ މީހަކު ސުވާލުކޮށްފާނެ އެވެ. އެއީއަކީ މުސްލިމުން ހައިރާންވާންޖެހޭ ކަމަކަށް ނުވެއެވެ. ތައުބާ ސޫރަތުގެ 111 ވަނަ އާޔަތް ބައްލަވާށެވެ! "ހަމަކަށަވަރުން ﷲ މުއުމިނުންގެ ކިބައިން އެމީހުންގެ ނަފުސުތަކާއި، މުދާތައް، އެމީހުންނަށް ސުވަރުގެ ހުރިކަން އަންގަވައި، ބައްލަވައިގަތެވެ." އާލް ޢިމްރާން ސޫރަތުގެ 92 ވަނަ އާޔަތް ވެސް ބައްލަވާށެވެ! "ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށްދާނދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެއެވެ. އަދި، ތިޔަބައިމީހުން ހޭދަކުރާ ކޮންމެ އެއްޗެއް، ފަހެ، ހަމަކަށަވަރުން، ﷲ އެ އެއްޗެއް މޮޅަށް ދެނެވޮޑިގެންވެއެވެ." އަދި އަލްބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތުގައި އަންގަވަނީ، "ﷲ ގެ މަގުގައި، އެމީހުންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. ﷲ އިރާދަކުރައްވާ މީހަކަށް ސަވާބު ގިނަގުނަ ކުރައްވައެވެ. އަދި، ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." މިހެންނެވެ.

އާދޭހެވެ! އަޅުގަނޑުގެ މައުލޫގެ މަތީން ހަނދާނެއް ނުނެތެއެވެ. އަޅުގަނޑުގެ މައުލޫއަކީ ވަގުފު ރިޒޯޓެއްގެ ތަރައްގީކުރުމުގެ ވާހަކަ އެވެ. ވަގުފު އިމާރާތެއްގެ ބިންގާ ދާދި އަވަހަށް އެޅިގެންދާނެ ކަމަށް ސަރުކާރުން ވަނީ މިހާރު އިއުލާނުކުރައްވާފަ އެވެ. އަދި ދާރުލްއީމާންގެ ނަމުގައި އެޅިފައިވާ ވަގުފު އިމާރާތުން ލިބޭ އާމުދަނީން އަހަރެމެން ދިވެހިން މިދަނީ މިސްކިތްތަކަށް ހޭދަކުރަމުންނެވެ. ދިވެހިންނަށް ލިބިފައިވާ އެންމެ އަގު ބޮޑު އެކައްޗަކީ ހިމުން ދޮންވެލި ތުނޑިތަކާއި އަރާމުލިއްބައިދެނިވި ގޮނޑުދޮށްތަކާއި ރީތި ސާފުމޫދާއި ފަޅުތަކުގެ މައްޗަށް ހިމުންވެފައިވާ އަޅުގަނޑުމެންގެ ރީތި ރަށްތަކެވެ. ދިވެހިންނަށް އެންމެ ގިނަ ފައިސާ ލިބި އާމުދަނީ ވަންނަނީ، މިދެންނެވި ރަށްތަކުގެ މަންފާ ދުނިޔޭގެ އެހެން މީހުންނަށް ވިއްކައިގެންނެވެ.

ވީއިރު، ހެދިފައިވާ ރިޒޯޓެއް ވަގުފުކުރާނެ ދިވެހި ވިޔަފާރިވެރިއަކު ނެތްނަމަ، އެފަދައިން އޭގެ ފައިދާ ﷲ ގެ މަގުގައި ވަގުފުކުރާނެ ރިޒޯޓެއް ތަރައްގީ ކުރާނެ ﷲ ގެ ސަވާބާއި ދަރުމައަށް އެދިހުރި ވިޔަފާރިވެރިއަކު އަޅުގަނޑުމެންނަށް ހޯދިދާނެ އެވެ. ދާރުލްއީމާންއަކީ ބޭރުގެ ފަރާތަކުން 23 މިލިޔަން ޑޮލަރު އިންވެސްޓްކޮށް ހަދާފައިވާ އިމާރާތެއްކަމަށް ހަބަރުން އެނގެ އެވެ. މިދެންނެވުނު ވަގުފު ރިޒޯޓު ވަގުފުކުރަނީ، އިޖުތިމާއީ ދަތިތައް ދިމާވެފައިވާ ދިވެހިންނަށްކަމުގައި ހެދިދާނެ އެވެ. އޭރަށް އެ ރިޒޯޓުން ލިބޭ ނަފާއިން އެތައް ގުނަ އިޖުތިމާއީ މައްސަލަތަކެއް ހައްލުވުމަށް ހާދަހާވާ ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހިމެނޭގޮތުންނާއެކީގަ އެވެ.

އާދޭހެވެ! އަޅުގަނޑު މިދަންނަވާ ވައްތަރު ރިޒޯޓުން ބަނގުރާއެއް ނުލިބޭނެ އެވެ. އަދި އޫރުމަހެއް ވެސް ނުލިބޭނެ އެވެ. އެކަމަކު އަނެކުންނަށް ނުފެންނާނެހެން ތިމާގެ އަމިއްލަ ޕްރައިވެސީ ތަނަވަސް ގޮތެއްގައި ލިބެމުންދާނެ އިންތިޒާމަކުން ދޮންވެލި ބީޗްތަކުގެ އަރާމު ހޯދައިގަނެވޭނެ ގޮތަކަށް ރިޒޯޓު ޑިވެލޮޕްކުރެވިދާނެ އެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ، އިސްލާމީ ގިޔުގަނޑަށް ފެތޭ ރިޒޯޓެކެވެ.

އަޅުގަނޑަށް ވެސް އެނގެ އެވެ. ވަރަށް ގިނަ މުސްލިމުން ވެސް ރިޒޯޓުތަކުގައި ރާބޮއި އުޅެ އެވެ. މީހަކު ބުނެފާނެ ވާހަކައަކީ، ރާ ނުލިބޭ ރިޒޯޓެއް ހިނގާފާނެތޯ ކުރާ ސުވާލެވެ. އޭގެ ޖަވާބު އަޅުގަނޑު މިދެނީ އެވެ. އިސްލާމްދީނަށް ފުރިހަމައަށް ތަބާވާ މުސްލިމް ޓޫރިސްޓުންނަކީ މަދުބަޔެއް ނޫނެވެ. ރާއްޖޭގެ ކާމިޔާބު ގެސްޓްހައުސް ވިޔަފާރިއަކީ ރަލާއި އޫރު މަހާ ނުލައި ކުރެވެމުންދާ ވިޔަފާރިއެކެވެ. އަދި ރާއްޖޭގެ އަގުބޮޑު ރިޒޯޓުތަކަށް ވުރެ މި ދަންނަވާ ރިޒޯޓު އަގު ހެޔޮކޮށްލެވިދާނެވެސްމެ އެވެ. ކޮންމެ ގޮތެއް ވިޔަސް އޭގެ ނަފާ ލިބެނީ ވަގުފު ކުރެވޭ ފަރާތަށެވެ. އޭގެ ނަތީޖާއިން ހައްލުވެގެންދާނީ އެތައް ބަޔެއްގެ މައްސަލަތަކާއި ދަތިތަކެވެ. މިއީ ރާއްޖޭގެ އިސްލާމީ ޓޫރިޒަމްގެ ފެށުންކަމުގައިވެސް ވެގެންދާނެކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެތް ނުހިނގައެވެ.

އަދި ރާއްޖޭގައި ހަތަރު ފަސް ހަ ރިޒޯޓު މިލްކުވެރިވެފައިވާ ފަރާތަކުން އެންމެ ރިޒޯޓެއް އިސްލާމީ ގިޔުގަނޑަށް ފައްތާލާފައި، އަދި ކުޑައިކޮށް އަގުހެޔޮކޮށްލާފައި ނަމަވެސް، ދިވެހި ރައްޔިތުންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަގުފުކޮށްފިނަމަ، އޭނާއަށް ބާކީ އޮތް ހަތަރު ރިޒޯޓު ހަމަ އޮންނާނެ އެވެ. އެކަމަކު އޭނާއަށް ލިބެމުންދާނެ ސަވާބުގެ ބޮޑުކަމާއި ގިނަގުނަކަމެވެ. އަދި ހައްލުވެގެންދާނެ އެތައް ބަޔެއްގެ ގިނަގުނަ މައްސަލަތަކުގެ އަދަދެއް ނެތްތާނގައި، އެބައިމީހުންގެ ހެޔޮދުއާ އޭނާއަށް ލިބެމުންދާނެ މިންވަރު އޮތީ ހިތަށް އަރުވާލުންނޫންތޯއެވެ. އަލްބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތް އެފަދަ ވިޔަފާރިވެރިން ގިނަގުނައިން ކިޔަވައި އެއާޔަތަށް އީމާންވާނެނަމަ ކޮންފަދަތޯއެވެ؟