Advertisement

ޕީއެންސީ/ޕީޕީއެމުން މަޖިލިސް ޕްރައިމަރީ ބާއްވަނީ އެމްޑީއޭ އަދި އެމްއެންޕީއާވެސް އެކު

19 ނޮވެންބަރު 2023 - 13:36 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާ ސަލާމް ކުރައްވަނީ : ޕީއެންސީ/ޕީޕީއެމުން މަޖިލިސް ޕްރައިމަރީ ބާއްވަނީ އެމްޑީއޭ އަދި އެމްއެންޕީއާވެސް އެކު - ފޮޓޯ: ރައީސް އޮފީސް


ޕީއެންސީ/ޕީޕީއެމުން މަޖިލިސް ޕްރައިމަރީ ބާއްވަނީ އެމްޑީއޭ އަދި އެމްއެންޕީއާވެސް އެކު

19 ނޮވެންބަރު 2023 - 13:36 0

އަންނަ އަހަރުގެ އެޕްރީލު މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ނުކުންނާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދުގެ އެމްޑީއޭ އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީއާ އެކުގައި ކަަން އެނގިއްޖެ އެވެ.

ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގެ ބައެއް އިސް އޮފިޝަލުން "އަދަދު" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެ އިންތިހާބުގައި ހޮވާ 93 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކުގެ ޕްރައިމަރީ ބާއްވާނީ އެ ދެ ޕާޓީތަކާ އެކު އެވެ.

އެގޮތުން ނ. އަދި ދ. އަތޮޅުގެ މަޖިލިސް ގޮނޑިތަކަށް ނެރޭ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީގައި އެމްޑީއޭ ބައިވެރިކުރަން، އެ ޕާޓީގެ ލީޑަރު ސިޔާމު އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއްބަސްވެވަޑައިގެންފަ އެވެ. ބައެއް ދާއިރާތަކުގެ ޕްރައިމަރީގައި އެމްޑީއޭއިން ވާދަކުރާ ކެންޑިޑޭޓުން ވަނީ މިހާރު އެކަން އިއުލާނުވެސް ކޮށްފަ އެވެ.

އެމްއެންޕީއިން ވާދަކުރާ ދާއިރާތައް އަދި އެނގިފައިނުވާއިރު، އެކަން ފައިނަލްކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް ޕީއެންސީ ކޯލިޝަނުގެ އިސް އޮފިޝަލުން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީ އަދި އެމްޑީއޭއިން ރައީސް މުއިއްޒުއަށް ތާއީދުކުރީ ދެވަނަ ބުރުގަ އެވެ. އެމްއެންޕީއިން ފުރަތަމަ ބުރުގައި ވާދަކުރި ނަމަވެސް 1,900 އެއްހާ ވޯޓާއެކު ލިބުނީ ހަތް ވަނަ އެވެ. ނަމަވެސް އަލަށް އުފެއްދި ކެބިނެޓުގެ ދެ ސްލޮޓެއްވެސް އެ ޕާޓީއަށް ވަނީ ލިބިފަ އެވެ.

އެމްޑީއޭއިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތާއީދުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް، ދެވަނަ ބުރުގެ ވޯޓަށް 72 ގަޑީރަށް ވެފައި ވަނިކޮށް އެ ޕާޓީން ވަނީ ސޯލިހު ދޫކޮށް، ރައީސް މުއިއްޒުއަށް ތާއީދުކުރަން ނިންމާފަ އެވެ.

އެ ނިންމުމާއެކު ޕީއެންސީ ކޯލިޝަނުގެ ބައެއް ފަރާތްތަކުންވެސް އެމްޑީއޭއަށް ފާޑުކިޔެވެ. އަދި އެ ދެ ޕާޓީއަށް ސަރުކާރުންނާއި މަޖިލިސް އިންތިހާބުގެ ޓިކެޓުން ޖާގަދޭން ނުޖެހޭ ކަމަށްވެސް އެ ކޯލިޝަނުގެ އެކި ފަރާތްތަކުން މީގެ ކުރިން ބުނެފައިވެ އެވެ.