Advertisement

ތަރައްގީކޮށް ނިމޭއިރު ފަތުވާ ކައުންސިލް ވާނީ ވަރުގަދަ އިލްމީ މުއައްސަސާއަކަށް; މިނިސްޓަރު

19 ނޮވެންބަރު 2023 - 11:49 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު، ޑރ. ޝަހީމް، ވިދާޅުވަނީ ފަތުވާ ކައުންސިލު ފަންނީ ގޮތުން ތަރައްގީކުރައްވާނެ ކަމަށް --- ފޮޓޯ:މިރާޝް ނާޝިމް/އަދަދު


ތަރައްގީކޮށް ނިމޭއިރު ފަތުވާ ކައުންސިލް ވާނީ ވަރުގަދަ އިލްމީ މުއައްސަސާއަކަށް; މިނިސްޓަރު

19 ނޮވެންބަރު 2023 - 11:49 0

ފަންނީ ގޮތުން ތަރައްގީކޮށް، އިސްލާމް ދީނާ ގުޅުން ހުރި ތަފާތު ކަންކަމަށް ސައިންޓިިފިކް ހައްލުތައް ހޯދައިދޭ ވަރުގަދަ އިލްމީ މުއައްސަސާއަކަށް ފަތުވާ ކައުންސިލް ބަދަލުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީގައި "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއު އެއްގައި ޝަހީމް ވިދާޅުވީ ފާއިތުވި ފަސް އަހަރު ނިމިގެންދިޔައީ އެ ކައުންސިލުގެ މެމްބަރުން ހަމަނުވެ ކަމަށެވެ. އަދި އެ ކައުންސިލަަށް ގާނޫނީ ބާރު ލިބިފައިވާއިރު މެމްބަރުން ހަމަނުވެ ކައުންސިލުގެ މަސައްކަތް އެންމެ ރަނގަޅުގޮތުގައި ކުރިއަށްގެންގޮސްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން މިނިސްޓަރު ފާޅުކުރެއްވި އެވެ.

އެހެންވެ މި ސަރުކާރުގައި ފަތުވާ ކައުންސިލު ފަންނީގޮތުން ތަރައްގީކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދައްކަނީ އިސްލާމީ ދިރާސާ ކުރާ، އިސްލާމީ އިރުޝާދު ދޭ އަދި ދީނީ ކަންތައްތަކުގައި އުފެދޭ ސުވާލުތަކަށް ޖަވާބުދޭ ހަރުދަނާ އިސްލާމީ، އިލްމީ އެކަޑަމިކް މުއައްސަސާއެއްގެ ވާހަކަ" ޝަހީމް ވިދާޅުވި އެވެ.

މިސްރާއި އުރުދުން އަދި ސައުދި އަރަބިއާގެ ފަތުވާ ހައުސްތަކުގެ މިސާލު ދައްކަވަމުން ޝަހީމު ވިދާޅުވީ އެތަންތަނަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް ވަރަށް ރަނގަޅަށް ހިންގަމުން އަންނަ ފަތުވާ މަޖިލިސްތައް ކަމަށާއި އެެއީ އިސްލާމީ މުޖުތަމައުގެ އެއްބައިވަންތަކަން ގާއިމުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާ މުއައްސަސާތައް ކަމަށެވެ.

އަދި އެ ފަތުވާ މަޖިލިސްތަކާ އެއްގޮތަށް ރާއްޖޭގައިވެސް އިގުތިސާދީ ގޮތުންނާއި ދީނީ ގޮތުންނާއި ސިއްހީ ގޮތުންވެސް އިސްލާމް ދީނާއި ގުޅިފައި ހުންނަ ކަންތައް ތަކުގައި އިސްލާމީ ބަހެއް ބޭނުންވާ ކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ވަކިވަކި އިލްމުވެރިން ނެރޭ ފަތުވާތަކުގެ ބަދަލުގައި އިލްމުވެރިންގެ ޖަމާއަތަކުން މަޝްވަރާކޮށްގެން ނެރޭ ފަތުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގިނަ ފަހަރު ގައުމުތަކުގަ، މިސާލަކަށް މިސްރުގައި ދީނީ މައްސަލަތައް އުފެދި، އެއީ ބޮޑު މައްސަލައަކަށް ވުމުގެ ކުރިން އޭގެ ހައްލު އޮވޭ ދައްކަދީފަ. އަޅުގަނޑު މިދައްކަނީ ގައުމީ މައްސަލަތަކުގަ، މުޅި މުޖުތަމައަށް އޭގެ އަސަރުކުރާވަރުގެ މައްސަލަތަކާއި ކަންތައްތަކުގައި ފަރުދީ ފަތުވާތަކަށްވުރެ، ތަފާތު އެކި މަދަރުސާތަކުން އިލްމު އުގެނިގެން ތިބޭ އިލްމުވެރިންތަކެއްގެ ޖަމާއީ ފަތުވާގެ ވާހަކަ" މިނިސްޓަަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފަދަ މައްސަލަތަކާ ގުޅޭ ފަތުވާ ނެރެންޖެހޭނީ އެކަމަށް އިލްމީ ގޮތުންނާއި ދީނީ ނަޒަރިއްޔާއިން އިލްމްވެރިންގެ މެދުގައި މަޝްވަރާކުރެވިގެން ކަމަށެވެ.

އަދި އެހެން ގައުމުތަކުގެ މުޖުތަމައުތަކަށް ނެރޭ ފަތުވާ ދިވެހި ބަހަށް ބަދަލުކޮށްގެން ރާއްޖޭގައި ފަތުވާ ނެރެން ނުޖެހޭ ކަމަށާއި ރާއްޖޭގެ މުޖުތަމައުގައި ދިމާވާ ކަންތައްތަކަށް ނެރޭ ފަތުވާތައް ވާންޖެހޭނީ އިލްމީ ގޮތެއްގައި ބަހުސްކުރެވިގެން ރާއްޖޭގެ ހާލަތާއި މުޖުތަމައަށް އަމާޒުކޮށްގެން ނެރޭ ފަތުވާތަކަަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.