Advertisement

ފަހު ބަހަކަށް ދައުލަތުން ބުނީ ޔާމީނާ މެދު ތަފާތު ނުކުރާ ކަމަށް

21 ނޮވެންބަރު 2023 - 19:06 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން؛ އެމަނިކުފާނާ މެދު ތަފާތު ކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށް ދައުލަތުން ބުނި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފަހު ބަހަކަށް ދައުލަތުން ބުނީ ޔާމީނާ މެދު ތަފާތު ނުކުރާ ކަމަށް

21 ނޮވެންބަރު 2023 - 19:06 0

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަކިން އަމާޒުކޮށް ތަފާތުކުރުންތަކެއް ގެންގުޅެ، "އެމަނިކުފާނު ބަދުނާމު ކުރުމުގެ ނިޔަތުގައި" ދައުވާ ކުރި ކަމަށް އެމަނިކުފާނުގެ ވަކީލުން ދައްކާ ވާހަކަތަކަށް، ފަހު ބަސް އިއްވަން ދިން ފުރުސަތުގައި ދައުލަތުން ރައްދު ދީފި އެވެ.

ޔާމީނާއި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވީ، ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ.

އެ މުއާމަލާތުގައި، ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެކެވެ.

ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި ފަހު ބަސް އިއްވަން ދައުލަތަށް ދިން ފުރުސަތުގައި، ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވީ ޝަރީއަތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ދައުލަތުގެ ވާހަކަތައް ބިނާކުރީ ލިބިފައިވާ ހެކި ގަރީނާއާއި ދިފާއީ ހެކިން ޝަރީއަތުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ކަމަށެވެ.

"ހަގީގަތާ ހިލާފު އެއްވެސް ވާހަކައެއް ދައުލަތުން ދައްކާފައެއް ނުވާނެ، ރައީސް ޔާމީނާ މެދު ތަފާތު ކުރުމެއް، ސެލެކްޓިވް ޕްރޮސެކިއުޝަނެއް ގޮތަށް ދައުލަތުން ކުރިއަށް ގެންގޮސްފައި ނުވާނެ،" ޝަފީއު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގައި މިހާތަނަށް ކުށް ސާބިތުވެގެން ހުކުމްކޮށްފައިވަނީ ޔާމީނާއި ޔޫސުފް ނައީމްގެ އިތުރަށް، ހިޔާނާތުގެ މޭސްތިރިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ.

އޭގެ ތެރެއިން އަދީބާއި ޒިޔަތަށް އިއްވި 20 އަހަރުގެ ހުކުމުގެ ބޮޑު ބައެއް ތަންފީޒުކުރެއްވީ ގޭބަންދުގައި ހުންނަވައިގެންނެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ދެ ބޭފުޅުންގެ އަދަބު ލުއިކޮށްދެއްވައިފަ އެވެ. އަދީބު މިހާރު ހުންނެވީ ގައުމުން ބޭރުގަ އެވެ.

ދެން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި، ޔާމީނާއި ސަންގެ ކުންފުނިތަކާއި ކްރިކް ރިޒާގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެއިން ވެސް، ފަހުން ހުށަހެޅޭ ގޮތަށް ކްރިކް ރިޒާއަށް ކުރި ދައުވާ އަނބުރާ ގެނެސްފައިވެ އެވެ.

ދެން ދައުވާ އުފުލީ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރާއި މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި، ރައީސް ސޯލިހުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށެވެ. އޭގެ ތެރެއިން މަހުލޫފުގެ މައްޗަށް ދައުވާ ކުރުމަށް ފަހު، ސާބިތު ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ދައުވާ އަނބުރާ ގެނެސްފައިވެ އެވެ.

ޝަފީއު މިއަދު ވިދާޅުވީ ދައުވާތަކެއް ކޯޓަށް ހުށަހެޅި ހިނގަމުން ދިޔުމަކީ ދައުލަތުން ތަފާތު ކުރުމެއް ގެންގުޅެފައި ނެތް ކަމުގެ ހެއްކެއް ކަމަށެވެ. އަދި ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން، ބައެއް މައްސަލަތައް މަޑުޖެހިފައިވުމަކީ ދައުލަތުގެ ކަންބޮޑުވުން ވެސް އޮތް ކަމެއް ކަމަށް ވިދާޅުވި ެވެ.

"މި މައްސަލާގައި ދައުލަތުން ދައުވާކޮށް ކުށް ސާބިތުވެފައި ތިބި ބަޔަކު ވެސް އެބަ ތިބި. ދައުވާތަކެއް ކޯޓަށް ހުށަހެޅި ހިނގަމުން އެބަ ދޭ، އެ މައްސަލަތައް ކޯޓުގައި ކުރިއަށް ނުގޮސް މަޑުޖެހިފައިވާތީ އެ ކަންބޮޑުވުން ވެސް އެބަ އޮތް،" ޝަފީއު ވިދާޅުވި އެވެ.

ފަހު ބަސް އިއްވަން ހުރިހާ ހަސްމުންނަށް ވެސް މިއަދު ފުރުސަތު ދިނެވެ. ޝަރީއަތުން ގޮތެއް ނިންމުމަށް މައްސަލަ ދިރާސާކުރަމުންދާއިރު އިތުރަށް ސާފު ކުރާނެ ކަމެއް ނެތް ނަމަ، ދެން އޮންނާނީ ހުކުމް ކުރުމެވެ.

ޔާމީނަކީ ޕީޕީއެމް/ޕީއެންސީގެ އެންމެ އިސް ލީޑަރެވެ. ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ އިއްތިހާދުގެ ޓިކެޓު އެރުވީ ވެސް ޔާމީނަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީ މި ހުކުމުގެ ސަބަބުންނެވެ.

ގާނޫނީ ހަމަތަކުގެ މަތީން، ޔާމީން މިނިވަން ކުރުމަކީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ޔާމީނާއި އެމަނިކުފާނު ލީޑުކުރާ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ދެކޭ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކީ، "ސިޔާސީ" ދައުވާތަކެވެ.

އެގާރަ އަހަރުގެ ޖަލުހުކުމެއް އޮތް ނަމަވެސް ޔާމީނު މިހާރު ހުންނެވީ ރަށު ބަންދުގަ އެވެ. ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ސޯލިހަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ޔާމީނު ފުރަތަމަ ބަދަލުކުރީ ގޭބަންދަށެވެ. ފަހުން އިތުރު ލުއިތައް ދީ، މިހާރު ހުންނެވީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގެންނެވޭ ގޮތަށެވެ.