Advertisement

ހަލާލު ސެޓިފިކެޓުގެ އުފެއްދުންތައް ވިއްކުން އިންޑިއާގެ އުއްތަރުޕުރަދޭޝްގައި މަނާކޮށްފި

19 ނޮވެންބަރު 2023 - 07:54 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ހަލާލު ސެޓިފިކެޓުގެ އުފެއްދުންތައް ވިއްކުން އިންޑިއާގެ އުއްތަރުޕުރަދޭޝްގައި މަނާކޮށްފި

19 ނޮވެންބަރު 2023 - 07:54 1

ހަލާލު ސެޓިފިކެޓުގެ އެއްވެސް އުފެއްދުމެއް ވިއްކުމާއި ގުދަން ކުރުމުގެ އިތުރުން އުފެއްދުން ވެސް އިންޑިއާގެ އުއްތަރުޕުރަދޭޝްގައި މަނާކޮށްފި އެވެ.

އުއްތަރުޕުރަދޭޝްގެ ސަރުކާރުން އެ ސްޓޭޓުގައި ހަލާލު ސެޓިފިކެޓުގެ އުފެއްދުންތައް މަނާކޮށްފައި މިވަނީ އިންޑިއާގެ ބައެއް ކުންފުނިތަކުން ހަލާލު ސެޓިފިކެޓުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ބުނެ އަމިއްލަ ފަރުދަކު ހުށަހަޅާފައިވާ މައްސަލަތަކެއް ލަކްނޯ ފުލުހުން ތަހުގީގު ކުރަން ފަށާފައި ވަނިކޮށެވެ.

އުއްތަރުޕުރަދޭޝްގެ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ހަލާލް އިންޑިއާ ޕްރައިވެޓު ލިމިޓެޑު ޗެންނާއީއާއި ޖަމިއްޔަތުއް އުލަމާއީ ހިންދު ހަލާލް ޓުރަސްޓު ދިއްލީއާއި ހަލާލް ކައުންސިލް އޮފް އިންޑިއާ މުމްބާއީ ފަދަ ކުންފުނިތަކުން ހަލާލު ސެޓުފިކެޓު ބޭނުން ކޮށްގެން ވަކި ދީނެއްގެ ބަޔަކަށް މުދާ ވިއްކުން އިތުރު އިތުރު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

ލަކްނޯ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި އުއްތަރުޕުރަދޭޝް ސަރުކާރުން ފާހަގަކޮށްފައިވާ ކުންފުނިތަކުން ވިޔަފާރި ބޭނުމަށް ހަލާލު ސެޓުފިކެޓު ވިއްކާ ކަމަށާއި ހަލާލު ސެޓުފިކެޓު ނުޖަހާ އުފެއްދުންތައް ނުގަތުމަށް ޕުރޮޕެގެންޑާ ފަތުރާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އިންޑިއާގައި ހުއްދަ ދީގެން ވިއްކާ އެއްވެސް އުފެއްދުމެއް ނުގަތުމަށް ނުވަތަ ބޭނުން ނުކުރުމަށް އިލްތިމާސްކޮށް ކެމްޕޭނު ކުރުމަކީ ގާނޫނީ ކުށެކެވެ.

އުއްތަރުޕުރަދޭޝްގެ ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައިވާއިރު، ހަލާލު ސެޓިފެކެޓު ޖެހުމުގެ މައިގަނޑު ބޭނުމަކީ އެ އުފެއްދުމަކީ މުސްލިމުންނަށް ކެއުން ނުވަތަ ބޭނުން ކުރުން ހުއްދަ އެއްޗެއްކަން ސާބިތުކޮށް ދިނުމެވެ. ހަލާލު ސެޓުފިކެޓު ޖަހަނީ އެ އުފެއްދުމެއް ތައްޔާރު ކުރާ ގޮތާއި ބަންދު ކުރާ ގޮތް ރަނގަޅަށް ދިރާސާ ކުރުމަށްފަހު އެވެ.

އިންޑިއާއަކީ އެކި ދީންތަކުގެ މީހުން ދިރިއުޅޭ ގައުމަކަށް ވާތީ އެ ގައުމުގައި މުސްލިމުން ކެއުން ހަރާމް ބައެއް އުފެއްދުންތައް ވެސް ބާޒާރުގައާއި ފިހާރަތަކުގައި ވިއްކަން ހުރެ އެވެ.