Advertisement

އިންޑިއާ ކްރިކެޓް ކޯޗަކަށް ގޯތަމް ގަމްބީރު ހަމަޖައްސައިފި

9 ޖުލައި 2024 - 21:05 0


އިންޑިއާ ކްރިކެޓް ކޯޗަކަށް ގޯތަމް ގަމްބީރު ހަމަޖައްސައިފި

9 ޖުލައި 2024 - 21:05 0

މުމްބާއި، އިންޑިއާ (ޖުލައި 9) - އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް ކުރީގެ ކުޅުންތެރިޔާ، ގޯތަމް ގަމްބީރު ވަނީ ހަމަޖައްސައިފި އެވެ.

މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ޗެމްޕިއަންކަން ކަލްކަތާ ނައިޓް ރައިޑާސް އަށް ހޯދައިދިން ކޯޗު، ގޯތަމް އަށް އިންޑިއާ ޓީ20 ޓީމުގެ ކޯޗުކަން ދޭން ނިންމީ އިންޑިއާގެ ކްރިކެޓް ބޯޑުން ފުޅާދާއިރާއެއްގައި ކުރި މަސައްކަތްތަކަކަށް ފަހު އެވެ.

އިންޑިއާ ކްރިކެޓް ބޯޑުގެ ސެކްރެޓަރީ، ޖޭ ޝާހް ވިދާޅުވީ، ބަދަލުވަމުން އަންނަ އެންމެ ފަހުގެ ކްރިކެޓަށް ފަރުތަ ޒުވާން ކޯޗަކާ ޓީމު ހަވާލުކުރުމަކީ ކްރިކެޓް ބޯޑުން އެންމެ ބޮޑަށް ވިސްނި ކަންތައް ކަމަށާއި އެ ޕްރޮފައިލަށް އެންމެ އެކަށޭނެ ކޯޗަކީ ގޯތަމް ކަމަށެެވެ.

އިންޑިއާ ކޯޗުގެ މަގާމު ހުސްވީ، އެންމެ ފަހުން އެ މަގާމު ފުރި، ކުރީގެ ކެޕްޓަން، ރާހުލް ޑްރާވިޑް އިތުރަށް ކުރިއަށްނުދާން ނިންމުމުންނެވެ. ޑްރާވިޑް އިންޑިއާގެ ކޯޗުކަމާ ހަވާލުވީ، 2021 ވަނަ އަހަރު ރަވީ ޝާޝްތުރީ މަގާމުން ދުރުވުމުންނެވެ.

ޑްރާވިޑް ހަވާލުވި ފަހުން އިންޑިއާ ވަނީ، ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕް އާއި 50 އޯވަރުގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށް، ދެ ފައިނަލުގައި ވެސް އޮސްޓްރޭލިއާ އަތުން ބަލިވެފަ އެވެ. އެކަމަކު، ދާދި ފަހުން، ވެސްޓް އިންޑީސް އާއި އެމެރިކާގައި ކުރިއަށްދިޔަ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައި، ޑްރާވިޑްގެ ވަދާއީ މުބާރާތުގައި ވަނީ ތަފާތު ދައްކައިފަ އެވެ.

ގޯތަމް، އިންޑިއާ ޓީމާ ހަވާލުވެ، ފުރަތަމަ ކުރިމަތިލާނީ މި މަހު 27 ވަނަ ދުވަހު ސްރީ ލަންކާއާ ދެކޮޅަށް ފަށާ ލިމިޓެޑް އޯވާ ސީރީސް އިންނެވެ. އެ ގޮތުން، ސްރީ ލަންކާއާ ދެކޮޅަށް ވަން ޑޭ އިންޓަނޭޝަނަލްސްގެ ތިން މެޗާއި ޓީ20 ގެ ތިން މެޗެއް ކުޅެން ނިންމާފައިވެ އެވެ.

އިންޑިއާގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، ގޯތަމް ބުނީ އަބަދުވެސް ގައުމަށް ހިދުމަތްކުރަން ފުރުސަތު ލިބުމަކީ ފަހުރެއްގެ ގޮތުުގައި ދެކޭ ކަމަށެެވެ. އަދި 1.4 ބިލިއަން މީހުންގެ އުންމީދުތަކާ އެއްގޮތަށް މި ފަހަރު މަސައްކަތްކުރަން ހަވާލުވެފައި މި ވަނީ ކުރިން ކުރި ގޮތާ ހިލާފަށް ތަފާތު "ތޮތްޕެއް" އަޅައިގެން، ކޯޗެއްގެ ގޮތުގައި ކަމަށް ވިޔަސް، ގައުމު ފަހުރުވެރިކޮށްދޭން އޮތް އުންމީދަށް ބަދަލެއް ނާންނަ ކަމަށް ގޯތަމް ވަނީ ބުނެފަ އެވެ.