Advertisement

މަގާމެއްގައި ނެތަސް ދެމިހުންނާނީ ގައުމަށް ހިދުމަތް ކުރުމުގައި: ފައިސަލް

16 ނޮވެންބަރު 2023 - 21:00 0

ނިމާ ހަސަން

ނިމާ ހަސަން

ނައިބު ރައީސް ފައިސަލް ނަސީމް; އެމަނިކުފާނު ވެވަޑައިގަންނަވާނީ އާ ގާނޫނު އަސާސީގެ ފަހުން ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ނައިބު ރައީސަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މަގާމެއްގައި ނެތަސް ދެމިހުންނާނީ ގައުމަށް ހިދުމަތް ކުރުމުގައި: ފައިސަލް

16 ނޮވެންބަރު 2023 - 21:00 0

އެއްވެސް މަގާމެއް ނުފުރުއްވިޔަސް, ކުރިއަށް އޮތް ތަނުގައި ވެސް ހުންނަވާނީ ގައުމަށް ހިދުމަތް ކުރެއްވުމުގައި ކަމަށް މި ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އަދަދުގެ 'އެތެރެފުށް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ, މަސައްކަތުގެ ދާއިރާގައި ހޭދަކުރި ހުރިހާ ދުވަހެއްގައި ވެސް ގައުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ އަބަދުވެސް ވިސްނަވާ ކަމަށާއި, ނައިބު ރައީސްކަމުން ވަކިވުމަށްފަހު ވެސް ގައުމަށް ހިދުމަތް ކުރެއްވުމުގައި ދެމި ހުންނަވަނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ގައުމަށް ހިދުމަތް ކޮށްދިނުމަކީ ވަކި މަގާމަކާ ގުޅިގައި އޮންނަ ކަމެއް ނޫން ކަމަށެވެ.

"މިސާލަކަށް މިއަދު އަޅުގަނޑުގެ ޒިންމާ, އަޅުގަނޑަށް މަޖުބޫރު ވާނެ, މަގާމުގެ ގޮތުން ކުރަން ޖެހޭނެ އަޅުގަނޑު. އެކަމަކު ހަމަ ކޮންމެ މަގާމެއްގައި ހުއްޓަސް ގައުމީ ޒިންމާ އޮންނާނެ. ކޮންމެ މަގާމެއްގައި ނުވަތަ މަސައްކަތެއްގައި ހުއްޓަސް ގައުމަކީ ބަދަލުވާނެ އެއްޗެއް ނޫން," ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ގައުމަށް ހިދުމަތް ކުރުމަކީ ވަކި މަގާމެއްގައި ހުންނަވައިގެން ނުވަތަ ވަކި ބާރެއް އޮވެގެން ނޫނީ ނުކުރެވޭނެ ކަމަށް ބުނާ ބުނުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތެއް ނޫނެވެ.

"ކޮންމެހެން އަޅުގަނޑު ރައްޔިތުންގެ މަޖިލީސް މެންބަރަކަށް ވެގެން ނޫން ގޮތަކަށް ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނޭ, މަސައްކަތެއް ނުކުރެވޭނޭ, އެކަން އަޅުގަނޑު ގަބޫލެއް ނުކުރަން." ކުރިއަށް އޮތް 20 ވަނަ މަޖިލީހުން ފެނިދާނެތޯ ސުވާލުކުރުމުން ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ މަޖިލިސް މެންބަރަކަށް ނުވާތީ ނުވަތަ މަގާމެއް ނެތުމަކީ އެއީ ގައުމަށް ހިދުމަތް ނުކުރުމުގެ ހުއްޖަތެއްގެ ގޮތުގައި ނުދައްކަވާނެ އެވެ. އަދި އަމިއްލަ ގޮތުން މަސައްކަތް ކުރައްވައިގެން ވެސް މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯއްދަވަން އުޅެވޭނެ އެވެ.

"ސަރުކާރުން ކުރާ މަސައްކަތްތަކުގައި ފުރުސަތު އޮންނަ މިންވަރަކަށް އެކަންކަމުގައި ބައިވެރިވުމަކީ އެއްވެސް ވަރަކަށް އަޅުގަނޑަށް ކުރެވެން އޮތް ކަމަށްވަންޏާ, އަޅުގަނޑު އުޅެން ބޭނުން," ފައިސަލް ވިދާޅުވި އެވެ.

ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ކޮންމެ އާއިލާއެއްގެ ކޮންމެ މީހަކު ބޭނުންވޭ ހައްލު. އެހެންވީމަ އެންމެންވެސް ކުރަންޖެހޭ ކަމެއް އެފަދަ ކަންތައްތަކަށް ހައްލު ހޯދަން މަސައްކަތް ކުރުން.