16 ނޮވެންބަރު 2023 - 22:08 3
ނިމާ ހަސަން
ނައިބު ރައީސް ފައިސަލް ނަސީމް; ފަސް އަހަރުގެ ތަޖުރިބާ ހިއްސާ ކުރެއްވި -- ފޮޓޯ: މިރާޝް/ އަދަދު
16 ނޮވެންބަރު 2023 - 22:08 3
ފަސް އަހަރުގެ ވެރިކަމުގެ ދައުރެއް ނިމިގެން އެދަނީ ތާރީހުގައި އެތައް ކަމެއް ރަން އަކުރުން ލިޔުއްވަމުންނެވެ. އެއް ކަމަކީ ރާއްޖެ ދުވަހަކުވެސް ނުދެކޭ ފަދަ އިހްލާސްތެރި, ވަފާތެރި ނައިބު ރައީސަކާއެކު މުޅި ފަސް އަހަރު ކަޑައްތުކޮށް ނިންމާލާ ކަމެވެ.
ފައިސަލް ނަސީމަށް ވަފާތެރިކަމުގެ ތައުރީފު އޮހޭ ސަބަބަކީ ހަމައެކަނި ނައިބު ރައީސްކަމުގެ ޒިންމާ ރަނގަޅަށް އަދާ ކުރުމެއް ނޫނެވެ. ވެރިކަމުގެ ޒިންމާތަކާ ރައީސުލްޖުމްހޫރިއްޔާ ދުރުވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ހިނދުކޮޅުގައި ވެސް އިހްލާސްތެރިކަމާއެކު އެ ޒިންމާތައް ނަންގަވާ އެ ދެއްކެވި ނަމޫނާ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރައްވަން ވެރިކަމުގެ މަސްއޫލިއްޔަތުތައް ފައިސަލްއާ ހަވާލުކުރެއްވީ ފެބްރުއަރީ 25, 2022 ގަ އެވެ. އެ ދުވަހު ފަތިހު މަޖިލިސް އިދާރާގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު, އޮޕަރޭޝަނަށް ފަހު ރައީސް ސޯލިހު މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަންނަވަން ދެން ފައިސަލް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގަ އެވެ.
"ރައީސް އެގޮތަށް އެންގެވީމަ އެކަންތައް ވެސް ކުރީ. ނަމަވެސް އަޅުގަނޑުގެ ވިސްނުމަކަށް ވެސް އެއްވެސް ކަމަކަށް އެއްވެސް ކަހަލަ ބަދަލެއް ނާދޭ. އެއީ އަޅުގަނޑު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަނޑައެޅުއްވީމަ އެކަންތައް ކުރަންޖެހޭ ކަމަށް ގަބޫލުކުރީ," ރައީސްގެ ގޮތުގައި ހޭދަކުރެއްވި ވަގުތުކޮޅުގެ ތަޖުރިބާ ހިއްސާކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.
ރައީސްގެ ހުވާ ކުރެއްވުމަށްފަހު ވެސް ފައިސަލް ބެއްލެވީ ނައިބު ރައީސްގެ ގޮތުގައި ކަންތައްތައް ކުރެއްވުމަށެވެ. އެނޫން ވިސްނުމެއް ހިޔާލެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާގެ ހާލަތު ރަނގަޅަށް އެނގިވަޑައިގެން ހުންނަވާ ބެއްލެވީ ޒިންމާދާރުކަމާއެކު މަސްއޫލިއްޔަތު އަދާކުރެއްވުމަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމް, ރައީސްކަމުގެ ހުވާ ކުރައްވަނީ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
"ރައްޔިތުންގެ މަޖިލީހުގައި އެ ދުވަހުގެ ހެނދުނު ފަތިހުގެ ވަގުތުގައި އެކަންތައްތައް ހިިނގާ ދިޔަސް, އަޅުގަނޑު އޮފީހަށް އައިސްސަ ދެން ކޮންމެހެން އެހެން ހަނދާނެއް ނެތް ކަންނޭނގެ," ފައިސަލް ވިދާޅުވި އެވެ.
ގައުމުގެ އެންމެ އިސްވެރިޔާގެ ހުވާ ކުރައްވައިގެން ވެސް ފައިސަލް އިށީންނެވީ އާންމުކޮށް އިށީންނަވާ ގޮނޑީގަ އެވެ.
"އަޅުގަނޑު އިންނަނީ, އަބަދުވެސް ގިނަ މީހުންނާއެކު މަސައްކަތް ކުރާތީ ވަށައިގެން ފަސް ހަ މީހުންނަށް ތިބެވޭނެހެން ހުންނަ މީޓީން ޓޭބަލްއެއްގައި. އޭގެ މޭޒެއްގައި އަޅުގަނޑު މި ފަސް އަހަރު ވޭތުކޮށްލީ. އެ [ރައީސްކަމުގެ ހުވާ ކުރެއްވި] ދުވަހުވެސް އަޅުގަނޑު ހުރީ އެ ގޮނޑީގައި," ފައިސަލް ވިދާޅުވި އެވެ.
ނިމިގެން މިދާ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑުގެ ކޮޅިގަނޑެވެ. އެ ކޮޅިގަނޑުގެ ތެރެއިން ވެސް ފައިސަލް ދެއްކެވީ ދެގޮތެއް ނުވާ ހިތްވަރާއި އިހުލާސްތެރިކަމެވެ.
ކޮވިޑުގެ ތަޖުރިބާ ފައިސަލް ހިއްސާކުރެއްވީ ހިތުގެ އެންމެ އަޑިންނެވެ. އޭރުގެ ހާލަތުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް ރައްޔިތުންގެ އަސާސީ ކަންކަން ފުރިހަމަވޭތޯ ރެއާ ދުވާލު މަސައްކަތް ކުރެއްވި ގޮތް ކިޔައިދެއްވީ އަސަރާއެކު އެވެ.
"އަޅުގަނޑު އަތުގައި ލިސްޓު އޮވޭ ރާއްޖޭގެ އެކި ރަށްރަށުގައި ތިއްބެވި މާބަނޑު އަންހެނުންގެ ޑިއުޑޭޓުތަކާ އެއްޗެހި. އެ ހުރިހާ ލިސްޓުތަކެއް ހުރި, ކައިރި ރަށްރަށަށް ޑަޔަލިސިސް ހަދާ ބޭފުޅުން, ލޭ އަޅަން ޖެހޭ ކުދިން," ކޮވިޑުގެ ކަންކަން ބެއްލެވި ގާތްކަން ސިފަކޮށްދެއްވަމުން ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ވަކި ހާއްސަ ހުއްދައެއްގައި ވަކި ގޮތަކަށް ނޫނީ ރަށްރަށަށް އެރުން މަނާކޮށްފައިވަ އެ ދުވަސްވަރު އަސާސީ މިފަދަ ކަންތައްތައް ހަމަޖެއްސުމަށް ކޮންމެ ދުވަހަކު ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުގެ މެނޭޖަރުންނާއެކު ބައްދަލުވުންތައް ބޭއްވި ކަމަށެވެ.
މުޅި ދުނިޔެ އެކަށް ތަޖުރިބާކުރި އެ އުނދަގޫ ދުވަސްވަރު ސަރުކާރުގައި ހުންނަވައިގެން ފައިސަލް ވެސް އުފުއްލެވީ ބޮޑު ޒިންމާއެކެވެ. ބަނޑަށް ނުޖެހި ރައްޔިތުންނަށް ކާން ދޭނެ ކާނާ ހޯދުމާއި ތެލާއި ބޭސް އަދި ގޭސް ހޯދުމުގެ އިތުރަށް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން ވެސް އޮތީ ސަރުކާރަށް ޖެހިފަ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކަންކަން ނައިބު ރައީސް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް
"ވަރަށް ހިތްދަތި ދުވަސްވަރެއް އެއީ. އޭރު ހާދަ އަސަރެއް ކޮށްފައޭ އަޅުގަނޑުމެންނަށް ތިބީ. އެ ދުވަސްވަރުގެ ކަންތައްތަކީ ކިޔައިދޭންވެސް އުނދަގޫ ކަންތައްތައް. މިހާރު ދުވަސްވާ ވަރަކަށް އެކަހަލަ ކަންތައްތައް ހަނދާނުން ދާނެ," ފައިސަލް ވިދާޅުވި އެވެ.
ކޮވިޑުގެ އެންމެ ހިތްދަތިވި ކަމަކީ ފައިސަލް ވިދާޅުވި ގޮތުގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ތަހަންމަލު ކުރާ މީހުންނާއި, އެމަޖެންސީގައި ރާއްޖެއިން ލިބެން ނެތް ފަރުވާ ހޯދުމަށް އެމީހުން ފޮނުވާނެ ތަނެއް ނެތުމެވެ. އާންމުކޮށް ފޮނުވާ އިންޑިއާއަށް ވެސް ފޮނުވޭނެ ގޮތެއް ނެތި އޭރު ބަލިމީހުންނާއި ހޮސްޕިޓަލްތަކުން ވެސް ތިބީ ގޮތް ހުސްވެފަ އެެވެ.
"އެއްދުވަހު އަޅުގަނޑު ރައީސަށް ދެންނެވިން ރައީސްއޭ ދެން މިގޮތަށް އަޅުގަނޑުމެންނަކަށް ކެތެއް ނުކުރެވޭނޭ. ފޮނުވެން އޮތް ގޮތަކަށް ފޮނުވަން ޖެހެއޭ. ރައީސް ވިދާޅުވީ އެ މަސައްކަތް ރައީސް ކުރައްވަމުން ގެންދަވާ ވާހަކަ. އެ ދުވަހު ރައީސް އިންޑިއާގެ ޕްރައިމް މިނިސްޓަރަށް ގުޅުއްވި,"
ރައީސްގެ ފޯނު ކޯލާއެކު, ހާއްސަ ހުއްދައެއްގެ ދަށުން އެންމެ ހާލު ގޯސްކޮށް ތިބި ބަލިމީހުންނަށް އިންޑިއާއަށް ދެވޭނެ ގޮތެއް ވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ސަރުކާރުގެ މަސައްކަތްތައް ދެ ބަޔަކަށް ބަހާލިއިރު, ފައިސަލްއާ ހަވާލުކޮށްފައި އޮތީ އިޖުތިމާއީ ކަންކަމެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވާ މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުގައި ވެސް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް, ވެރިކަން ބަދަލުވާން ޖެހުނީ އެ މަސައްކަތްތައް ފުރިހަމަ ނުކުރެވި އެވެ.
"ސަޕްލައި ރިޑަކްޝަނާއި, ޕްރިވެންޝަން އަދި ޓްރީޓްމަންޓާއި, މަސައްކަތްތައް ދަސްކޮށްދީ, އެއީކީ ކުޑަކުޑަ ކަންތައްތަކެއް ނޫން. މިއީ ހަމައެކަނި ރިހެބިލިޓޭޝަން ސެންޓަރަކަށް ފޮނުވާފައި ތިން މަހުގެ ޓްރީޓްމަންޓެއް ދީފައި އެނބުރި މުޖުތަމައަށް ގެނެވޭނެ ކަމެއް ނޫން. އެއަށްވުރެ ވަށާޖެހޭ ގޮތަކަށް މިކަންތައްތައް ކުރަންޖެހެނީ." ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ, ސަރުކާރުގެ އެންމެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް އަވަސް ހައްލު ހޯދަން ކުރަންޖެހޭ މަސައްކަތްތަކެއްކޮށް, އެކި ރަށްރަށުގައި ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމު ކުރި ކަމަށެވެ. އަދި އެތައް ބަޔަކަށް ޓްރީޓްމަންޓު ދީ, މަސައްކަތް ދަސްކޮށްދީ މުޖުތަމައަށް ނެރެވުނު ކަމަށެވެ.
އެހެން ނަމަވެސް ޕްލޭން ކުރި ހުރިހާ ކަމެއް ފުރިހަމައެއް ނުކުރެވުނެވެ.
"ޕްލޭންގައި އޮތީ ރިހެބިލިޓޭޝަނަށް ވަކި ރަށެއް ކަނޑައަޅައި, 500 އެއްހާ މީހުންނަށް އެކޮމޮޑޭޓް ކުރެވޭނެހެން އެ ރަށުގައި ހުރިހާ ނިޒާމުތަކެއް ގާއިމުކޮށްގެން މުޖުތަމައަށް އަލުން ނެރުނަސް, އެމީހުން ބެލެހެއްޓޭނެ ނިޒާމަކާ އެއްކޮށް އެކަންތައް ކުރަން." ފައިސަލް ވިދާޅުވި އެވެ.
ޕްލޭނާ އެއްގޮތަށް މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވުނު ނަމަވެސް, ވަށާޖެހޭ ނިޒާމެއްގެ ދަށުން, ރާއްޖޭގައި ވެސް އެކަން ކުރެވޭނެ ކަމަށް ފައިސަލް ގަބޫލު ކުރައްވަ އެވެ.
"މިއީ އާ ކަންތައްތަކެއް ނޫން. މިއީވެސް ދުނިޔޭގައި ކޮންމެވެސް ތަނެއްގައި ޓެސްޓުކޮށްފައި, ރިޒަލްޓް ނެރެފައި ހުރި ކަންތައްތައް. ހަމަ ޔަގީންކަން އަދި މިކަން ރާއްޖޭގައި ވެސް ހިނގާނެކަން."
ނައިބު ރައީސް އަދަދުގެ އެތެރެފުށް ޕްރޮގްރާމުގައި; ފަސް އަހަރުގެ ތަޖުރިބާތައް ހިއްސާކުރެއްވި -- ފޮޓޯ: ޝަރުހާން
މިއަދު ވެރިކަމުގެ ބާރުތަކާ އަލްވަދާއު ކިޔާއިރު, ފައިސަލް އެ ވަޑައިގަންނަވަނީ ރާއްޖޭގެ ކުދި އާބާދީތަކަށް ފުރުސަތުތައް ފަހިކޮށްދެވި, ހެޔޮ ބަދަލެއް ގެނެސްދެވުނު ކަމުގެ ހިތްހަމަޖެހުމާ އެކު އެވެ. ދުވަހަކުވެސް ކުރިމަތިނުވާފަދަ ބޮޑެތި ގޮންޖެހުންތަކާއެކު ވެސް އަތޮޅުތެރޭގައި ގިނަ ކަންތައްތަކެއް ކުރެވުނުކަމުގެ އުފަލާއެކު އެވެ.
Comment