Advertisement

ސަރުކާރުގެ ފިސްކަލް ސްޓްރެޓަޖީއާ ހުށަހެޅި ބަޖެޓާ ދިމާ ނުވޭ: އޮޑިޓާ ޖެނެރަލް އޮފީސް

21 ނޮވެންބަރު 2023 - 10:36 0

އަމަން ހަލީމް

އަމަން ހަލީމް

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ: އާމްދަނީ އާއި ހަރަދު ކުޑަކުރަން ހުށަހަޅާ ސިޔާސަތުތައް ތަންފީޒުކުރަން ލަދާދެއްވި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސަރުކާރުގެ ފިސްކަލް ސްޓްރެޓަޖީއާ ހުށަހެޅި ބަޖެޓާ ދިމާ ނުވޭ: އޮޑިޓާ ޖެނެރަލް އޮފީސް

21 ނޮވެންބަރު 2023 - 10:36 0

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާއި ސަރުކާރުގެ ފިސްކަލް ސްޓްރެޓަޖީއާ ދިމާނުވާ ކަމުގެ ކަންބޮޑުވުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ފާޅުކޮށްފި އެވެ.

އޮޑިޓް އޮފީހުން ބަޖެޓަށް ދިން ލަފާގައި ފާހަގަކުރި ގޮތުގައި މިދިޔަ ޖުލައި މަހު ޝާއިކުރި ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނުގައި އާމްދަނީ އިތުރުކުރާށާއި ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ބައެއް ކަންކަން ބަޖެޓުގައި ހިމަނާފައި ނުވެ އެވެ.

އަންނަ އަހަރު އާމްދަނީ އިތުރުކުރަން ފިސްކަލް ސްޓްރެޓަޖީގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމަނާފައި ނުވަނީ ކުޅިތަކާއި މޫދުވިނަ ހުރި ކަނޑުގެ ސަރަހައްދުތައް ރައްކާތެރިކޮށް، އެ ތަންތަނުން ކާބަން ރައްކާކުރާ މިންވަރު ހިސާބުކުރުމަށް ފަހު ކާބަން ކްރެޑިޓްސް ދުނިޔޭގެ ބާޒާރުގައި ވިއްކުމާއި އެމްއެފްއެމްސީން ކ. ގާފަރުގައި ކުރިއަށް ގެންދާ އިންޓްގްރޭޓަޑް ފަތުރުވެރިކަމުގެ މަޝްރޫއިން ސަރުކާރަށް ދައްކާ ޑިވިޑެންޑް ލިބެން ފެށުމެވެ.

މިއިން އެއްވެސް ކަމެއްގެ އަމަލީ މަސައްކަތް މިހާތަނަށް ފަށާފައި ނު ވެ އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުން އޮޑިޓު އޮފީހުން ބުނީ ދައުލަތުގެ އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަމަކީ ތަންފީޒުކުރާނެ ގޮތް ރޭވިގެން ޖަވާބުދާރި ކުރެވޭނެ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭ ކަންކަމަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ރާވާ ތަންފީޒުކުރަން ކަނޑައަޅާ ކަންކަމަކީ ރަނގަޅަށް ދިރާސާކުރެވި އެކަން ތަންފީޒުކުރެވޭނެ ގޮތުގެ ޕްލޭންތައް ހެދި ޖަވާބުދާރީ ކުރެވޭނެ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުން މުހިންމު ކަމެއްކަން ފާހަގަކުރަމެވެ." އޮޑިޓު އޮފީހުގެ ލަފާގައި ވެ އެވެ.

ހަރަދު ކުޑަކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން އޮޑިޓު އޮފީހުން ފާހަގަކުރީ އާސަންދައިގެ ހިދުމަތުގެ ކަވަރޭޖަށް ގެންނަން ހުށަހެޅި ބަދަލުތަކެވެ. މި ބަދަލު ގެންނަން ފިސްކަލް ސްޓްރެޓަޖީގައި ހިމަނާފައިވީ ނަމަވެސް ބަޖެޓުގައި ހިމަނާފައި ނެތެވެ.

އާސަންދައަކީ މިހާރު ވެސް ބަޖެޓަށް އެންމެ ބޮޑަށް ވާންކުރާ އެއް ހަރަދެވެ. ވޭތުވި އަހަރުތަކަށް ބަލާއިރު ބަޖެޓު ކުރި ވަރަށް ވުރެ ގިނައިން ހަރަދު ކުރަން ނުޖެހޭ އަހަރެއް ނުދެ އެވެ.

އޮޑިޓު އޮފީހުން ބުނީ އާސަންދައިގެ ހަރަދު ކުޑަކުރަން ހުށަހަޅާ ސިޔާސަތުތަުގެ ތެރެއިން ތެރެއިން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޭނުންކުރުން ކުޑަކުރުމަށް (އޯވާ ޔޫސް ކުޑަކުރުމަށް) ހުށަހަޅާ ސިޔާސަތުގެ ތެރެއިން ހަރަދު ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި އޮތް ނަމަވެސް، އެ ސިޔާސަތުގެ ތަފްސީލެއް ބަޖެޓުގައި ނެތެވެ.

މިއީ އާސަންދަ ހަރަދުން 492.9 މިލިއަން ކުޑަކުރެވޭނެ ކަމެއްގެ ގޮތުގައި ބަޖެޓުގައި އަންދާޒާކޮށްފައިވާއިރު، މި ސިޔާސަތު ތަންފީޒު ނުކުރެވިއްޖެ ނަމަ އަނެއްކާ ވެސް ހަރަދުތައް އިތުރުވާނެ ކަމަށް އޮޑިޓު އޮފީހުން ފާހަގަކުރި އެވެ. އަދި މީގެ ކުރީ އަހަރުތަކުގައި ވެސް އާސަންދަ ހަރަދު ކުޑަކުރަން ހުށަހަޅާާފައިވާ ފިޔަވަޅުތައް ތަންފީޒު ނުވާއިރު، މިކަން ކުރެވޭޏެ ތާވަލެއް އެކުލަވާލައި އެކަން މޮނީޓާކޮށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމްކުރަން އެ އޮފީހުން ލަދާ ދިނެވެ.