18 ނޮވެންބަރު 2023 - 09:38 0
18 ނޮވެންބަރު 2023 - 09:38 0
ޕެރިސް (ނޮވެމްބަރު 18) - އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑު، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލިބުން ހައްގު ކަމަށް އެ އެވޯޑަށް ވާދަކުރި ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ބުނެފި އެވެ.
ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑު މެސީ އަށް އަށް ވަނަ ފަހަރަށް ލިބުނީ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އާއި އެމްބާޕޭއާ ވާދަކޮށެވެ. މެސީ އަށް 462 ޕޮއިންޓް ލިބުނުއިރު، ހާލަންޑް އަށް ލިބުނީ 357 ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ އެމްބާޕޭ އެއް ލިބުނީ 270 ޕޮއިންޓެވެ.
ބެލޮންޑިއޯ ހަފްލާއާ ބެހޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަދައްކަމުން އެމްބާޕޭ ބުނީ މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، އޭނާ އަށް މި އެވޯޑު ހައްގު ކަމަށެވެ. އެ ގޮތުން، 2022ގެ ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލާލުމަށް ފަހު މެސީ އަށް ވުރެ މި އެވޯޑު ލިބުން ހައްގު އެހެން ކުޅުންތެރިއެއް ނެތްކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
އެމްބާޕޭ ބުނީ ހާލަންޑް ސިޓީގައި މޮޅަށް ކުޅުނު ނަމަވެސް ވޯލްޑް ކަޕާ އަޅާބަލާއިރު ހާލަންޑް ހޯދި ކާމިޔާބީތަކުގައި މާބޮޑު ބުރަދަނެއް ނެތް ކަމަށެވެ. އޭނާ ބުނީ އެވޯޑު ހަފުލާގެ ކުރިން ވެސް މެސީ އެ އެވޯޑު ހޯދާނެކަމުގެ ޔަގީންކަން އޮތް ކަމަށާއި، ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވުމުން އެކަން ޔަގީންވި ކަމަށެވެ.
"އަަހަރެން ލަދެއް ނުގަނޭ މިހެން ބުނާކަށް. އެއްވެސް މައްސަލައެއް ނެތް ރޭންކިންއާ މެދު. އެއީ މެސީ ވޯލްޑްކަޕް ހޯދާފައި، މެސީއަށް ބެލޮންޑިއޯ ލިބެން ޖެހޭނީވެސް. އެކަން ގަބޫލުކުރަން އަހަރެން. މެސީ އަށް ހައްގު މި އެވޯޑު" 2022ގެ ވޯލްޑް ކަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދި އެމްބާޕޭ ބުންޏެވެ.
ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި މެސީގެ އާޖެންޓީނާ އާއި އެމްބާޕޭގެ ފްރާންސް ވާދަކުރިއިރު، މި މެޗުގައި އެމްބާޕޭ ހެޓްރިކެއް ހެދި އެވެ. މެސީ މި މެޗުގައި ދެ ގޯލު ޖެހި އެވެ. އިތުރު ވަގުތު ކުޅެ 3-3 އިން އެއްވަރުވި މެޗުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.
Comment