Advertisement

ސީޕީ ހަމީދު، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި

15 ނޮވެންބަރު 2023 - 15:22 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ސީޕީ ހަމީދު ރިޓަޔާކުރެއްވުމުން، މިނިސްޓަރު އިމްރާން އޭނާއަށް ޝަރަފުގެ ހަނދާނީ ފިލާ އަރުވަނީ --- ފޮޓޯ: ޕޮލިސް


ސީޕީ ހަމީދު، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި

15 ނޮވެންބަރު 2023 - 15:22 0

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވައިފި އެވެ.

އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އެވެ.

މި ރަސްމިއްޔާތުގައިި، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދު އާއި ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ރާއްޖޭގައި ހުންނަ އެމެރިކާގެ ރެޕްރެޒެންޓޭޓިވް އާއި ބޭރު ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ ސަލާމަތީ ބާރުތަކުގެ މަންދޫބުންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރުގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވި އެވެ.

ފުލުހެއްގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ލެވެލްގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ހަމީދު ޝުކުރު އަދާކުރެއްވި އެވެ. އަދި, ފުލުހުންގެ ވަޒީފާއާ ފުރަތަމަ ގުޅުނު ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކި ހައިސިއްޔަތުގެ ބޭފުޅުންނާ އެކު މަސައްކަތްކުރެވުނު ކަމަށް ވިދާޅުވި އެވެ.

ކޮންމެ ފުލުހަކުވެސް ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ފެނިފައިވަނީ ހިތްވަރާއި އަޒުމާއެކު މަސައްކަތް ކޮށްފައިވާތަން ކަމަށާއި ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ގަދަރު ނެގެހެއްޓުމަކީ ކޮންމެ މުވައްޒަފެއްގެ ކޮނޑުގައިވެސް އެޅިފައިވާ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތް ކޮށްދިނުމަށް އެންމެހައި ފުލުހުންނަށް ރިޓަޔާ ކުރައްވަމުން ހަމީދު އިލްތިމާސް ކުރެއްވި އެވެ.

އޭގެ އިތުރުން ރާއްޖެއަކީ ކުށް މަދު އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތަކުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، ސީޕީ ހަމީދަށް ޝަރަފުގެ ހަނދާނީ ފިލަ އާއި ރިޓަޔަމަންޓު ކާޑު އަދި ފުލުހުންގެ ދިދަ ވަނީ އަރުވާފަ އެވެ.

ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނަރަަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.

ރިޓަޔަމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާ އެކު ރިޓަޔާކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ މުއައްސަސާއަށް ވެދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅު ކުރެއްވޭނޭ އައިޑެންޓިފިކޭޝަން ކާޑެކެވެ. އަދި މި ކާޑަކީ ފުލުހުންނަށް ލިބިދޭ އެހެނިހެން ހިދުމަތްތައް ވެސް ލިބިގެންދާނެ ކާޑެކެވެ.

ފުލުހުންގެ ހިދުމަތުގެ ދިދައަކީ، ދިވެހި ފުލުހުންގެ ހިދުމަތް ރަމްޒުކޮށްދޭ އަލި ގަދަ ދަންމަރެވެ. ދިވެހި ފުލުހުން އެ ދިދައަކަށް ސެލިއުޓުކުރާ، އަދި ފުލުހުންގެ ހިތުގެ ލޯބި ދެމުން އަންނަ ފަހުރުވެރި ޝަރަފެވެ. މި ދިދަ ސީޕީއަށް އަރުވާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތަށް ކޮށްދެއްވާފައިވާ އަގުހުރި އަދި އަގުނުކުރެވޭނޭ މަސައްކަތުގެ ހާއްސަ ރަމްޒެއްގެ ގޮތުގަ އެވެ.