Advertisement

ގޯލްޑަން ބޯއީ އެވޯޑް ބެލިންހަމް އަށް

18 ނޮވެންބަރު 2023 - 09:40 0


ގޯލްޑަން ބޯއީ އެވޯޑް ބެލިންހަމް އަށް

18 ނޮވެންބަރު 2023 - 09:40 0

ލަންޑަން (ނޮވެމްބަރު 18) - ޔޫރަޕްގައި ކުޅޭ 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ "ގޯލްޑަން ބޯއީ އެވޯޑް"، ރެއާލް މެޑްރިޑް އަށް ކުޅޭ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް އަށް ލިބިއްޖެ އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ރެއާލަށް މި ސީޒަނުގައި ބަދަލުވި ބެލިންހަމް، 20، ވަނީ އެ ޓީމަށް ކުޅެދިން 14 މެޗުން 13 ގޯލު ޖަހައިފަ އެވެ. ބެލިންހަމް އަށް ވަނީ ދާދި ފަހުން، ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑްގައި އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާގެ މަގާމު ވެސް ލިބިފަ އެވެ.

ބެލިންހަމް ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެހީވެދިން ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފަ އެވެ.

"އަހަރެންގެ މި ދަތުރުގައި އެކި ގޮތްގޮތުން ބައިވެރިވި ހުރިހާ ފަރާތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ބާމިންހަމް އިން ޑޯޓްމަންޑުން ދެން މިހާރު މެޑްރިޑްގައި ގިނަ ބަޔަކު އަހަންނާ އެކު މަސައްކަތް އެބަކުރޭ، މި އެންމެންގެ އެހީތެރިކަމާ ނުލައި މި އެވޯޑްތަކެއް އަހަންނަށް ނުލިބޭނެ،" ބެލިންހަމް ބުންޏެވެ.

އިނގިރޭސި ސީނިއާ ގައުމީ ޓީމުގައި ވެސް ތަފާތު ދައްކަމުން އަންނަ ބެލިންހަމް ބުނީ އާއިލާގެ އެހީތެރިކަމަކީ އެންމެ ފުރަަތަމަ ދުވަހުން ފެށިގެން އޭނާ އަށް ލިބެމުން އަންނަ ކަމެއް ކަމަށާއި މިހާރު މި ލިބޭ ޝަރަފްވެރި އެވޯޑްތަކާ އެކު އިތުރު މަސައްކަތްތަކެއް ކުރަން ހިތްވަރު ލިބިފައިވާ ކަމަށެވެ.

ބެލިންހަމް އަކީ 2014 ވަނަ އަހަރަށް ފަހު، ގޯލްޑަން ބޯއީ އެވޯޑް ހޯދި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާ އެވެ. އެ ފަހަރު އެ އެވޯޑް ހޯދީ ރަހީމް ސްޓާލިން އެވެ. ގޯލްޑަން ބޯއީ އެވޯޑް ހޯދި ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ އަދި އާލިން ހާލަންޑް ހިމެނެ އެވެ. ގޯލްޑަން އެންމެ މޮޅު ކުޅުންތެރިއަކަށް ދޭ ޓްރޮފީ މި ފަހަރު ހޯދީ ހާލަންޑް އެވެ.