ޖަނާހު އާއި ހަލީލު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރުންގެ ގޮތުގައި މަޝްހޫރު ދެ ވިޔަފާރިވެރިން ކަމުގައި މުހައްމަދު އަލީ ޖަނާހު އަދި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު މިރޭ އައްޔަން ކުރައްވައިފި އެވެ.
ޖަނާހު އައްޔަން ކުރެއްވީ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މަގާމަށެވެ. ހަލީލު އައްޔަން ކުރެއްވީ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މަގާމަށެވެ.
އެޑްވައިޒަރަކަށް އައްޔަން ކުރައްވައި މިރޭ ފަތްކޮޅު ހަވާލުކުރެއްވި، ޖަނާހު ވިޔަފާރި ފެއްޓެވީ އެލިސެން ސާވިސަސް ޕްރައިވެޓު ލިމިޓެޑާ އެކު 1987 ގަ އެވެ. ކުދިކުދި މަސައްކަތްތަކުން ފެށި ކެރިއަރުގައި މިއަދު މުހައްމަދު އަލީ ޖަނާހު (ޖަނާ) އަކީ 52 ރިސޯޓު ޕްރޮޖެކްޓެއްގައި މަސައްކަތް ކޮށްފައިވާ ރާއްޖޭގެ ކޮންސްޓްރަކްޝަނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ވިދުން ގަދަ ނަމެކެވެ. ދުނިޔޭގެ އެންމެ ބޮޑެތި ބްރޭންޑުތައް ކަމަށްވާ ސޮނެވާ, ފޯ ސީޒަންސް އަދި ޝަންގްރިއްލާ ފަދަ ބްރޭންޑުތަކުގެ މިލިއަން ޑޮލަރުގެ އިންވެސްޓުމަންޓުތައް ހަގީގަތަކަށް ހެދުމުގައި އިސް ބައިވެރިއެކެވެ.
ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި 30 އަށްވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާއާ އެކު އޭނާ ވަނީ ކޮންސްޓްރަކްޝަން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަން ހަ ދައުރެއްގައި ކުރައްވާފަ އެވެ. އެ މަގާމުގައި މިއަދު ވެސް ހުންނެވީ ޖަނާހު އެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޖަނާހު ތާއިދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
އެޑްވައިޒަރަކަށް އައްޔަން ކުރެއްވި މަންޓާ އެއާގެ ސީއީއޯ ހަލީލުއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ޗެއާމަނަކަށް ހުންނެވި ބޭފުޅެކެވެ. ނަމަވެސް އެއަށް ފަހު އޭނާ އުޅުއްވާފައިވަނީ އަމިއްލަ ވިޔަފާރީގަ އެވެ.
Comment