20 ނޮވެންބަރު 2023 - 13:36 0
މުހައްމަދު ޖަމްޝަތު ވަހީދު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ---- ފޮޓޯ:އަދަދު
20 ނޮވެންބަރު 2023 - 13:36 0
ބޭރު ފައިސާއިން ދައުލަތުން ކުރަން ޖެހޭ ހަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދިޔުމާއެކު، ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީއިން އެފަދަ ހަރަދުތައް ހަމަޖެއްސުމަށް ދަތިވަމުންދާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އަށް އެމްއެމްއޭއިން ހުށަހަޅާފައިވާ ލަފާގައި ބުނެފައި ވަނީ ދައުލަތުގެ ރަސްމީ ރިޒާވް ވަކި މިންވަރެއްގައި ހިފެހެއްޓުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭރުގެ ފައިނޭންސިން މިވަގުތު ކޮންމެހެން ހޯދަން ޖެހިފައިވާ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ދައުލަތުގެ ބަޖެޓުގައި ބޭރުގެ ހިލޭ އެހީ ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ލިބިފައެއް ނުވެ އެވެ. އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި ފައިސާގެ 80.8 ޕަސެންޓު ނުލިބުމުގެ ކަންބޮޑުވުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް ވަނީ މީގެ ކުރިން ހިއްސާކޮށްފަ އެވެ.
އެމްއެމްއޭއިން ބުނީ މި އަހަރަށް ބޭރުގެ ފައިނޭންސިންގެ ގޮތުގައި އަންދާޒާ ކޮށްފައިވާ އަދަދުން ތިން ބިލިއަން ރުފިޔާ (200 މިލިއަން ޑޮލަރު)، މި ހިނގާ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ހޯދުމަކީ ވަރަށް މުހިންމު ކަމަށެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ބޭރުގެ ފައިނޭންސިންގެ ގޮތުގައި 550 މިލިއަން ޔޫއެސް ޑޮލަރު ރަސްމީ ރިޒާވް ގައި ހިމަނާފައިވާއިރު، އޭގެ ތެރެއިން ބައެއް އަންނަ އަހަރުގެ ކުރީކޮޅު ދައުލަތުގެ ރިޒާވަށް ވަނުން މުހިންމު ކަމަށް ވެސް ބުންޏެވެ.
އެމްއެމްއޭއިން ބުނީ އެ އަދަދުތަކަށް ބޭރުގެ ފައިނޭންސިން ނުލިބިއްޖެ ނަމަ، އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު އިތުރުވެ، ތަކެތީގެ އަގު އުފުލުން އެކަށީގެންވާ ކަމަށެވެ. އެހެންވެ އެ ހިރާސްތައް ކުޑަކުރުމަށްޓަކައި ދުރާލާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ހިމަނާފައިވާ ފައިނޭންސިންގް ހޯދުމުގެ މަސައްކަތް ކުރުމަށް އެމްއެމްއޭއިން ވަނީ ލަފާ ދީފަ އެވެ.
އޭގެ އިތުރުން، ފައިނޭންސް ހޯދުމަށް ދަތިވާނަމަ ބޭރު ފައިސާގެ ހަރަދުތައް އިސްކަންދޭ ތަރުތީބެއްގެ މަތިން ކުރުމަށާއި އެ ހަރަދުތައް މަދުކުރުން ވަރަށް މުހިންމު ކަމަށް ވެސް އެމްއެމްއޭއިން ލަފާދީފައިވެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭއިން ލަފާކުރާ ގޮތުގައި ސަރުކާރުން ލަފާކުރާ މިންވަރަށްވުރެ ބަޖެޓު ޑެފިސިޓް އިތުރުވާނެ އެވެ.
އަދި 2024 ވަނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށްޓަކައި ބޭނުންވާ މިންވަރަށް ބޭރުގެ ފަރާތްތަކުން ފައިނޭންސް ހޯދުމަށް ބޮޑެތި ހިރާސްތަކެއް ހުރި ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން، އަންނަ އަހަރު ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޑޮމެސްޓިކް މާކެޓަށް ބަރޯސާވާ މިންވަރު ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ.
ނަމަވެސް މި ދަނޑިވަޅުގައި ވިޔަފާރި ބޭންކުތަކުގެ ލިކުއިޑިޓީ ހުރި މިންވަރަށާއި އެކްސްޕޯޝާ ލިމިޓްތަކަށް ބަލައި، އެ އަދަދަށް ޑޮމެސްޓިކް މާކެޓުން ފައިނޭންސިން ހޯދުން ދަތިވެދާނެ ކަމަށް މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment