Advertisement

ޔާމީންގެ އިސްތިއުނާފް ޝަރީއަތް: ހަސްމުންގެ ފަހު ބަސް އިއްވުން އަންގާރަ ދުވަހަށް

19 ނޮވެންބަރު 2023 - 12:58 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން؛ އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ނިމުމަކާ ގާތްވެއްޖެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޔާމީންގެ އިސްތިއުނާފް ޝަރީއަތް: ހަސްމުންގެ ފަހު ބަސް އިއްވުން އަންގާރަ ދުވަހަށް

19 ނޮވެންބަރު 2023 - 12:58 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ އިސްތިއުނާފު މައްސަލާގައި އަންގާރަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވީ، ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ.

އެ މުއާމަލާތުގައި، ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެކެވެ.

ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

ދެ ބޭފުޅުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލާގައި މިހާރު އޮތީ މައްސަލައިގެ ކޮންމެ ހަސްމަކު ފަހު ބަސް އިއްވުމާއި، ޝަރީއަތުން އިތުރަށް ސާފު ކުރަން ޖެހޭ ކަމެއް ނެތް ނަމަ ހުކުމް އިއްވުމުގެ މަޖިލިހެވެ.

އެނގިފައިވާ ގޮތުގައި އެ އަޑުއެހުން ތާވަލުކޮށްފައި އޮތީ އަންގާރަ ދުވަހު މެންދުރު ފަހު 2:00 އަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި ގޮތުގައި ރިޝްވަތުގެ ގަޒިއްޔާއަށް ކޮންމެ ހަސްމަކަށް 30 މިނެޓުގެ ފުރުސަތެއް ދެއްވާނެ ކަން އެންގެވި އެވެ. އަދި މަނީ ލޯންޑަރިންގެ ގަޒިއްޔާއަށް ކޮންމެ ހަސްމަކަށް އެއް ގަޑިއިރުގެ ފުރުސަތެއް ދެއްވާނެ އެވެ.

ޔާމީނަކީ ޕީޕީއެމް/ޕީއެންސީގެ އެންމެ އިސް ލީޑަރެވެ. ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ އިއްތިހާދުގެ ޓިކެޓު އެރުވީ ވެސް ޔާމީނަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީ މި ހުކުމުގެ ސަބަބުންނެވެ.

ގާނޫނީ ހަމަތަކުގެ މަތީން، ޔާމީން މިނިވަން ކުރުމަކީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

މި ދައުވާތަކުގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ނުނިމި އޮތް އިރު، އެ މައްސަލާގައި އަޑުއެހުމެއް ނުބޭއްވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

ޔާމީނާއި އެމަނިކުފާނު ލީޑުކުރާ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ދެކޭ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކީ، "ސިޔާސީ" ދައުވާތަކެވެ.

އެގާރަ އަހަރުގެ ޖަލުހުކުމެއް އޮތް ނަމަވެސް ޔާމީނު މިހާރު ހުންނެވީ ރަށު ބަންދުގަ އެވެ. ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ޔާމީނު ފުރަތަމަ ބަދަލުކުރީ ގޭބަންދަށެވެ. އެހެން ނަމަވެސް އިތުރު ލުއިތައް ދީ، މިހާރު ހުންނެވީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގެންނެވޭ ގޮތަށެވެ.