Advertisement

ފޭދޫ ކޯޓުން ޕީޖީ ޖޫރިމަނާކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމުން، ރިވިއުއަށް ހުށަހަޅައިފި

23 ނޮވެންބަރު 2023 - 10:11 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް؛ ފޭދޫ މެޖިސްޓްރޭޓް ކޯޓުން ޕީޖީ އޮފީސް ޖޫރިމަނާ ކުރި ހުކުމުގެ އިސްތިއުނާފު ބަލައިނުގަތުމުން ރިވިއުއަށް ހުށަހަޅައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފޭދޫ ކޯޓުން ޕީޖީ ޖޫރިމަނާކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމުން، ރިވިއުއަށް ހުށަހަޅައިފި

23 ނޮވެންބަރު 2023 - 10:11 0

އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފައިވާ ބައެއް މައުލޫމާތުތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުދިން މައްސަލައެއްގައި އެ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރުމަށް ކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމުން، ހައި ކޯޓު ފަނޑިޔާރުންގެ ޕެނަލްއަށް ރިވިއުއަށް ހުށަހަޅައިފި އެވެ.

ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ފޭދޫ ކޯޓުން ނެރުނު އަމުރު ޕީޖީ އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނަނީ، ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ދަށު ކޯޓަކުން ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ނިންމުންތައް ކަމަށެވެ. ހަވާލާދީފައިވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށެވެ. އަދި ފޭދޫ ކޯޓުގެ ނިންމުމަކީ އެފަދަ ނިންމުމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ އެ ގޮތަށް ނިންމީ މި މަހު 16، ގަ އެވެ. ހައި ކޯޓުގެ ރަޖިސްޓްރީގައި މި މަހު 19، ގައި ވެސް އެ އަމުރު އިސްތިއުނާފަށް ހުށަހަޅާފައިވާ ކަން ދައްކަ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "އަދަދު" ނޫހަށް ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމުން، އެ ނިންމުން ރިވިއު ކޮށްދިނުމަށް އެދި ހައި ކޯޓު ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި ކޯޓުން ހާމަކުރަން އެންގީ ދައުލަތުގެ ހެކިވެރިންގެ ހައްޔަރު ރެކޯޑެވެ. އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ނިންމި ނިންމުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައި އޮތަސް، ދައުލަތުން އެ ގޮތަށް އަމަލެއް ނުކުރެ އެވެ.

ޕީޖީ އޮފީހުން ބުނާ ގޮތުގައި އެ މައުލޫމާތަކީ ފުލުސް އޮފީހުން ބަލަހައްޓާ މައުލޫމާތެކެވެ.