Advertisement

ފަންޑިން ނުލިބޭ ޕްރޮޖެކްޓުތައް ނުފަށަން އެމްއެމްއޭއިން ލަފާ ދީފި

16 ނޮވެންބަރު 2023 - 11:01 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ


ފަންޑިން ނުލިބޭ ޕްރޮޖެކްޓުތައް ނުފަށަން އެމްއެމްއޭއިން ލަފާ ދީފި

16 ނޮވެންބަރު 2023 - 11:01 0

ފަންޑިން ނުލިބޭ ޕްރޮޖެކްޓްތައް ނުފެށުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މި އަހަރަށް ލަފާކުރާ ސަޕްލިމަންޓަރީ ބަޖެޓަށް ދީފައިވާ ލަފާގައި ބުނެފި އެވެ.

މި އަހަރުގެ ފާއިތުވެދިޔަ މުއްދަތުގެ ތަޖުރިބާ އަށް ބަލާއިރު ކުރިން ލަފާކުރެވުނު އަދަދަށް ބޭރުގެ ފައިނޭންސިން އާއި ހިލޭ އެހީ ލިބިފައިނުވާކަން ފާހަގަކޮށްފައިވެ އެވެ. 2023 ވަނަ އަހަރަށް ލަފާކޮށްފައިވާ ސަޕްލިމަންޓަރީ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން އިތުރަށް 4.2 ބިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވާއިރު، ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި މި އަދަދު ލިބުމަށް ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކޮށްފައިވެ އެވެ.

މި އަހަރުގެ ތެރޭގައި ބޭރުގެ ފައިނޭންސިން ލިބިފައި ނުވާތީ ފައިނޭންސިން ހަމަޖެއްސުމަށް ޑޮމެސްޓިކް މާކެޓް އަދި ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އޯވަޑްރޯ ކުރުމަށް ބަރޯސާ ވެފައިވާކަން އެމްއެމްއޭ އިން ފާހަގަކުރެ އެވެ. އެހެން ނަމަވެސް ފަހުގެ ޓްރެންޑްތަކަށް ބަލާއިރު ޓްރެޝަރީ ސެކިޔުރިޓީޒް މާކެޓުގެ ބައިވެރިންނަށް އަންދާޒާކުރި މިންވަރަށް ޓްރެޝަރީ ސެކިޔުރިޓީޒް ވިއްކިފައި ނުވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.

މި ކަމުގެ ނަތީޖާއެއްގެ ގޮތުން ކޭޝްފްލޯ ހަމަޖެއްސުމަށް ބޮޑެތި އަދަދުތަކުން މި އަހަރުގެ ތެރޭގައި ޕީބީއޭ އޯވަޑްރޯކުރަން ޖެހުނުކަން ފާހަގަކޮށްފައިވެ އެވެ. އަދި މިއަހަރުގެ މާޗް މަހުން ފެށިގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޕީބީއޭ އޯވަރޑްރޯ ކުރުމުގެ އިތުރުން ކްރޮސް ސަބްސިޑީ ފަދަ ވަން-އޮފް އާމްދަނީ ހޯދުމަށް ސަރުކާރަށް މަޖުބޫރު ވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

މި އަހަރަށް ލަފާކުރި ފައިނޭންސިން އަދަދުތައް ހޯދުމުގައި ސަރުކާރަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުންނާއި ކޮވިޑްގެ ސަބަބުން ތެލުގެ އަގުތައް އުފުލުމާ ގުޅިގެން 2022 ވަނަ އަހަރާ އަޅާ ބަލާއިރު ރަސްމީ ރިޒާވް މިހާރު ދަށްވެފައިވާކަން އެމްއެމްއޭ އިން ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މި އަހަރުގެ ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށާއި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ފައިނޭންސިންގެ ގޮތުގައި އިތުރަށް އަންދާޒާ ކުރެވޭ 4.2 ބިލިއަން ރުފިޔާ ބާކީ އޮތް ދޮޅު މަސް ދުވަހުގެ ތެރޭގައި ހޯދުން މުހިންމު ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. މި އަދަދު ރިޒާވަށް ނުލިބިއްޖެނަމަ، ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ދަތިވާނެތީ އެފަދަ ފައިނޭންސިން އެއް ކަށަވަރު ކުރުމަށް އެމްއެމްއޭ އިން ލަފާ ދީފައިވެ އެވެ.

ހަމަ އެއާއެކު، މިއަހަރުގެ ޑެފިސިޓް ކުޑަ ކުރުމަށްޓަކައި ރިކަރަންޓް ހަރަދުތައް ދަށް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކުރުމަށް އެމްއެމްއޭ އިން ލަފާ ދީފައިވެ އެވެ. އަދި ކެޕިޓަލް ފަންޑިން ނުލިބޭ ޕްރޮޖެކްޓްތައް ނުފެށުމަށްވެސް އެމްއެމްއޭ އިން ލަފާ ދީފައިވެ އެވެ.