Advertisement

މިއަހަރަކީ ތާރީހުގައި ވެސް އެންމެ ހޫނުގަދަވި އަހަރަށް ވުން ގާތް: ސައިންސްވެރިން

18 ނޮވެންބަރު 2023 - 17:09 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހޫނުގަދަވުމުގެ ސަބަބުން މީހަކު ބޮލަށް ފިނިފެން އަޅަނީ -- ފޮޓޯ: އޭޕީ


މިއަހަރަކީ ތާރީހުގައި ވެސް އެންމެ ހޫނުގަދަވި އަހަރަށް ވުން ގާތް: ސައިންސްވެރިން

18 ނޮވެންބަރު 2023 - 17:09 0

މި އަހަރުގެ މިހާތަނަށް ރިކޯޑު ކުރެވުނު ފިނިހޫނުމިނަށް ބަލާއިރު، މިއީ ފާއިތުވި 125،000 އަހަރުގެ ތެރޭގައި ވެސް އެންމެ ހޫނުގަދަވި އަހަރަށް ވުން ގާތް ކަމަށް ޔޫރަޕުގެ ސައިންސްވެރިން ބުނެފި އެވެ.

ކުޕާނިކަސް ކްލައިމެޓް ޗޭންޖް ސާވިސަސް (ސީ3އެސް) އިން ބުނީ މިދިޔަ އޮކްޓޫބަރު މަހު ރެކޯޑު ކުރެވުނު ފިނި ހޫނުމިން ހުރީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިކޯޑު ކުރެވުނު ފިނިހޫނުމިނަށްވުރެ 0.4 ޑިގްރީސެލްސިއަސް މަތީގައި ކަމަށެވެ.

ސީ3އެސްގެ ޑެޕިއުޓީ ޑިރެކްޓަރު، ސަމަންތާ ބާޖެސް ވިދާޅުވީ ރިކޯޑް ކުރެވިފައި ހުރި ފިނިހޫނުމިނުގެ ރިކޯޑްތައް މުގުރަމުން މިދަނީ ވަރަށް ހައިރާން ވާންޖެހޭ ފަދަ ބާރުމިނެއްގައި ކަމަށެވެ.

އޭނާ އެހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ޖުލައި މަހަކީ ރިކޯޑު ކުރަންފެށި ތާރީހުގައި އެންމެ ހޫނުގަދަވި މަހެވެ. އެ މަހު ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން ހުރީ 1900 ގެ އަހަރުތަކަށްވުރެ 1.5 ޑިގުރީ ސެލްސިއަސް މައްޗަށް ޖެހިފައި ކަމަށް ސައިންސްވެރިން ބުނެ އެވެ.

އަހަރަކަށް ވުރެ އަހަރެެއް ދުނިޔެ ހޫނުވަމުންދިޔުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ހޫނުވެ މޫސުމީ ބޮޑެތި ކާރިސާތައް ދުނިޔެއަށް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ދުނިޔޭގެ ބައެއް ހިސާބުތަކަށް ހަނަފަސްކަން ވެރިވެފައިވާއިރު، އަނެއްބައި ހިސާބުތަކަށް ދަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާތައް ކުރިމަތިވަމުންނެވެ.

ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކާއި ތެޔޮ އެންދުމުގެ ސަބަބުން އަރަ އުފެދޭ ވިހަ ދުމުގެ ސަބަބުން މިދިޔަ އަހަރަކީ ދުނިޔޭގެ އެންމެ ފިނި ސަރަހައްދު ކަމަށްވާ، އެންޓާޓިކާއަށް އެންމެ ހޫނުވި އަހަރު ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ޖައްވު ހޫނުވުމުގެ ސަބަބުން ދުނިޔެއިން ބައެއް ދިރުންތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ދުނިޔޭގެ އެކިކަންކޮޅުގައި ދިރިއުޅޭ މީހުންނަށް ވެސް ދަނީ ހޫނުވުމުގެ ސަބަބުން އެކި ބާވަތުގެ ސިއްހީ ނުރައްކަލާ ކުރިމަތިވަމުންނެވެ.