Advertisement

ވެލެންސިއާ އަށް ފަހު ގްރީން! ދެން ކޮން ކުލަބެއް!

22 ނޮވެންބަރު 2023 - 12:39 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ވެލެންސިއާ އަށް ފަހު ގްރީން! ދެން ކޮން ކުލަބެއް!

22 ނޮވެންބަރު 2023 - 12:39 0

މީގެ ހަ ވަރަކަށް އަހަރު ކުރިން، 2017 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނަންގަވައިގެން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް ސަރުކާރުން މިލިއަނުން ހަރަދުކުރަން ފެށުނެވެ. ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ކޮންމެ ސީޒަނަކަށް ކުލަބަކަށް ތިން މިލިއަން ރުފިޔާ ދޭން ނިންމި އެވެ. އެ ގޮތުން، 2017 އަދި 2018 ގައި އެ ފައިސާ ދެވުނުއިރު، 2019 ގައި ވެސް އެކަން އެ ގޮތަށް ކުރަން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މަޖުބޫރުވި އެވެ.

އެކަމަކު، ކުންފުނިތަކުން ކުލަބުތަކަށްދޭ ފައިސާގެ ހިސާބުތައް ކުލަބުތަކުން ރަނގަޅަށް ބަލަހައްޓަމުން ނުދެ އެވެ. އަނެއްކޮޅުން، އެ ފައިސާއިން ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގެއް ވެސް ތަނަވަހެއް ނުކުރެވުނެވެ. އެ ކަން އެ ގޮތަށް ހިނގާތީ ކަަމަށް ބުނެ، ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ނިންމެވީ ކްލަބްތަކަށް އެ ފައިސާ ނުދޭށެވެ. އެ ފައިސާ ހަރަދުކުރާނީ، ހުރިހާ ކުޅިވަރަކަށް މަންފާ ކުރާ ގޮތަށް ކަމަށް ބުނެ އެވެ. އެކަމަކު، ދާދި ފަހުން ބުނީ، އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން 2019 ވަނަ އަހަރު ކްލަބްތަކުން އެއްބަސްވި ނަމަ، ކުރިން ވެސް ލިބެމުން އައި މާލީ އެހީތެރިކަން ދޭނެ ކަމަށެވެ. އެހެންކަމުން، ދެއްކި ވާހަކަ ދެކޮޅު ނުޖެހޭ މިންވަރު ސާފުވެ އެވެ.

ދެން އައީ ކޮވިޑް-19ގެ އަހަރެވެ. ކުލަބުތަކުގެ މާލީ ހާލަތު ގޯސްވަމުންގޮސް ފުޓްބޯޅަ ހިންގަން އޮތް އިދާރާއަށް ވެސް މާލީ ގޮތުން ބުރަތައް އުފުލަން ޖެހުނެވެ. ދިވެހި ފުޓްބޯޅައިގެ އެންމެ އަނދިރި ދުވަސްތަކުގެ ފެށުމާ މިހާ ހިސާބުން ކުރިމަތިލާން ޖެހުނެވެ.

ކުލަބުތަކަށް އެހީވުމުގައި ސަރުކާރަށް ވެސް އުނދަގޫތައް ދިމާވި ހާލަތުގައި އެފްއޭއެމަށް ވެސް ދިޔައީ މާލީ ގޮތުން ގޮންޖެހުންތައް ދިމާވަމުންނެވެ. މިއާ އެކު އެފްއޭއެމްގެ އިދާރީ ހިންގުމަށް ވެސް އަސަރުކުރި އެވެ. މިކަމުގެ ސަބަބުން ކުލަބުތަކަށް ފައިސާ ލިބޭނެކަމަށް ބެލެވުނު މަގުތައް ބަންދުވި އެވެ.

އޭގެ އަސަރު އެންމެ ބޮޑަށް ފެންނަ ސީޒަނަކީ މިހާރު ކުރިއަށްދާ ސީޒަނުގަ އެވެ. އުނދަގޫ ހާލަތެއްގައި ގިނަ ކުލަބުތައް އޮތްއިރު، ލީގުގެ ކުޅުން މެދުކަނޑާލަން ޖެހޭ ކޮންމެ ފަހަރެއްގައި ޓީމްތައް ތިބީ ކުރިއަށްދެވޭނެ ގޮތެއް ނެތިފަ އެވެ.

އޭގެ ނަތީޖާއަކަށްވީ ފުރަތަަމަ ފަހަރަށް ފުރަތަމަ ޑިވިޝަންގެ ކުލަބުތަކުން ބޮޑެތި މުބާރާތްތަކުގައި ބައިވެރިވާން އުޒުރުވެރިވުމެވެ. ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ގައުމީ މުބާރާތުގައި ނުކުޅެން ހަތަރު ކުލަބަކަށް މަޖުބޫރުވި އެވެ. އޭގެ ފަހުން، ދިވެހި ޕްރިމިއާ ލީގުގެ މެދުތެރެއިން ވަކިވާން ދެ ކުލަބަކުން ބޭނުންވީ އެވެ.

މިހާރު މި އޮތް ހާލަތުން ދައްކައިދެނީ ދިވެހި ފުޓްބޯޅަ ކޮޅަށް ޖަހަން ނުކުންނަ ބަޔަކަށް އޮތް ބޮޑު ޗެލެންޖެވެ. އެފްއޭއެމްގެ މައްސަލަކަމަށް ބުނެ އެފްއޭއެމަށް އިނގިލި ދިއްކުރިޔަސް ކުލަބުތަކުން އަމިއްލަ ފައިމައްޗަށް ތެދުވާން ބޭނުންނުވުމުގެ ނަތީޖާ މިއަދު މިއޮތީ ފެންނާށެވެ. މިދިޔަ ފަސް ވަރަކަށް އަހަރު ބަޔަކު ފައިސާ ދޭނެކަމަށް ބަލައިގެން ކަންކަން ރާވަން އުޅުމުގެ ނަތީޖާ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ތިން ކުލަބަށް ދިމާވި ހުރިހާ ގޮންޖެހުމެއްގެ ފަހަތުގައި އޮތީ ފައިސާގެ މައްސަލަތަކެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ސަސްޕެންޑްކުރީ އެ ކްލަބުން ކުޅުންތެރިންނަށް މުސާރަ ނުދިން މައްސަލަތަކެއްގެ ސަބަބުންނެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބް އަށް ވީ ހަމަ އެހެންނެވެ. ދެން އޮތް ކުލަބް ވެލެންސިއާގެ ހާލަތު ފެންނަނީ މާ ގޯސްކޮށެވެ. ސްކޫލް ކުދިންނާ އެކު، ދިވެހި ޕްރިމިއާ ލީގުގައި ކުޅެން މަޖުބޫރުވީ ސީނިއާ ކުޅުންތެރިން ގެންނަން މުސާރަދެވޭނެ ފެންވަރު ނެތުމުންނެވެ. ސްކޫލްގެ ހަރަކާތްތައް އިތުރުވެއްޖެނަމަ ވެލެންސިއާ މެޗުތަކަށް ހާޒިރުވާނެކަމުގެ ޔަގީންކަމެއް ވެސް ނޯވެ އެވެ.

ދެން އޮތީ ހަމަހަމަކޮށް ކަންކަންކޮށްދޭނެ ކަމަށް ބުނެ ފޮނިވައުދުތައް ވެގެން މިދިޔަ ފަސް އަހަރު ފުރިހަމަކުރި މިނިސްޓަރު މަހުލޫފުގެ ވާހަކަ އެވެ. ކުޅިވަރުތަކަށް ހަމަހަމަ އުސޫލެއްގެ ތެރެއިން ފައިސާ ހަމަޖައްސާނެ ކަމަށް ވާހަކަ ދެއްކި، މަހުލޫފް، ހިންގެވުމާ ހަވާލުވެހުރި، މިނިސްޓްރީން ދައުރު ނިންމާލީ ކުލަބުތައް މާޔޫސްކޮށްލާ ހާލުގައި ޖައްސައިފަ އެވެ. ވަކި ކުލަބަކަށް ވަކި ގޮތެއް އޮންނަން ޖެހޭނެ ކަމަށް ބުނާކަހަލަ ހެކި ދައްކަމުންނެވެ.

ވެލެންސިއާ އާއި ކްލަބް ގްރިން ސްޓްރީޓްސް ދިވެހި ޕްރިމިއާ ލީގުން ވަކިވުމަކީ ނުރަނގަޅު މިސާލެކެވެ. މާލީ ގޮތުން ކިރިޔާ މެޖޭންކުރެވޭ ހިސާބުގައި ތިބި އެހެން ޓީމްތަކުން ވެސް މެޗުތައް ނުކުޅެ ދޫކޮށް ލިބޭނެ ހިތްވަރަކަށެވެ. ސަބަބަކީ މި ސީޒަންގައި ލީގު ހޯދުމުގެ ފުރުސަތު އެންމެ ދެ ޓީމަށް އޮވެފައި، ބައެއް ޓީމްތަކަށް ގަދަ ހަތަރެއްގެ ފުރުސަތުވެސް ނެތުމެވެ. އަނެއްކޮޅުން، މެޗުތަކަށް ބައެއް ޓީމްތަކުގެ ސްކޮޑު ހަމަވަނީވެސް ކިރިޔާ އެވެ. ބެންޗުގައި ތިބެނީވެސް ހަތަރު ވަރަކަށް ކުޅުންތެރިންނެވެ.

އެންމެ ފަހުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ވާދަކުރި މެޗުގައި ޔޫވީގެ ކީޕަރަށް އަނިޔާވުމުން އަރުވާނެ ބަދަލު ކީޕަރެއް ވެސް ނެތެވެ. އެ މެޗުގެ ފަހުބައިގައި ގޯލު ބެލެހެއްޓީ ޑިފެންޑަރެކެވެ. މިކަމުންވެސް ބައެއް ޓީމްތައް އޮތް ހާލަތު ބުނެދެ އެވެ. އެހެންކަމުން ލީގުގެ ބާކީ މަދު މެޗުތަކެއް އޮތަސް ބައެއް މެޗުތައް ނުކުޅެ ދޫކޮށްލަން ޓީމުތަކުން އެދުމަކީ ހައިރާންވާ ވަރުގެ ކަމަކަށް ނުވާނެ އެވެ.

ދިވެހި ފުޓްބޯޅަ "ނުމެކެވި ނުމެދިރި" އޮތްއިރު ވެސް އެފްއޭއެމް ފެންނަނީ ޑިފެންސަށް ފައިބައި، ކުރީ ސަރުކާރު ބޮލުގައި ކަންކަން އަޅުވައި ފާޑުކިޔުންތަކުން ސަލާމަތްވެވޭތޯ ބަލަމުންނެވެ. ދިވެހި ފުޓްބޯޅަ މިހާރު ވެއްޓިފައި އޮތް އަޑިގަނޑާއި، ކަންކަން ބޮއްސުންލައިގެން ގޮސް، ހާލަތު މިހާރު އޮތް ގޮތަށް ބަލާއިރު، އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕަށް ދިވެހި ފުޓްބޯޅައިގައި އުޅޭ އެއްވެސް މީހެއްގެ އިތުބާރެއް ނެތެވެ.