Advertisement

ހުކުމް ލުއި ކުރުމަށް ފަހު މިނިވަން ކުރި އަދީބު ރާއްޖޭން ބޭރަށް

18 ނޮވެންބަރު 2023 - 11:56 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ހުކުމް ލުއި ކުރުމަށް ފަހު މިނިވަން ކުރި އަދީބު ރާއްޖޭން ބޭރަށް

18 ނޮވެންބަރު 2023 - 11:56 0

ދައުރު ނިމެން ފަސް ދުވަހަށް ވެފައި ވަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުކުމް ލުއި ކޮށްދެއްވައި މިނިވަން ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.

އޭރު އަދީބު ގެންދެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އަދީބު ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތީ ރޭގެ ވަގުތެއްގަ އެވެ. އެހެންނަމަވެސް ވަޑައިގަތީ ކޮން ތަނަކަށްކަން އެނގިފައެއް ނެތެވެ.

ކުރީ ސަރުކާރުގައި އަދީބަށް ލުއި ދިނީ ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދީބާއެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބުވެސް ވަނީ ލުއިކޮށްދެއްވާފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިއިރު، ޒިޔަތު ހުންނެވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. ވައްކަމުގެ މޭސްތިރި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެއިރު ހުންނެވީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބު ވެސް ހުރީ 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެއީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމުގައި އޭނާ ތަންފީޒު ކުރެއްވީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ.

އެހެން ނަމަވެސް އޭނާގެ ބަލި ހާލަތާ ގުޅިގެން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އަދީބަސް މައާފު ދީފައިވާއިރު, އޭނާ ވަނީ މީގެ ކުރިންޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ގޮސްފަ އެވެ. އޭނާ އަތުލައިގަނެވުނީ އިންޑިއާގެ ޓުޓިކޮރިން އިންނެވެ.