Advertisement

ހައްޖު ކޯޓާ އިތުރުކުރުމުގެ މަޝްވަރާތައް ފަށައިފި

18 ނޮވެންބަރު 2023 - 20:17 5

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިސްލާމިކް މިނިސްޓަރު ޝަހީމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ.


ހައްޖު ކޯޓާ އިތުރުކުރުމުގެ މަޝްވަރާތައް ފަށައިފި

18 ނޮވެންބަރު 2023 - 20:17 5

ރާއްޖެއަށް ހައްޖު ކޯޓާ އިތުރުކުރުމަށް ސައުދީ އަރަބިއްޔާއާއެކު މަޝްވަރާތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

"އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ކުރިން ވެސް އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމް ވިދާޅުވީ ހައްޖު ކޯޓާ އިތުރުކޮށްދިނުމަށް އެދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ވަގުތުން ވަގުތަށް ފަށާފައިވާ ކަމަށެވެ.

"އެކަމާ ބެހޭ ގޮތުން އަޅުގަނޑު އަދި ފަހުން މީޑިއާތަކަށް އިތުރު މައުލޫމާތު ދޭނަން،" ޝަހީމް ވިދާޅުވި އެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ޝަހީމް ވިދާޅުވީ ކޯޓާގެ މަސައްކަތާ އެކު، ރައީސްގެ އެ ވައުދު ފުއްދެވުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ރައީސްގެ ތަސައްވުރަކީ ކޮންމެވެސް ބަޔަކަށް ދައުލަތުން ހައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުން. ތިޔަބޭފުޅުން އަޑު އައްސަވާނެ ތަންކޮޅެއް ކުރީގައި ދައުލަތުން ރާއްޖޭގެ 100 މީހުން ހައްޖަށް ފޮނުވި ވާހަކަ ވެސް. މިހާރު ވެއްޖިއްޔާ އެގޮތަށް އެކަން ކުރަން މާ ފަސޭހަ ވާނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ މިއަހަރު ވެސް ދައުލަތުގެ އެހީގައި ކޮންމެވެސް އަދަދަކަށް މީހުން ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ އަމާޒެއް ކަމަށެވެ.

އިތުރު ކަމެއްގެ ގޮތުގައި ޝަހީމް ފާހަގަކުރެއްވީ ދައުލަތަށް ދިގު މުއްދަތަށް ހިދުމަތްކޮށްދީފައި ތިބޭ މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމެވެ.

"މިސާލަކަށް 40 އަހަރު ނުވަތަ 50 އަހަރު ހިދުމަތްކޮށްފައިވާ މީހަކު ރިޓަޔާކުރާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ކިބައިގައި ނޯވޭ ހައްޖަށް ދެވޭނެ ފަދަ ގާބިލްކަމެއް. އަޅުގަނޑުމެން މި ބަލަނީ އެކަން ފަށައިގަތުމަށް. އޭރުން ކުރިއަށް ނޫންތޯ ދާނީ،" ޝަހީމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. އަތޮޅަށް ކުރެއްވި ދަތުރުގައި އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ހުންނެވި، މިހާރުގެ ރައީސް މުއިއްޒު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް، ހައްޖަށް ދިއުމަށް ދިވެހިންގެ އަތުން ހޭދަވާ އަގު ކުޑަކޮށްދެއްވާނެ ކަމަށެވެ.

"ހައްޖު ފަންޑުން އިންވެސްޓުކޮށް ނަފާ ހޯދައި މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަންޖެހޭ. އޭރުން ހައްޖަށް ދާ އަގުތައް ކުޑަވެގެންދާނެ،" އެމަނިކުފާނު އޭރު ވިދާޅުވެފައިވެ އެވެ.

މިހާރު ސައުދީ ސަރުކާރުން ރާއްޖެއަށް ދެނީ ކޮންމެ އަހަރަކަށް 2000 ހައްޖު ކޯޓާ އެވެ. ހައްޖު ކޯޕަރޭޝަނުން ދިވެހިންނަށް ކޯޓާ ދިނުމުގައި، ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އިސްކަން ދެ އެވެ. މިހާރު ކޯޓާގެ ދަތިކަމުގެ ސަބުން ފައިސާ ދައްކައި ނިމި ހައްޖަށް ނުދެވި އޮތް މީހުންގެ ލިސްޓު ދިގެވެ.