Advertisement

ގައުމީ އެތުލެޓިކްސް މުބާރާތް: ސާއިދު ފެށީ ރަނަކުން، ސުޒޭނު އަށް ދެ އިވެންޓަކުން ރަން މެޑަލް

24 ނޮވެންބަރު 2023 - 10:06 0

ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުން ކާމިޔާބުކުރުމަށްފަހު ސާއިދު އުފާފާޅުކުރަނީ- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ގައުމީ އެތުލެޓިކްސް މުބާރާތް: ސާއިދު ފެށީ ރަނަކުން، ސުޒޭނު އަށް ދެ އިވެންޓަކުން ރަން މެޑަލް

24 ނޮވެންބަރު 2023 - 10:06 0

ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރަން މެޑަލް ހަސަން ސާއިދު އާއި އަހުނާ ނިޒާރު ހޯދިއިރު، ފީލްޑް ދެ އިވެންޓަކުން ސުޒޭން މުހައްމަދު ރަން މެޑަލް ހޯދައިފި އެވެ.

200 އަށްވުރެ ގިނަ އެތުލީޓުންނާއިއެކު މިއަދު ފެށި ގައުމީ އެތުލެޓިކްސް މުބާރާތުގައި މިއަދު އެންމެ ފޯރިގަދަކޮށް ދިޔަ އިވެންޓަކި 100 މީޓަރު ދުވުމެވެ. މި އިވެންޓުގެ ފިރިހެން ރަން މެޑަލް ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދު އެވެ. 10.88 ސިކުންތުން ސާއިދު ރޭސް ނިންމިއިރު، ދެވަނަ ހޯދި ސާއިދު ސްޕޯޓްސްގެ އަހުމަދު ނަޖުދާން އަބްދުﷲގެ ޓައިމިން އަކީ 11.12 ސިކުންތެވެ. އޭނާގެ ފަހަތުން ތިންވަނަ ހޯދި ސާއިދު ސްޕޯޓްސްގެ އިބްރާހިމް ނާހިލް ނިޒާރު ރޭސް ނިންމީވެސް ހަމަ 11.12 ސިކުންތުންނެވެ. ފޮޓޯ ފިނިޝް ޓެކްނޮލޮޖީއަށް ބަލައިގެން ނަޖުދާންއަށް ކުރި ލިބެނީ ހަނި ފަރަގަކުންނެވެ.

100 މީޓަރު ދުވުމުގެ އަންހެން އެއްވަނަ ހޯދީ ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރު އެވެ. 12.77 ސިކުންތުން އަހުނާ ރޭސް ނިންމިއިރު، ދެވަނަ ހޯދި ސާއިދު ސްޕޯޓްސްގެ އާމިނަތު ޒައިން ޒަފަރުގެ ޓައިމިން އަކީ 13.15 ސިކުންތެވެ. ތިންވަނައަށް ދިޔައީ 13.40 ސިކުންތުން ރޭސް ނިންމި އައިޝަތު ޝައިމް އަޒީޒު އެވެ.

5000 މީޓަރު ދުވުމުގެ ފިރިހެން ބައިގެ އެއްވަނަ ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ފަޒީލް ހާރޫން އެވެ. އޭނާ ރޭސް ނިންމީ 15 މިނެޓު 50.95 ސިކުންތުންނެވެ. ދެވަނަ ހޯދި އައިލެންޑް ރަނާސްގެ ޔޫސުފް އިބްރާހިމްގެ ޓައިމިން އަކީ 16 މިނެޓު 51.12 ސިކުންތެވެ. ތިންވަނަ އަށް ދިޔައީ 17 މިނެޓު 00.02 ސިކުންތުން ރޭސް ނިންމި ދިވެހި ސިފައިންގެ ކުލަބުގެ ޝިފާޒް އިބްރާހިމް އެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ 5000 މީޓަރު ދުވުން ކާމިޔާބުކުރުމަށްފަހު ފަޒީލް އުފާފާޅުކުރަނީ- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މި އިވެންޓުގެ އަންހެން އެއްވަނަ ހޯދީ 22 މިނެޓު 23.49 ސިކުންތުން ރޭސް ނިންމި އެލީޓް ރަނާސް މޯލްޑިވްސްގެ ނިޒްމީނާ އަހުމަދު އެވެ. ދެވަނަ އަށް ދިޔައީ ކުޑަ ހުސެއިން ސްޕޯޓްސް އެސޯސިއޭޝަންގެ ސަލްޝަލް މުބީން ޖަލީލް އެވެ. ތިން ވަނަ ހޯދީ ނަސީރު ސްޕޯޓްސްގެ މަރިޔަމް ނޫޔާން ނިޔާޒު އެވެ.

ފުރަތަމަ ދުވަހުގެ ނަތީޖާތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ފީލްޑް ތިން އިވެންޓަކުން ދިވެހި ސިފައިންގެ ކުލަބުގެ ސުޒޭނު މުހައްމަދު އެއްވަނަ ހޯދުމެވެ. މިގޮތުން އޭނާ ވަނީ ފިރިހެނުންގެ ހައި ޖަމްޕް އަދި ޖެވެލިން އުކުމުން އެއްވަނަ ހޯދާފަ އެވެ.

ހައި ޖަމްޕްގެ އެއްވަނަ ސުޒޭނު ހޯދީ 1.70 މީޓަރު އުހަށް ފުންމައިގެންނެވެ. އޭނާގެ ފަހަތުން ދެވަނަ އަށް ދިޔައީ 1.65 މީޓަރަށް ފުންމި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޔޫސުފް ނައިކް ވަޖީހު އެވެ. ތިންވަނަ އަށް ދިޔައީ ދިވެހި ސިފައިންގެ ކުލަބުގެ މުހައްމަދު ޖައިލަމް ވަހީދު އެވެ.

ޖެވެލިން އުކުމުން އެއްވަނަ ސުޒޭނު ހޯދީ 40.01 މީޓަރު ދުރަށް އެއްލައިގެންނެވެ. އޭނާގެ ފަހަތުން ދެވަނަ ހޯދީ ސިފައިން ޓީމްގެ އަހުމަދު މައުމޫރު އެވެ. 39.18 މީޓަރަށް މައުމޫރު ޖެވެލިން އެއްލިއިރު، ތިންވަނަ އަށް ދިޔަ ޒިފިއަސް ސްޕޯޓްސް ކުލަބުގެ އަލީ އަހުސަން އަށް އެއްލުނީ 33.22 މީޓަރަށެވެ.

އިއްޔެ ކުރިއަށްދިޔަ ޓްރިޕަލް ޖަމްޕްގެ އެއްވަނަ ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ ނުޖޫމް ހަސަން އެވެ. އޭނާގެ ފަހަތުން ދެވަނަ ހޯދީ ނަސީރު ސްޕޯޓްސްގެ އިބްރާހިމް ރާއިޝް އަބްދުލްއަޒީޒު އެވެ. ތިންވަނަ ހޯދީ ސާއިދު ސްޕޯޓްސްގެ މުހައްމަދު ނާއިލް އެވެ.