22 ނޮވެންބަރު 2023 - 05:07 0
އައްޒާމް އަލިފުޅު
22 ނޮވެންބަރު 2023 - 05:07 0
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކުޅިވަރަށް ހާއްސަކޮށް މިނިސްޓްރީއެއް ހެދުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، ކުޅިވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ކުރިއެރުވުމުގެ ހާއްސަ ވިސްނުންފުޅެއް އޮތުމެވެ. ކުޅިވަރަށް ހާއްސަކުރި، މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަށް ހަމަޖެއްސި، އަބްދުﷲ ރާފިއު (ރާއްޕެ) އަކީ، މި ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، އެ މަގާމަށް އައި ބޭފުޅުންގެ ތެރެއިން، ސިޔާސީ ގޮތުން ބެކްރައުންޑެއް ނެތް، އެތުލީޓުންނާއި އެސޯސިއޭޝަންތަކާ އެންމެ ގާތުން މަސައްކަތް ކުރި ފަރާތެވެ.
އެތުލީޓުންނާއި އެސޯސިއޭޝަންތަކުގެ އެހާ ގާތް ފަރާތެއް، މިނިސްޓަރަކަށް އައުމުގެ ޕޮޒިޓިވް ކަންތައްތަކުގެ ވާހަކަ ގިނަ ބަޔަކު އަންނަނީ ދައްކަމުންނެވެ.
"އަދަދު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ރާފިއު ވިދާޅުވީ މީގެ ކުރިން އެއްވެސް އެސޯސިއޭޝަނަކުން އަދި އެތުލީޓުންގެ ފަރާތުން ވެސް އޭނާ އަށް ސިޔާސީ "ކުލައެއް" ފެނިފައިނުވާ ކަމަށާއި އޭނާ ދެކޭގޮތުގައި ކުޅިވަރުގައި ޝާމިލުވެ އުޅޭ އެންމެންގެ އޮތީ ކުޅިވަރުގެ ފިކުރު ކަމަށެވެ.
"ކުޅިވަރު ކުރިއަރުވަން ތެދުނިޔަތުގައި ކަމެއް ކުރަން ފަށައިފިއްޔާ އޭގަ އަތް އަޅާނެ އެއްވެސް ފަރާތެއް އޮންނާނެކަމަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު، އިންޑިވިޖުއަލީ އެތުލީޓަކާ ވިޔަސް، އެސޯސިއޭޝަނަކާ ވިޔަސް ކަމެއްގައި ވާހަކަ ދައްކައިފިއްޔާ އެއީ ރަނގަޅު ކަމެއް ވިއްޔާ އެންމެން ވެސް ގަބޫލުކުރޭ. މިއާ ހިލާފުވާ އެއްވެސް ފަރާތެއް އަދި ނެތް އަޅުގަނޑަށް ދިމާވެފައެއް،" ރާފިއު ވިދާޅުވި އެވެ.
ކުޅިވަރާ ބެހޭ ވުޒާރާ މިހާރު އޮތީ އެކަމާ ބެހޭ ތިން ކަމެއް ގުޅިލާމެހިފައި ކަމަށް ރާފިއު ވަނީ ފާހަގަކުރައްވައިފަ އެވެ. އެ ގޮތުން، ކުޅިވަރާ އެކު ފިޓްނަސް އާއި ރެކްރިއޭޝަން އޮތުމަކީ މީގެ މަންފާ އެންމެ ރަނގަޅު ގޮތުގައި ކުރާނެ ކަމެއް ކަމަށް ރާފިއު ގަބޫލުކުރައްވަ އެވެ.
ރާއްޖޭގެ ކުޅިވަރު މިހާރު އޮތް ހިސާބަށް ބަލާއިރު، ކޮންމެ މީހަކު ވެސް ދައްކާ އެއް ވާހަކައެއް އޮވެ އެވެ. ޕްލޭނެއް އޮތް ވާހަކަ އެވެ. ތަސައްވުރެއް ގެންގުޅޭ ވާހަކަ އެވެ. ކަންތައްތަކެއް ކުރެވިދާނެ ވާހަކަ އެވެ. މިއީ ހަމަ މިނިސްޓަރު ކަމަށް އައުމާ ހަމައަށް ރާފިއު އަށް ވެސް އެކި ފޯރަމްތަކުގައި އިވިއިވި ހުރި ވާހަކަތަކެވެ.
"ދެން މި ވާހަކަތައް ދައްކާލަ ދައްކާލައި އަޅުގަނޑުމެން މި ތިބީ، މިހެން ތިއްބައި އަޅުގަނޑަށް މި ފުރުސަތު (މިނިސްޓަރުކަން) ލިބުނީމަ ކުރެވުނު އިހުސާސަކީ މިހާރު މިއޮތީ ވަގުތު އައިސްފައޭ، ދެން މި ކަމަށް ފުރަގަސްދީފައި، ދެން މި ކަމެއް ނުވިއޭ އެކަމެއް ނުވިއޭ އެކަން ކުރާކަށް ދެން ޖާގައެއް ނެތޭ، (ބުނަން ނުހުންނާނަމޭ)،" ރާފިއު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށް އެރީ އަޅުގަނޑަށް ލިބިފައި ހުރި ތަޖުރިބާ އާއި ބަދަހިކުރެވިފައި ހުރި ގުޅުންތަކާ، ވަކިން ހާއްސަކޮށް އެސޯސިއޭޝަންތަކާ، ވަރަށް ކައިރިން އަޅުގަނޑަށް މަސައްކަތް ކުރެވިފައި ހުރީ. އެެހެންވީމަ އެސޯސިއޭޝަންތަކުގެ އިހުސާސްތައް ވެސް އަޅުގަނޑަށް އެނގޭ، އެތުލީޓުންނާ ގުޅުން ހުރި ކަންތައްތައް ވެސް އެނގޭތީވެ، ހިތަށް އެރީ ވަކި ވިޝަންއަކާ އެކީގައި މަގު ޗާޓެއް ހެދިއްޖިއްޔާ މިހާރަށް ވުރެ އަދި މާ ފާގަތި މުސްތަގުބަލެއް ކުޅިވަރުގައި އެބައޮތޭ،"
ރާފިއު: ސްޕޯޓްސް މިިނިސްޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިން ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކާ އެކުގައި މަސައްކަތް ކޮށްފައިވޭ.--- ފޮޓޯ: ޔޫތު މިނިސްޓްރީ
ރާފިއު ވިދާޅުވީ މި ސަރުކާރުގެ 100 ދުވަހުން ހާސިލްކުރަން އޮތް ކަންތައްތަކުގެ ޕްލޭނުން ކުރިއަށްދިއުމަށް ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
އެ ގޮތުން، "މިސާލަކަށް އޮލިމްޕިކްސް އިން މެޑަލެއް ހޯދަން ޓާގެޓްކޮށްފައި، ދިހަ އަހަރު ފަހުން ވިޔަސް، ފަނަރަ އަހަރު ފަހުން ވިޔަސް، އެ ހިސާބަށް ދާން ކޮށަންޖެހޭ މަގަކީ ކޮބައިތޯ" ބަލަންޖެހޭ ކަމަށް ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕްލޭނުގެ ބްލޫޕްރިންޓެއް ފުރަތަަމަ 100 ދުވަސް ތެރޭ ހަދާނެ ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް މިހާރު އޮތް ހިސާބުން ދާން ބޭނުންވާ ލެވަލަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އަމިއްލަ ފައި މައްޗަށް ތެދުވެ، ކުރިއަށް ދެވޭވަރަށް މާލީ ގޮތުން ފުދުންތެރި ނުވުމެވެ. އެ އަށް ހައްލެއް ގެނައުމަށް މި ސަަރުކާރުގެ މެނިފެސްޓޯގެ ތެރެއިން ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށް ރާފިއު ވަނީ ވިދާޅުވެފަ އެވެ.
"(އެސޯސިއޭޝަންތައް) ފައިނޭންޝިއަލީ އިންޑިޕެންޑެންޓްކޮށް ހިންގޭނެ ގޮތުގެ ތަސައްވުރެއް އެބައޮތް. ގާނޫނަށް ބަދަލެއް ގެންނަން ޖެހުނަސް، މީރާގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރިއެއް ހިންގަން ޖެހުނަސް، އެކަން ވެސް ކޮށްގެން. އަޅުގަނޑުމެން މި ޖެހެނީ މި ކަންކަން ކުރަން އެސޯސިއޭޝަންތަކަށް އަޅުގަނޑުމެން ކޮށްދެން ޖެހޭ ކަންކަން ކޮށްދޭން،" ރާފިއު ވިދާޅުވި އެވެ.
ކުޅިވަރަށް ހަރަދުކުރަމުން މިހާތަނަށް އައި ގޮތުގެ ވައްޓަފާޅި އަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ރާފިއު ދެކިލައްވަ އެވެ. ރާފިއު ވިދާޅުވީ ރާއްޖޭގައި ކުޅިވަރަށް އިންވެސްޓްކުރާއިރު، ދެން ވިސްނަންވީ ބައިނަލްއަގުވާމީ ލެވަލްގެ މުބާރާތައް ބޭއްވޭވަރުގެ ފެންވަރު ރަނގަޅު ކުޅިވަރުގެ އިންފްރާސްޓްރަކްޗާތަކެއް އެޅުމަށް ކަމަށެވެ.
ރާފިއު ވިދާޅުވީ ކުރަން އުޅޭ ކަންތައްތައް އެންމެނަށް ވެސް ސާފުވާ ގޮތަށް ކިޔައިދޭން ޖެހޭނެ ކަމަށެވެ. ކަންކަން އޮޅުންފިލުވޭ ވަރަށް ވާހަކަ ދައްކައި، އެކި ފަރާތްތަކުގެ ހިޔާލު ވެސް ހޯދައި، ރަނގަޅު ފޯމިއުލާއެއް ގެނައުން މުހިންމުކަމެއްގެ ގޮތުގައި ރާފިއު ގަބޫލުކުރައްވަ އެވެ.
"އެސްއޯއީތަކުން (ސަރުކާރު ހިއްސާވާ ކުންފުނިތަކުން) އެސޯސިއޭޝަންތަކަށް ފައިސާދީގެން ކަންކަން ކުރަން ގަސްދުކޮށްފައި ވެސް އެބައޮތް. އެހެން ނަމަވެސް އޭގެ އިތުރުން ވެސް ބައެއް ކަންތައްތައް ކުރަންޖެހޭ، ޓްރަސްޓް ފަންޑެއް ހުޅުވައިގެން އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރުން، އެއީ ވެސް ކުރެވިދާނެ ކަމެއް. އެސޯސިއޭޝަންތަކަށް ކުރިން ދެންނެވިހެން، ވިޔަފާރީގެ މަގެއް، ދޮރެއް ހުޅުވައިދޭންޖެހޭ. ހުޅުވައިދީފިއްޔާ، އެ ބޭފުޅުންނަށް އިންޑިޕެންޓެންޑްކޮށް ފައިސާ ޖެނެރޭޓްކޮށްގެން އޮޕަރޭޓްކުރާނެ ކަމަށް ބެލެވެނީ،" ރާފިއު ވިދާޅުވި އެވެ.
މި ވަގުތު ރާއްޖޭގެ ކުޅިވަރުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށެވެ. އެފްއޭއެމްގެ މިހާރު އޮތް ލީޑަޝިޕާ އެކު، ރާފިއު ވަނީ މީގެ ކުރިން، މަސައްކަތްކޮށްފަ އެވެ. އެއީ، ގައުމީ ފުޓްބޯޅަ ޓީމުގެ ޑޮކްޓަރެއްގެ ގޮތުގައި ހުރިއިރާއި، ވަގުުތީގޮތުން ގައުމީ ޓީމުގެ މެނޭޖަރެއްގެ ޒިންމާއާ ހަވާލުވެހުރެ އެެވެ.
ރާއްޖޭގެ ފުޓްބޯޅަ ބޮޑު އަޑިގަނޑެއްގެ ތެރޭގައި އޮތްއިރު، އެ ކަމުން އަރައިގަންނަން ކުރަންޖެހޭނެ ކަމަކާ ގުޅޭގޮތުން ސުވާލުކުރުމުން ރާފިއު ދެއްވި ޖަވާބަކީ، "ރަނގަޅަށް ކޮމިއުނިކޭޓް ކުރުން" ކަމަށެވެ.
"ކޮމިއުނިކޭޝަން، ވާހަކަ ދެއްކުން. އެއީ އެންމެ ބޮޑު ހައްލު ލިބޭ އެއް ކަންތައް. ސަބަބަކީ އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ޓީމު ބިލްޑް ކޮށްގެން ޓީމު ޕާފޯމްކުރާ ވާހަކަ. އެތުލީޓުން ޕާފޯމްކުރާ ވާހަކަ. އެކަަމަކު އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އެސޯސިއޭޝަންތަކުގައި ތިބޭ ހުރިހާ ފަރާތަކަށް ވެސް އެނގިލައްވާނެ ކޮމިއުނިކޭޝަން އަކީ ސަކްސަސްގެ އެންމެ ކީ ކޮމްޕޯނަންޓްކަން،" ރާފިއު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ މިހާރު ކުޅިވަރުގައި ހުރި ބައެއް ކަންކަން ފުރިހަމަކޮށް ކުރިއަށްގެންދަން، ކުޅިވަރު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ހައްލުތަކެއް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މަޖިލީހުގައި މި ވަގުތު އޮތް ކުޅިވަރު ގާނޫނުގެ އެ އިސްލާހަކީ ގިނަ ފަރާތްތަކެއްގެ މަޝްވަރާގެ މަތިން ބަދަލުތައް ގެނެވިފައިވާ އިސްލާހެއް ކަމަށް ވެސް ރާފިއު ވިދާޅުވި އެވެ.
ދާދި ފަހުން ޓީޓީ އެސޯސިއޭޝަނުން ބޭއްވި އިވެންޓެއްގައި ރާފިއު ވާހަކަ ދައްކަވަނީ.---- ފޮޓޯ: ޔޫތު މިނިސްޓްރީ
ރާއްޖޭގެ އެތުލީޓުންގެ ފިޓްނަސް އާއި އަނިޔާގެ ކަންކަމާއި ޕާފޯމަންސަށް އަންނަ ބަދަލުތައް އެންމެ ކައިރިން ފެންނާނެ އެއް ފަރާތަކީ ރާފިއު އެވެ. އެއީ، ރާފިއު ވަނީ ރާއްޖޭގެ ގައުމީ ޓީމުތަކާ އެކު ވޭތުވެދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ގިނަ ތަޖުރިބާތަކެއް ކޮށްފަ އެވެ. އެކިއެކި ބައިނަލްއަގުވާމީ މަލްޓި ސްޕޯޓްސް ގޭމްސްތަކާއި ވަކި ކުޅިވަރުތަކުގެ އިންޓަނޭޝަނަލް މުބާރާތްތަކުގަ އެވެ.
ރާފިއު ދެކިލައްވާ ގޮތުގައި ސްކޮލަޝިޕް ދީގެން ރާއްޖޭގެ އެތުލީޓުން، ގައުމުން ބޭރަށް ޓްރެއިނިން އަށް ފޮނުވުމަށް ފަހު، އެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ނޫނީ ކުރިއެރުވޭނެ "މޮޑަލް" އެއް އޮންނަން ޖެހެ އެވެ.
"މިހާރު އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އަޅުގަނޑުމެން ބޭރަށް އެތުލީޓެއް ތަމްރީންކުރަން ފޮނުވައިގެން، ދެ އަހަރު ނޫނީ ތިން އަހަރުކޮށްފައި އަޅުގަނޑުމެން މި ގެންނަނީ، ސްކޮލަޝިޕް ނިމުނީމަ، ރާއްޖެ އަށް ގެނެސްފައި، އޭގެ ފަހުން ވެސް އަޅުގަނޑުމެން މި ފޮނުވަނީ ޓޯނަމެންޓަކަށް، ދެން އެ ޓޯނަމަންޓްގައި ޕާފޯމްކޮށްފައި، ރާއްޖޭގައި ހުރި ކަމަށް ވެއްޖިއްޔާ އެ އެތުލީޓެއްގެ ޕާފޯމަންސް ދަށްވެގެންދާތަން މި ފެންނަނީ،" ރާފިއު ވިދާޅުވި އެވެ.
"މިއީ ދެން، އަޅުގަނޑު ހިތުގައި އުފެދޭ ސުވާލެއް، އަނެއްކާ ވެސް ސްކޮލަޝިޕެއް ދީފައި ފޮނުވަންވީތޯއޭ، ކިތަން ކުދިންތޯއޭ ސްކޮލަޝިޕްގައި ފޮނުވާނީ އަބަދުވެސް އެ ކުދިން ތިބެންޖެހޭނީ ރާއްޖޭން ބޭރުގައިތޯއޭ،"
އެންމެ ބޮޑު ހައްލަކީ ރާއްޖޭގައި ރަނގަޅު ފެންވަރުގެ ވަސީލަތްތަކެއް ތަރައްގީވެފައި ހުރުމެވެ. ރާފިއު ވިދާޅުވީ އެތުލީޓުން ކުރިއަރުވަން ކުރެވޭ އިންވެސްޓް ވާންޖެހޭނީ ދެމެހެއްޓެނިވި ގޮތެއްގައި ކެރިއަރެއް ބައްޓަން ކުރަން ކުރެވޭ ކަމަކަށެވެ.
"ޓްރެއިނިން ޕްރޮގްރާމަކަށް ފޮނުވިޔަސް އަޅުގަނޑުމެން އެ ހާސިލްކުރަން ބޭނުން ލަނޑުދަނޑިއެއް ހާސިލެއް ނުވޭ. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ އެބަ އޮންނަން ޖެހޭ އެތުލީޓުން ތަމްރީންކުރާ މޮޑަލް އެއް. މާނަ އަކީ އަޅުގަނޑުމެންނަށް އެތުލީޓުންގެ ޕާފޯމަންސް އެބަ މެޝާ ކުރެވެން ޖެހޭ. ކޮން ކަމެއްތޯ ކުރަންޖެހެނީ، ކޮން ކަމެއްތޯ ކޮން ވަސީލަތެއްތޯ ހުރީ. މިއީ އެކަން، ކުރަން ދިގު ރާސްތާ ޕްލޭނެއް ހަދައިގެން ކުރަން ޖެހޭނެ ފޯމިއުލާ އަކީ،" އިންޑިއާ އިން މެޑިކަލް ރިހިބިލިޓޭޝަންގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ރާފިއު ވިދާޅުވި އެވެ.
ކުޅިވަރު މިހާރު އޮތް ލެވަލް އިން އެހެން ހަރުފަތަކަށް ގެންދިއުމުގެ ވާހަކަ އެކި ފޯރަމްތަކުގައި އެކި ގޮތްގޮތަށް ދެކެވޭއިރު، ރާފިއު ދެކިލައްވާ ގޮތުގައި ވިސްނަން ޖެހޭ، އެހެން ނަމަވެސް، އަތްނުލެވިހުރި އެހެނިހެން ކަންތައްތަކެއް ވެސް އެބަހުއްޓެވެ. އެ ގޮތުން، ކުޅިވަރުގައި އެތުލީޓެއް ކުރިއަރުވަން ކުރާ މަސައްކަތް ކުޅިވަރުގެ އެހެން ދާއިރާތަކުން ވެސް ކުރަން ޖެހޭ ކަމަށް ރާފިއު ވިދާޅުވި އެވެ.
"އަބަދުވެސް މި ފެންނަނީ އެތުލީޓުން ޓްރެއިން ކުރާތަން، އަރުތަ ޕްރޮގްރާމްގައި ވެސް އެތުލީޓުން ދާތަން. އެކަމަކު، އަޅުގަނޑުމެންނަށް އެނގެންޖެހޭ އެއް ކަމަކީ، ކީއްވެގެންބާއޭ، ސްޕޯޓްސް އެޑްމިނިސްޓްރޭޓާސް ޓްރެއިން ނުކުރަންވީ، ކީއްވެގެންބާއޭ، މެޑިކަލް ދާއިރާއިން، ސްޕޯޓްސް ފިޒިއޮތެރަފީ، ސްޕޯޓްސް ސައިކޮލޮޖީ ނޫނީ ސްޕޯޓްސް ނިއުޓްރީޝަން ނޫނިއްޔާ ފިޓްނަސް ޓްރެއިނިން، ކީއްވެހޭ މި ކަހަލަ ކަންކަމަށް މީހުން ތަމްރީން ނުކުރަންވީ،" ރާފިއު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ބޭނުންވާ ތަސައްވުރު ފެންނަން އޮތީ މުޅި ޓީމު ބިލްޑްވެގެން. މާނަ އަކީ ޓީމް ބިހައިންޑް ދަ ޓީމު، މާނަ އަކީ އެތުލީޓުންނަށް ސަޕޯޓްކުރަން ތިބޭ މީހުން ވެސް އެބަޖެހޭ މިހާރަށް ވުރެ ރަނގަޅު ލެވަލް އަކަށް އަންނަން، އެޑްމިނިސްޓްރޭޝަން ވިޔަސް، ސައިކޮލޮޖިކަލް ލެވަލް ވިޔަސް، ނޫނިއްޔާ ފިޓްނަސް ވައިސް ވިޔަސް، ނޫނީ އެހެން ރޮނގަކުން ވިޔަސް،"
ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް ކުރެވުނު އެކިއެކި މަސައްކަތުގައި އެކި ފަރާތްތަކާ އެކު، ވަރަށް ގާތްގުޅުމެއް ބާއްވައިގެން ކަންކަން ކުރެވުނު ކަމަށް ރާފިއު ވަނީ ވިދާޅުވެފަ އެވެ. އަދި އުންމީދަކީ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ވެސް ކުޅިވަރުގެ ފިކުރުގައި އެންމެންނަށް ވެސް އުންމީދީ މަސައްކަތެއް ކުރުން ކަމަށެވެ.
އެގޮތުން އެންމެ ބޭނުންވަނީ ދުރު ރާސްތާ ވިސްނުމެއްގައި ކަންކަން ރަނގަޅު މަގެއްގައި ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ރާފިއު ވިދާޅުވި އެވެ. އެއީ، ކުޅިވަރާ ވުޒާރާ ހިންގަން ދެން އަންނަ ބަޔަކަށް ވެސް ފަސޭހަވާނެ ގޮތަކަށް ކަންކަން މަގުފަހިކޮށްދީފައި ބާއްވައިގެންނެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment