22 ނޮވެންބަރު 2023 - 10:12 0
22 ނޮވެންބަރު 2023 - 10:12 0
މުމްބާއީ، އިންޑިއާ (ނޮވެމްބަރު 22) - މި ފަހަރުގެ ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕް ފައިނަލުން އިންޑިއާ ބަލިވިއިރު، އެންމެ ހިތި ތަޖުރިބާއެއް ކުރަން ޖެހުނު އެއް ފަރާތަކީ، އެ ޓީމުގެ ކޯޗު ރާހުލް ޑްރާވިޑް އެވެ.
ކުރީގެ މަޝްހޫރު ތަރި، ޑްރާވިޑް މި ވަނީ ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި އޯޑީއައި ވޯލްޑް ކަޕް ފައިނަލުން ބަލިވެފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޑްރާވިޑް ހުއްޓައި، އިންޑިއާ ބަލިވީ 2003 ވަނަ އަހަރުގެ ފައިނަލުގައި އޮސްޓްރޭލިއާ އަތުންނެވެ. އެ ފަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް އިންޑިއާ ފައިނަލުގައި އަތްދަށުވީ އޮސްޓްރޭލިއާއާ ވާދަކޮށެވެ.
މި ފަހަރުގެ އޯޑީއައި ފައިނަލަށް އިންޑިއާ އިން ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލް މެޗަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑްރާވިޑް ބުނީ ފައިނަލުގައި އޮސްޓްރޭލިއާ ކުޅުނީ ވަރަށް ބޮޑަށް އިންޑިއާގެ ކަންކަމަށް ބަލައިގެން ކަަމަށާއި އެ ތަފާތު ފެނިގެންދިޔަ ކަމަށެވެ.
އިންޑިއާ އިން ޖުމްލަކޮށް ބަލާއިރު، މި ފަހަރުގެ އޯޑީއައި ވޯލްޑް ކަޕްގައި ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު ފައިނަލް މެޗުގައި ދިމާވީ އޮސްޓްރޭލިއާގެ ރަނގަޅު ދުވަހަކާ ކަމަށް ޑްރާވިޑްގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ. އިންޑިއާގެ ކުޅުންތެރިން ފައިނަލް މެޗުގައި ތިބީ "އޯވަ ކޮންފިޑެންޓް" ވެފައި ނޫން ކަމަށާއި ރޭވުންތަކާ އެއްވަރަށް މެޗުގައި ނުކުޅެވުނީ ކަމަށް ޑްރާވިޑް ވަނީ ބުނެފަ އެވެ.
"ޔަގީނުން ވެސް އަހަރެމެންނަށް ދަސްވާނެ ކަންކަން ގިނަ. ވަރަށް ހިތްދަތި މަންޒަރެއް ޑްރެސިން ރޫމުން ފެނުނީ. އެއީ މީގެއިން ކޮންމެ ކުޅުންތެރިއަކު ވެސް ވަރަށް ބޭނުންވެފައި ހުރީ މި ޓްރޮފީ، އަމިއްލަ ސަޕޯޓަރުންނާ އެކު އުފާފާޅުކުރަން، އެކަމަކު، ކުޅިވަރަކީ މި ކަހަލަ ކަމެއް،" ޑްރާވިޑް ބުންޏެވެ.
އިންޑިއާ އިން ދެން ފޯކަސް ކުރާނީ އަންނަ އަހަރުގެ ޓީ20 ވޯލްޑް ކަޕަށެވެ. އެކަމަކު، އެ މުބާރާތުގައި ޓީމުގެ ކޯޗަކަށް ޑްރާވިޑް ހުންނާނެކަން އަދި ޔަގީނެއް ނޫނެވެ. ހެޑް ކޯޗެއްގެ ގޮތުގައި ހަތަރު ވަނަ އަހަރު ގުނަމުން އަންނަ ޑްރާވިޑް ބުނީ ފުރަތަމަ ހުރިހާ ފޯކަސް އެއް ބެހެއްޓީ މި ފަހަރުގެ އޯޑީއައި ވޯލްޑް ކަޕަށް ކަމަށާއި ދެން ކުޅެން ހުރި މެޗުތަކަށް ފަހު، ކުޑަ ބްރޭކެއް ނެގުމަށް ފަހު ދެން ކުރިއަށްދާނެ ގޮތެއް ވިސްނާނެ ކަމަށެވެ.
އިންޑިއާ ކްރިކެޓް ޓީމުން ފައިވް ޑޭ، ޓީ20 ސީރީސްއެއްގައި އޮސްޓްރޭލިއާއާ ދެކޮޅަށް ވަރަށް އަވަހަށް ނުކުންނާނެ އެވެ. މި މެޗުތަކުގައި އޯޑީއައި ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ނުލިބޭ ކުޅުންތެރިން ބޭނުންކުރަން ވަނީ ހަމަޖެހިފަ އެވެ.
Comment