Advertisement

ބަޖެޓު ބަހުސްގެ ތެރެއިން އިޒްރޭލާ ދެކޮޅަށް މެމްބަރުން އަޑުއުފުލަނީ

15 ނޮވެންބަރު 2023 - 13:08 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އާންމު ރައްޔިތުން ބޭއްވި އެއްވުމުގައި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އިޒްރޭލާ ދެކޮޅަށް ގަރާރެއް ވެސް މަޖިލީހަށް ވަނީ ހުށަހަޅާފައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ބަޖެޓު ބަހުސްގެ ތެރެއިން އިޒްރޭލާ ދެކޮޅަށް މެމްބަރުން އަޑުއުފުލަނީ

15 ނޮވެންބަރު 2023 - 13:08 0

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އިޒްރޭލު މީހުންނަށް ނެރޭ ގޮތް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިސް ކައިރިއަށް އެއްވެ އާންމުން ޝުއޫރު ފާޅުކުރަމުންދަނިކޮށް އެ މަޖިލީހުގައި މިއަދު ކުރިއަށްދާ ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސްގެ ތެރެއިން މެމްބަރުން ވެސް އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުން އެބަގެންދެ އެވެ.

ރައްޔިތުންގެ މަޖިލިސް ކުރިމަތީ އާންމުން ދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އަނިޔާއާ ދެކޮޅަށް ދިވެހި ސަރުކާރުން އިޒްރޭލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އަޑު އުފުލާފަ އެވެ. އަދި, އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާކުރުމަށް ގޮވާލާފައިވެ އެވެ.

މަޖިލީހުގެ ޖަލްސާ ހެނދުނުގެ ސަޔަށް މެދުކަނޑާލުމަށްފަހު، އަލުން ފެށިއިރު ބައެއް މެމްބަރުންވެސް ތިއްބެވީ އެކަން ދޭހަވާ ފަދަ ބޯޑުތައް ހިފައިގެންނެވެ. އަދި ބަހުސް ކުރައްވަމުން ގެންދެވިއިރު ވެސް އެކަމަށް އިޝާރާތް ކުރައްވާފައިވެ އެވެ. މިއަދުގެ ޖަލްސާގައި އެކަމަށް ބަހުސް ކުރުމަށް އެޖެންޑާކޮށްފައި ނުވާތީ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެން ވިދާޅުވީ މިއަދުގެ ޖަލްސާއަށް ސަޕްލިމަންޓަރީ ބަޖެޓުގެ ބަހުސް އެޖެންޑާކުރީ އިއްޔެ ތަޅުމުން ނިންމި ނިންމުމަކާއި ގުޅިގެން ކަމަށެވެ.

އަދި އެ ނިންމުމަށް ފަހު މެމްބަރުން ވާހަކަ ދެއްކެވުމަށް ފުރުސަތު ހުޅުވާލުމުން ވެސް އިޒްރޭލު ރައްޔިތުން ރާއްޖެ އައުން މަނާކުރުމުގެ ގަރާރުގެ ވާހަކަ ފާހަގަކުރައްވާފައި ނުވާތީ މިއަދުގެ ޖަލްސާއަށް އެ ގަރާރު ތާވަލުކުރުމަށް ސަމާލު ކަމަށް އައިސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެޖެންޑާ އިއުލާނުކުރެއްވި ވަގުތު ވެސް އެ ކަން މެމްބަރުން ފާހަގަ ކުރައްވާފައި ނުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަސްލަމް ވަނީ އެ ގަރާރުގެ މަސައްކަތް ވީހާ ވެސް އަވަހަށް ކުރިއަށް ގެންގޮސް ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު ބޭންކޮށް، އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް ދިވެހި ސަރުކާރަށް ލަފާ އެރުވުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފި އެވެ. އެ ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ފޮނުވައި ފާސްކުރުމުން އެ ލަފާ މަޖިލީހުން ސަރުކާރަށް އަރުވާނެ އެވެ.