22 ނޮވެންބަރު 2023 - 12:24 0
22 ނޮވެންބަރު 2023 - 12:24 0
ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ނޮވެމްބަރު 22) - ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބްރެޒިލް ބަލިވެއްޖެ އެވެ.
ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި އާޖެންޓީނާ އާއި ބްރެޒިލް ކުޅުނު ފޯރިގަދަ މެޗު ފެށުނީވެސް ބޮޑު ހަމަނުޖެހުމަކާ އެކުގަ އެވެ. ދެ ޓީމްގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ބޮޑު ހަމަނުޖެހުމުގެ ސަބަބުން މެޗުގެ ފެށުން 30 މިނެޓު ލަސްކުރަން ވެސް ޖެހުނެވެ. މި ހަމަނުޖެހުމުގައި ދެ ޓީމުގެ ސަޕޯޓަރުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
ހަމަނުޖެހުން ބޮޑުވި ސަބަބަކީ އާޖެންޓީނާގެ ގައުމީ ޓީމު ދަނޑަށް ނުކުތުމާ އެކު ބްރެޒިލްގެ ސަޕޯޓަރުން ވަނީ އެ ޓީމަށް މަލާމާތްކޮށްފަ އެވެ. މި މައްސަލައިގައި ދެ ޓީމްގެ ސަޕޯޓަރުންގެ މެދުގައި ބޮޑު ހަމަނުޖެހުމެއް ހިނގި އެވެ. މިކަމުގެ ތެރޭގައި ސަޕޯޓަރުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
ވޯލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ބައްރުގައި މިއަދު ފަތިހު ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލު އާޖެންޓީނާ އަށް ޖަހައިދިނީ ނިކޮލަސް އޮޓަމެންޑީ އެވެ.
ފައުލްތައް ގިނަކޮށް ފެނުނު މި މެޗުގައި ދެ ޓީމަށް ވެސް ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ކުޅެން އެރި ޖޮއެލިންޓަން އަށް ރެފްރީ ދެއްކި ރަތް ކާޑާ އެކު ބްރެޒިލް އިން މެޗުގެ ފަހު ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކުގަ އެވެ.
މިއީ ވޯލްޑް ކަޕް ކޮލިފައިންގައި ޖެހިޖެހިގެން ބްރެޒިލް ބަލިވި ތިން ވަނަ މެޗެވެ. މިގެ ކުރިން އެ ޓީމު ވަނީ އުގުގުއޭ އަދި ކޮލަމްބިއާ އަތުން ވެސް ބަލިވެފަ އެވެ.
ހަ މެޗު ކުޅެެގެން ލިބުނު ހަތް ޕޮއިންޓާ އެކު ބްރެޒިލް އޮތީ ކޮލިފައިން ގްރޫޕްގެ ހަ ވަނައިގަ އެވެ. ބްރެޒިލް އަތުން ރޭ މޮޅުވި އާޖެންޓީނާ އޮތީ 15 ޕޮއިންޓާ އެކު ތާވަލްގެ އެއް ވަނައިގަ އެވެ.
ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އުރުގުއޭ އިން 3-0 އިން ބޮލީވިއާ ބަލިކުރިއިރު، ކޮލަމްބިއާ އިން 1-0 އިން ޕެރެގުއޭ ބަލިކުރިއިރު، އިކުއެޑޯ އިން ވަނީ 1-0 އިން ޗިލީ ބަލިކޮށްފަ އެވެ. ޕެރޫއާ ވެނެޒުއޭލާ ވާދަކުރި މެޗު އެއްވަރުވީ 1-1 އިން އެއްވަރުވެގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment