Advertisement

ފާސްކުރި ބަޖެޓު ހުހެއް ނުވޭ، ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅީ ރަނގަޅަށް: އަމީރު

16 ނޮވެންބަރު 2023 - 12:35 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ބަޖެޓު ކޮމެޓީގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން، ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅީ ރަނގަޅަށް ކަަމަށް ވިދާޅުވޭ - ފޮޓޯ: މަޖިލިސް


ފާސްކުރި ބަޖެޓު ހުހެއް ނުވޭ، ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅީ ރަނގަޅަށް: އަމީރު

16 ނޮވެންބަރު 2023 - 12:35 0

މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓު އަދި ހުސް ނުވާ ކަމަށް ވިދާޅުވެ ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅީ ގާނޫނާ ހިލާފަށް ކަމަށް ދަ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ކުރައްވާ ތުހުމަތު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދޮގުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓަށް ކުރި ބަހުސްގައި ދަ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން ތަކުރާރުކޮށް ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު ރައީސް މުހައްމަދު ނަޝީދު ވެސް ސިފަކުރެއްވީ ސަޕްލިމެންޓަރީ ބަޖެޓަކީ ވައްކަން ކުރުމަށްފަހު ވައްކަން ފޮރުވުމަށް ހުށަހަޅާ އެއްޗެއްގެ ގޮތުގަ އެވެ. މި ފަހަރުގެ "ސަޕްލިމަންޓަރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް" ކަމަށް އިއްޔެގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވިލުފުށި ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ނޫން ކަމަށެވެ. މި އަހަރަށް ފާސްކޮށްފައި ވަނީ 42.8 ބިލިއަން ރުފިޠާގެ ބަޖެޓެއް ކަމަށާއި އެ ބަޖެޓު އަދިވެސް ހުސްނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުން ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ހޭދަކޮށްފައިވަނީ 40.4 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވި އެވެ. އެހެންކަމުން ސަޕްލިމަންޓަރީ ބަޖެޓު ހުށަހަޅާފައި ވަނީ ފާސްކުރި ބަޖެޓު ހުސް ނުވަނީސް، ގާނޫނާ އެއްގޮތަށް ކަމަށް އަމީރު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްވެސް ނޫނީ އެހެންމީހަކުވިޔަސް ދަތުރުކުރަން ހުރި މިންވަރު ހުސްވެއްޖޭ، މިއަށް ފައިސާ އިތުރު ކޮށްދޭށޭ ބުނެ ފިނޭންސް މިނިސްޓްރީއަށް އަބަދުވެސް ފޮނުވާ. ޕީއެސްއައިޕީ ޕްރޮގްރާމް 8.2 ބިލިއަނުން 9.5 ބިލިއަނަށް އިތުރުވާ ވާހަކަ ދެއްކީމަ، އެއީ ހަގީގަތުގައި ކޮންޓްރޯލްގަވެސް އޮންނަ ޕްރޮގްރާމެއް ނޫން، މަޖިލީހުގެ މެމްބަރުން ދަތުރުކުރާ ކޯޑް ހުސްވެއްޖޭ، ފައިސާ އިތުކޮށްދޭށޭ ކިޔާފައި ކިތައް ފަހަރު ފޮނުވިތޯ،

މިއަދުގެ ބައްދަލުވުމުގައި އަމީރު އެދިވަޑައިގެންނެވީ ވީހާވެސް އަވަހަކަށް ސަޕްލިމަންޓަރީ ބަޖެޓު ފާސްކޮށްދިނުމަށެވެ. ބަޖެޓަކީ ކޮންމެ އަހަރެއްގެވެސް 1 ޖެނުއަރީ އިން 31 ޑިސެމްބަރަށް ކަނޑައަޅާ އެއްޗެއް ކަމަށާއި އެއީ ވަކި ވެރިކަމަކަށް ފާސްކުރާ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އާ ސަރުކާރު ހިންގަން، ވެރިކަމުގެ ފުރަތަމަ ދުވަހަށް ވެސް ސަޕްލިމަންޓަރީ ބަޖެޓު މުހިންމު ކަމަށް އަމީރު ވިދާޅުވި އެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ރާއްޖޭގެ ބަޖެޓުގައި ވަކި މަޝްރޫއަކަށް ވަކި މިންގަނޑު ތަކެއް ކަނޑައަޅާފައި ނެތްކަމެވެ. އެހެންކަމުން މަޝްރޫއަތަކަށް ހަމަޖައްސާފައިވާ ފައިސާ އެހެން މަޝްރޫއުތަކަށް ބަދަލުކޮށް ރީއެލޮކޭޓް ކުރުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއްކަން އެބޭފުޅުން ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް އެގޮތަށް ފައިސާ ހޭދަ ކުރާނީ މަޖިލީހުން ފާސްކޮށްފައިވާ މަޝްރޫއުތަކަށް އެކަނި ކަމަށް ވިދާޅުވި އެވެ. އެކަން ބަދަލުކުރުމަށް ސިންގަޕޫރު ފަދަ ގައުމުތަކުގައި އޮންނަ "އެޕްރޮޕްރިއޭޝަން ސްޓަރކްޗަރ"އެއް ރާއްޖެއަށް ވެސް މުހިންމު ކަމަށް ވިދާޅުވި އެވެ.