20 ނޮވެންބަރު 2023 - 06:46 0
އިއްޔެ ބޭއްވި ކެބިނެޓުގެ ބައްދަލުވުން: މިއީ ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ފުރަތަމަ ބައްދަލުވުން. -- ފޮޓޯ: ރައީސް އޮފީސް
20 ނޮވެންބަރު 2023 - 06:46 0
ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރާ ކައުންސިލަކާއެކު އިތުރު ދެ ކައުންސިލެއް އުފައްދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމެވި އެވެ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އެ ތިން ކައުންސިލް އަކީ ސޯޝަލް ކައުންސިލް އާއި އިކޮނޮމިކް ކައުންސިލް އަދި ވިޒިޓާ އިކޮނޮމީ ކައުންސިލް ކަމަށެވެ.
އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު ބަލައްހައްޓަވާނީީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ސޯޝަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެން މުހައްމަދު ލަތީފެވެ. އަދި ވިޒިޓާ އިކޮނޮމީ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ މުއިއްޒެވެ.
ސޯޝަލް ކައުންސިލް އާއި އިކޮނޮމިކް ކައުންސިލުގެ ނަމުގައި ކުރީ ސަރުކާރުން ވެސް ދެ ކައުންސިލެއް ހިންގި އެވެ. ނަމަވެސް ވިޒިޓާ އިކޮނޮމީ ކައުންސިލަކީ މުޅިން އާ ކައުންސިލެކެވެ.
ފިރުޒުލް ވިދާޅުވީ ވިޒިޓާ އިކޮނޮމީ ކައުންސިލް އުފައްދަން ރައީސް ނިންމެވީ ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް ކުރިއަރުވަން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުމަށް ކަމަށެވެ.
އެ ކައުންސިލުގެ މެންޑޭޓުގައި ޓޫރިޒަމް ޑައިވާސިފައިކޮށް އެކި ބާވަތުގެ ޓޫރިޒަމް ޕްރޮމޯޓްކުރުން ހިމެނެ އެވެ.
އެ ދާއިރާތަކުގެ ތެރޭގައި ތައުލީމީ، ސިއްހީ، ތާރީހީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ހިމެނެ އެވެ. އަދި ރާއްޖޭގައި މިހާރުވެސް ހިންގަމުން އަންނަ ލެއިޝާ ޓޫރިޒަމް އިތުރަށް ފުޅާކުރުންވެސް ހިމެނޭ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ސަރުކާރުގެ އިސް ބައެއް މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންނާއެކު ރައީސް މުއިއްޒު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ރައީސް އޮފީސް
Comment