އެފްކޮންސްއިން ކުރިއަށް ގެންދާ ބްރިޖު މަޝްރޫއުގެ އަދާހަމަ -- ފޮޓޯ: އިޔާން/ އަދަދު
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތްތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަށައިގަތް 500 މިލިއަން ޑޮލަރުގެ ބިޔަ ބޮޑު މަޝްރޫއެކެވެ. އެހެން ނަމަވެސް އެ ވެރިކަން ނިމިދިޔަ އިރުވެސް ބްރިޖުގައި ނިމުނީ އެންމެ 29 ޕަސަންޓު މަސައްކަތެވެ.
އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ގިނަ މައުލޫމާތުތަކެއް, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އިންފްރާންސްޓްރަކްޗާ މިނިސްޓްރީން ވަނީ އިއްޔެ ހާމަކޮށްފަ އެވެ. ރައީސާއި ކެބިނެޓާއެކު ބްރިޖު ސައިޓަށް ކުރި ޒިޔާރަތަށްފަހު އިންފްރާންސްޓްރަކްޗާ ވަޒީރު ޑރ. އަބްދުالله މުއްތަލިބު ވަނީ މި މަޝްރޫއާ ބެހޭގޮތުން ކުރިން ހާމަކޮށްފައި ނުވާ އެތައް ކަމެއް ހާމަކުރައްވާފަ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ފަންޑުކުރާ މި މަޝްރޫއު އެފްކޮންސްއާ ހަވާލުކުރީ ހަވާލު ކުރީ ދެ މަރުހަލާއަކަށް ބަހާލައިގެން މަސައްކަތް އެއްކޮށް ނިންމާ ގޮތަށް ސެޕްޓެމްބަރު 16، 2021 ގަ އެވެ. އެއީ 2024, މޭ މަހުގެ ނިޔަލަށް ނިންމާ ގޮތަށެވެ. އޭރު އެއްބަސްވެފައިވާ ގޮތުން ނަމަ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމި, ވިލިމާލެ އަދި ގުޅިފަޅާ ހަމައަށް ގުޅާލެވޭނެ އެވެ. އެހެން ނަމަވެސް ނޮވެމްބަރު މަހާ ހަމައަށް އައި އިރުވެސް އެ މަސައްކަތް ކުރިއަށްދާ މަންޒަރު ފެންނާކަށް ނެތެވެ.
މިނިސްޓަރު މުއްތަލިބު; ބްރިޖު މަޝްރޫއުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރެއްވި -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމަށް ވަޑައިގެން އާ މިނިސްޓަރު, ޑރ. މުއްތަލިބު އެންމެ ފުރަތަމަ ވެސް ދެއްވީ ބްރިޖު މަޝްރޫއަށް މުޅިން އާ ތާރީހުތަކެކެވެ. ވެރިކަން ބަދަލުވުމުގެ އެއް ދުވަސް ކުރިން އެފްކޮންސްއާއެކު ސޮއިކުރި ސަޕްލިމަންޓްރީ އެއްބަސްވުމުގެ ދަށުން, މުޅި މަޝްރޫއު ނިމޭނެ ކަމަށް އޮތީ 2026, ސެޕްޓެމްބަރު 30ގަ އެވެ. އަދި ގުޅީފަޅާ ހަމައަށް ގުޅާލަން އޮތީ 2026, މާޗް 31ގަ އެވެ.
"މީގެ ތެރޭގައި އަދި އެބައޮތް އަނގަބަހުން އެއްބަސްވެވިފައި, ކޮންޓްރެކްޗުއަލީ އެއް ނޫން. އެއީ ވިލިނގިއްޔާ ހަމައަށް ނިންމާފައި ހަވާލުކުރަން 2025, ޑިސެމްބަރު 31 އަށް." މިނިސްޓަރު ވިދާޅުވި އެވެ.
އާ ތާރީހުތަކާއެކު މިނިސްޓަރު ވަނީ ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ނިންމަން ކުރިން ހަވާލުކުރި މުއްދަތާއި, ސަޕްލިމަންޓްރީ އެއްބަސްވުމާއެކު އެ މުއްދަތުތަކަށް އައި ބަދަލު އެނގޭނެހެން ބްރިޖުގެ ޓައިމްލައިން ވެސް އާންމުކުރައްވާފަ އެވެ.
ބްރިޖުގެ އާ ތާވަލު
ޖުމްލަ 500 މިލިއަން ޑޮލަރުގެ މި މަޝްރޫއުގެ 29 ޕަސަންޓު މަސައްކަތް ނިމުނުއިރު, މިހާތަނަށް މަޝްރޫއަށް 186 މިލިއަން ޑޮލަރު (މުޅި މަޝްރޫއުއަށް ހޭދަވާ ފައިސާގެ 37 ޕަސަންޓު) އެފްކޮންސްއަށް ދީފައި ވެއެވެ.
"ދެން ކުރެވޭނެ ކަމަކީ މި ސްކެޑިއުލުން ކައްސާ ނުލައި ކުރިއަށް ދެވޭނެ ގޮތެއް ހޯދުން، އެ އެއްބަސްވުމަށް އަޅުގަނޑުމެން އިހުތުރާމު ކުރަން، އެހެންނަމަވެސް ކޮންޓުރެކްޓަރާ ވާހަކަދައްކަައިގެން އަވަސް ކުރެވޭނެ ކަންކަން އަވަސް ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މީގެ ކުރިން އެޅި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތުގައި ވެސް އެންމެ ގާތުން އުޅުއްވި މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި ބްރިޖުގެ މަޝްރޫއު އެންމެ ބޮޑަށް ލަސްވެގެން ދިޔަ ސަބަބަކީ އެފްކޮންސްއިން ރާއްޖޭގައި ބްރިޖު އެޅުމުގައި ދިމާވެދާނެ ދަތިތައް 'އަންޑާ-އެސްޓިމޭޓް' ކުރުމެވެ.
އިންޖީނިއަރިން ދާއިރާއިން ޑޮކްޓަރޭޓް ހާސިލުކުރައްވާފައިވާ މުއްތަލިބް ވިދާޅުވީ ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ އުނދަގޫ ކަމެކެވެ. ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ ރާއްޖޭގެ ތިމާވެއްޓެވެ.
"އެއީ ވަރަށް އޮއި ގަދަ ކަނޑުއޮޅިތަކެއްގައި މި އަޅަނީ މޮންސޫން ސްވެލްސްތަކާ އެއްޗެހި، ބޮޑެތި ރާޅުތަކާ އެއްޗެހި ވެސް އާދޭ، އަދި އެއާއެއްކޮށް ޖިއޯ ޓެކްނިކަލް، މާނައަކީ ބިމުގެ އަޑީގައި ހުންނަ ހާލަތު ވެސް އެހެން ގައުމުތަކުގައި ހައި، ޔުނިފޯމް ނުވަތަ އެއްގޮތެއް ނޫން،" މުއްތަލިބު ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތް އެފްކޮންސް ކުންފުނިން ކުރިއަށް ގެންދަނީ -- ފޮޓޯ: އިޔާން/ އަދަދު
މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން ނޭނގި އެފްކޮންސްއިން މަސައްކަތް ފެށުމުން ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ރާއްޖެ ފަދަ ގައުމެއްގައި ބްރިޖު އެޅުމުގެ ސީދާ ތަޖުރިބާ ނެތް ބަޔަކަށްވެއްޖެނަމަ މަސައްކަތް ކުރަންޖެހޭ ގޮތް ދަސްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށާއި, އެފްކޮންސްއަށް ވެސް ވީ އެހެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިސާލެއް ނަންގަވަމުން މިނިސްޓަރު ވިދާޅުވީ ކުރިން އެފްކޮންސްއިން ބްރިޖުގެ މަސައްކަތަށް ބޭނުންކުރީ 'ރުމައިލާ' ކިޔާ ތިން ފައި ލީ, ޖެކަޕް ބާޖެއް ކަމަށެވެ. ނަމަވެސް އެއީ ރާއްޖެ ފަދަ ތަނެއްގައި މަސައްކަތްކުރަން އެކަށީގެންވާ އެއްޗެއް ނޫންކަން އެނގި, މިހާރު އެ ކުންފުނިން ވަނީ ރާއްޖެ ފަދަ މާހައުލެއްގައި ބޭނުންކުރަން އެކަށީގެންވާ ޖެކަޕް ބާޖުތަކާއި މެޝިނަރީތައް ގެނެސްފަ އެވެ.
"މިކަހަލަ ކޮންޑިޝަނެއްގައި ތަޖުރިބާއަކީ އެހާ ގިން ކޮންޓްރެކްޓަރުންގެ ހުންނާނެ ކަހަލަ ތަޖުރިބާއެއް ނޫން," ރާއްޖެ ފަދަ ތަނެއްގައި ބްރިޖު އެޅުމުގެ ދުނިޔޭގެ މަދު ކޮންޓްރެކްޓަރުންނަށް ނޫނީ ނުކުރެވޭނެ ކަމެއްކަން ފާހަގަކުރައްވާ މުއްތަލިބު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި, ނޫސްވެރިން އެންމެ ގިނަ ސުވާލު އުފެއްދި އެއް ކަމަކީ ބްރިޖު އެޅުމުގައި އެފްކޮންސްގެ ގާބިލުކަމާ މެދު އެވެ. އެ ސުވާލުތަކަށް މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވީ, އެފްކޮންސް ކުންފުންޏަށް އޮތް އިތުބާރާއެކު އެވެ.
"އަޅުގަނޑު ނުދަންނަވަން އެފްކޮންސްއަކީ ނާގާބިލު ކުންފުންޏެކޭ. އެ ބޭފުޅުންނަކީ ވަރަށް ބޮޑެތި މަސައްކަތް ކުރާ ބައެއް," މުއްތަލިބު ވިދާޅުވި އެވެ.
އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޝަޕޫރުޖީ ޕައްލޮންޖީ ކުންފުނިން މެޖޯރިޓީ ހިއްސާ ގަނެފައިވާ އެފްކޮންސްއަކީ އިންޑިއާގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމައިފައިވާ ކުންފުންޏެކެވެ.
ބްރިޖުގެ މަސައްކަތް އެފްކޮންސް ކުންފުނިން ކުރިއަށް ގެންދަނީ -- ފޮޓޯ: އިޔާން/ އަދަދު
ބްރިޖުގެ ކޮލިޓީއާ މެދު މިނިސްޓަރު ސުވާލު ނުއުފައްދަވާ އެއް ސަބަބަކީ އެ މަސައްކަތުގެ ކޮލިޓީ ކަށަވަރުކުރަން ރާއްޖޭގެ ފަރާތުން ހިފާފައިވާ ކޮންސަލްޓެންޓުންނެވެ. 'އަރުޕް' ކުންފުނިން ބްރިޖުގެ މަސައްކަތްތަކުގެ ކޮލިޓީ ކަށަވަރު ކުރަން އެ މަސައްކަތް ކުރިއަށްދާ ކޮންމެ ވަގުތަކު ސައިޓުތަކުގައި ހަރަކާތްތެރިވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"[ބްރިޖު ސައިޓަށް ކުރެއްވި ޒިޔާރަތުގައި] ރައީސް ވެސް އެއްސެވި ކޮންސަލްޓެންޓް އަރިހުން ކޮންކްރީޓް ސްޓްރެންތާއި މި އެއްޗެހި. އެ އެއްޗެހިތައް ފުދޭ ވަރަކަށް ރަނގަޅު ކޮލިޓީގައި ފެންނަނީ. ކޮންސަލްޓަންޓު ވެސް ބަރާބަރަށް ޓެސްޓު ހަދާ, ޓެސްޓު ރިޕޯޓުތައް ވެރިފައިކޮޮށް, ޗެކްކުރަމުން ގެންދަނީ." މިހާތަނަށް ކޮލިޓީ މައްސަލައެއް ނެތްކަން ފާހަގަކުރައްވަމުން ޑރ. މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮޑު އަގު ދީފައި ކޮންސަލްޓެންސީ ފާމެއް ގެންގުޅުމުގެ ބޭނުމަކީ ކުރާ އިންވެސްޓްމަންޓުގެ ބަދަލު ލިބުމެވެ. އަދި ތިލަމާލެ ބްރިޖަކީ މިއީ 120 އަހަރު ދުވަހުގެ ޑިއުރަބިލިޓީއަކަށް ބަލައި ޑިޒައިންކޮށްފައިވާ ބްރިޖެެއް ކަން ފާހަގަކުރައްވާ އޭނާ ވަނީ ބްރިޖުގެ ކޮލިޓީއާމެ ދު ކަންބޮޑުވުމެއް ނެތްކަން ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު, ބްރިޖުގެ މަސައްކަތް ބައްލަވާލައްވަން ރިޔާސީ ލޯންޗުކޮޅުގައި ވަޑައިގަންނަވަނީ -- ފޮޓޯ: އިޔާން/ އަދަދު
ވެރިކަން ބަދަލު ކުރުމުގެ އެއް ދުވަސް ކުރިން އިންތިހާބާ ސަރުކާރާ މަޝްވަރާ ކުރުމެއްނެތި ރާއްޖޭގެ އެންމެ ބޮޑު އިގްތިސޯދީ މަޝްރޫއުގެ ސަޕްލިމަންޓްރީ އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވި ގޮތުގައި އާ ސަރުކާރުން އެ އެއްބަސްވުމަށް އިހްތިރާމު ކުރާނެ އެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުން އެފްކޮންސްއާ އެކު ސަޕްލިމެންޓަރީ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ ގިނަ ސަބަބުތަކަކާ ހެދި ކަމަށެވެ.
އޭގެ ތެރޭގައި ކަނޑައެޅިފައި އޮތް މުއްދަތުގެ ތެރޭގައި ބްރިޖުގެ މަސައްކަތް ނުނިންމޭނެ ކަން އެފްކޮންސްއަށް ކަށަވަރުވެފައިވުމާއި ސަރުކާރުން ކޮންޓުރެކްޓަރަށް ދޭންޖެހޭ ބިންތަކެއް ހަވާލު ކޮށްފައި ނުވުމުގެ އިތުރުން މަސައްކަތް ނިިންމަންޖެހޭ ތާރީހަށްވުރެ ލަސްވެގެން ހިނގައްޖެ ނަމަ ކޮންޓްރެކްޓަރު ބޮޑު އަދަދަކުން ޖޫރިމަނާ ވާނެތީ އެކަމަށް ހައްލެއް ހޯދުމަށް ހިމެނެ އެވެ.
މަސައްކަތް ލަސްވެގެން ކޮންޓްރެކްޓަރު ޖޫރިމަނާ ކުރެވޭނެހެން އެއްބަސްވުން އޮތް ނަމަވެސް އިންޑިއާގެ ފަރާތުން ވެސް ކްލެއިމް ކުރެވޭނެ ކަމެއް އެބަ އޮތެވެ. އެއީ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރުން ގުޅީފަޅުން ހިއްކާފައި ހަވާލުކުރަން ޖެހޭ ބިމެއް ހަވާލު ނުކޮށް އޮތުމެވެ.
ދިވެހި ސަރުކާރުން އެފްކޮންސްއާ ހަވާލުކުރަން ޖެހޭ ބިމަކީ މި މަޝްރޫއުގެ ދަށުން ވިލިމާލެއިން ގުޅީފަޅާ ހަމައަށް އަޅާ ބްރިޖުން ފައިބައިގެން, ގުޅީފަޅުން ތިލަފުއްޓާ ހަމައަށް ގުޅާލާ ބްރިޖާ ދެމެދު, ގުޅީފަޅުގައި އޮންނަ މަގަށްވާ ބިމެވެ. އެ ބިން ސަރުކާރުން ހަވާލުކުރަން ޖެހެނީ ހިއްކާ, އެތަނުގެ ގޮނޑުދޮށް ވެސް ހިމާޔަތް ކުރުމަށްފަހު އެވެ. އެ ތަން މިހާރު ހިއްކާފައިވީ ނަމަވެސް އެއްކޮށް ބިން ހަވާލު ކުރެވޭނީ އަންނަ އޮކްޓޯބަރު މަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބްރިޖުގެ މަސައްކަތް އެފްކޮންސް ކުންފުނިން ކުރިއަށް ގެންދަނީ; ގުޅިފަޅު -- ފޮޓޯ: އިޔާން/ އަދަދު
ބްރިޖު އެޅުމުގެ މަސައްކަތުގައި އެފްކޮންސްގެ 1500 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެ އެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕުރޮޖެކްޓަކީ މިހައިތަނަށް ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު އެވެ. އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ބްރިޖާއި ކޯޒްވޭއިން މާލެއިން ފެށިގެން ގޮސް ތިލަފުށްޓާ ހަމައަށް ގުޅައިލާނެ އެވެ.
ބްރިޖު އެޅުމަށް ފަންޑު ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނުގެ ގޮތުގައި ދީފައިވާ 400 މިލިއަން ޑޮލަރުގެ އިތުރުން އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ރުފިޔާއިންނާއި ދިވެހި ދައުލަތުގެ ފައިސާއިންނެވެ. ބްރިޖު އެޅުމަށް ހަރަދު ވާނެ ކަމަށް ކުރީގެ ސަރުކާރުން އަންދާޒާ ކޮށްފައި ވަނީ ޖީއެސްޓީ ނުހިމަނައި 500 މިލިއަން ޑޮރަލެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment