16 ނޮވެންބަރު 2023 - 14:35 0
16 ނޮވެންބަރު 2023 - 14:35 0
ލަންޑަން (ނޮވެމްބަރު 16) - އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް، އިންގްލެންޑަށް ކާމިޔާބު ކުރެވޭނެ ކަމަށް އިނގިރޭސި ކުރީގެ ކެޕްޓަން، ޑޭވިޑް ބެކަމް ބުނެފި އެވެ.
އިންގްލެންޑުން 1966 ވަަނަ އަހަރު އަމިއްލަ ގައުމުގައި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ފަހުން، އެ ޓީމަށް ބައިނަލްއަގުވާމީ ލެވަލްގެ ސީނިއާ ފުޓްބޯޅައިގައި ކާމިޔާބެއް ނުހޯދެ އެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ދުނިޔޭގެ ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގައި އިންގްލެންޑުން އަންނަނީ ކުރިއެރުން ހޯދައި، ފައިނަލުގައި ވެސް ވާދަކުރަމުންނެވެ.
އެ ގޮތުން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅެ، އޭގެ ތިން އަހަރު ފަހުން، 2021 ވަނަ އަހަރު ކުޅުނު ޔޫރޯގެ ފައިނަލުގައި އިންގްލެންޑުން ވާދަކުރި އެވެ. ޔޫރޯ ފައިނަލުން އިންގްލެންޑް ޕެނަލްޓީ ޖަަހައިގެން ބަލިވީ އިޓަލީއާ ވާދަކޮށެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ފްރާންސް އަތުން ކެޓި އިންގްލެންޑް ވަނީ ކޮލިފައިން ދެ މެޗު އޮއްވައި އަންނަ އަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދައިފަ އެވެ.
އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި، ބެކަމް ބުނީ އިންގްލެންޑްގައި މިހާރު އޮތް ޓީމަށް ތަށްޓެއް ހޯދޭނެ ކަމަށާއި އަންނަ އަހަރުގެ ޔޫރޯގައި އެކަން ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި އިންގްލެންޑަށް އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިދާނެ،" ބެކަމް ބުންޏެވެ. "މިދިޔަ އަހަރުތަކުގައި (އިނގިރޭސި ކޯޗު) ސައުތުގޭޓް ކުރަމުން އަންނަ މަސައްކަތް އަހަންނަށް ފެނިއްޖެ، މިހާރު އެ ކުރާ ކަންކަމަށް ބަލާއިރު ކާމިޔާބު ހޯދޭނެ،"
ބެކަމް ބުނީ އެންމެ ފަހުން ބޭއްވި ޔޫރޯ ފައިނަލުގައި އިޓަލީ އަތުން އިންގްލެންޑް ބަލިވީ ނަސީބުގެ އެހީ ވެސް ނެތުމުން ކަމަށާއި އެ ފަދަ މެޗުތަކުން ލިބުނު ތަޖުރިބާ އިން ކަންކަން ރަނގަޅުކޮށް، ކާމިޔާބާ ހަމައަށް ދެވޭނެ ކަމަށެެވެ.
"މާ ގިނަ ވާހަކަތަކެއް އަސްލު ދައްކަން ބޭނުމެއް ނޫން. އެކަމަކު ވަރަށް ބޮޑު އުންމީދެއް އެބައޮތް ޔޫރޯ 2024އާ މެދުގައި. އަހަރެމެންގެ ކުޅުންތެރިން މި ވަގުުުތު އެ ތިބީ ރަނގަޅު ފޯމެއްގައި،" ބެކަމް ބުންޏެވެ.
މި ސީޒަނުގައި ޖަރުމަނުގެ ޗެމްޕިއަން، ބަޔާން މިއުނިކް އަށް ބަދަލުވެ، އިނގިރޭސި ސްޓްރައިކަރު، ހެރީ ކޭން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، އަންނަ އަހަރުގެ ޔޫރޯގައި އިންގްލެންޑް ޓީމަށް އޭގެ ފައިދާ ކުރާނެ ކަމަށް ބެކަމް ގަބޫލުކުރެ އެވެ.
ޔުނިސެފްގެ ގުޑްވިލް އެމްބަސަޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ބެކަމް މި ވަގުތުު ހުރީ އިންޑިއާގަ އެވެ.
Comment