Advertisement

އައިވީއެފް ފަރުވާ ހޯދުމަށް އާސަންދަ ދޭން މުއިއްޒު ނިންމަވައިފި

15 ނޮވެންބަރު 2023 - 22:31 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ދަރިމައިނުވާ އަންހެނުންނަށް އައިވީއެފް ފަރުވާ، އެންޑޯމެޓްރިއޯސިސް އަދި ޕީސީއޯއެސް ފަރުވާ އާސަންދައިން ދިނުން ޑރ. މުއިއްޒުގެ 100 ދުވަހުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އައިވީއެފް ފަރުވާ ހޯދުމަށް އާސަންދަ ދޭން މުއިއްޒު ނިންމަވައިފި

15 ނޮވެންބަރު 2023 - 22:31 0

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރާނެ ކަންކަމުގެ ތެެރޭގައި, ދަރިމައި ނުވާ އަންހެނުންނަށް އައިވީއެފް ފަރުވާ ދިނުމަށް އާސަންދަ ދިނުން ހިމަނައިފި އެވެ.

އޭގެ އިތުރުން ދަރިމައިވުމާއި، އެކަންކަމާ ގުޅުންހުރި އެހެނިހެން ފަރުވާ ވެސް އާސަންދައިގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް އިންތިހާބީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.

އާސަންދަ ލިބޭ އަންހެނުންނާ ގުޅުންހުރި އެހެން ކަންކަމުގެ ތެރޭގައި އެންޑޮމެޓްރިއޯސިސް އަދި ޕީސީއޯއެސްއަށް ވެސް ހިމެނެ އެވެ.

މިކަންކަމަކީ މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ނުވަ ހަފްތާގެ ތެރޭގައި ކުރާނެ ކަންކަން ކަމުގައި މެނިފެސްޓޯގައި ބުނެފައި ކަންކަމެވެ.

ދަރިމައި ނުވާ މީހުންނަށް އާސަންދައިން ފަރުވާ ދޭން ނިންމާފައިވާއިރު، އައިވީއެފް ފަރުވާދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެކަންޏެވެ. ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުން އައިވީއެފް, އައިޔޫ އައި އަދި އިކްސީގެ ހިދުމަތް ދޭއިރު, ދުވާލަހަށް އެވްރެޖްކޮށް 6-7 މީހުންނަށް ހިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ.

މި ސެންޓަރުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި, ދަރިމައިވުމުގެ މައްސަލަތަކުގެ ހާއްސަ ޑޮކްޓަރުންނާއި, ނަރުހުންނާއި އެމްބްރޮލޮޔޮޖިސްޓުންނެވެ.

އައިވީއެފް ފަރުވާ ހޯދުމަށް ރާއްޖެއިން ގިނަ ބަޔަކު ކޮންމެ އަހަރަކު ރާއްޖެއިން ބޭރަށް ދެއެވެ. ރާއްޖެއިން ބޭރުން މި ހިދުމަތް ހޯދުމަށް ތިން ހަތަރު ލައްކަ ރުފިޔާ ހަރަދު ކުރަން ޖެހޭއިރު, ޓްރީޓޮޕް ހޮސްޕިޓަލުން މި ހިދުމަތް ހޯދުމަށް ގާތްގަނޑަކަށް 46,000 ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

ދަރިމައިނުވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ދިނުމަށް، އޭޕްރީލް މަހު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހެޅި އެވެ. އޮކްޓޯބަހު މަހު އެގަރާރު މަޖިލީހުން ފާސްކުރި އެވެ.