Advertisement

އަދީބާއި ޒިޔަތަށް މާފުދިނުން: އެޗްއާރުސީއެމް ވެސް ކަންބޮޑުވެ ގާނޫނު އިސްލާހުކުރަން ގޮވާލައިފި

15 ނޮވެންބަރު 2023 - 21:41 0

އަމަން ހަލީމް

އަމަން ހަލީމް

އެމްއެމްޕީއާރުސީ ހިޔާނާތުގެ ކުށް ސާބިތުވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭރުގެ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު: ދެ މީހުން މިނިވަންވީއިރު ހުކުމް ތަންފީޒުކުރަމުން ދިޔައީ ގޭގައި -- ފައިލް ފޮޓޯ


އަދީބާއި ޒިޔަތަށް މާފުދިނުން: އެޗްއާރުސީއެމް ވެސް ކަންބޮޑުވެ ގާނޫނު އިސްލާހުކުރަން ގޮވާލައިފި

15 ނޮވެންބަރު 2023 - 21:41 0

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ މޭސްތިރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުއަށް މާފުދިން މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވެސް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އަދީބާއި ޒިޔަތަށް މާފު ދޭން ނިންމެވީ ހޯމަ ދުވަހެވެ.

މިކަމާ ގުޅުވާ އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނީ ކޮރަޕްޝަންގެ މައްސަލަތައް ސާބިތުވެފައި ތިބޭ މީހުންގެ އަދަބުގެ ބޮޑު ބަޔެއް ތަންފީޒުކޮށް ނުނިމެނީސް އަދަބު ލުއިކޮށްދިނުމުގެ ސަބަބުން މިނިވަން ވެގެން ދިއުމަކީ ކޮރަޕްޝަން ހުއްޓުވައި މަނާކުރަން އަޅާފައިވާ ފިޔަވަޅުތަކަށް އެޅޭ ހުރަހެއް ކަމަށެވެ.

އެގޮތުން ސީދާ އެމްއެމްޕީއާރުސީ މައްސަލައިގެ ތެރެއިން އެކަނި ވެސް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެ، އެއިން އެއްވެސް ފައިސާއެއް ނުލިބިވާއިރު އޭގެ ގެއްލުން ބޮޑީ މުޖުތަމައުގައި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ފާހަގަކުރި އެވެ.

"މި ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ މުޖުތަމައުގެ އެންމެ ނާޒުކު ހާލަތުގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އަންހެނުންނާއި، ކުޑަކުދިންނާއި، ދައުލަތުން ހާއްސަ ރައްކާތެރިކަމެއް ފޯރުކޮށްދޭން ޖެހޭ ފަރާތްތައް ތިބިއިރު، ކޮރަޕްޝަނުގެ އަމަލުން ގެއްލިގެންދާ ފައިސާގެ ސަބަބުން މި ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭން ޖެހޭ އިތުރު ރައްކާތެރިކަަމަށް ހުރަސްއެޅިގެން ދެ އެވެ." އެޗްއާރުސީއެމުގެ ބަޔާނުގައި ވެ އެވެ.

މިގޮތަށް ސިޔާސީ ބޭނުންތަކާއި އެ ނޫން ވެސް ސިޔާސީ މަގުސަދުތައް ހާސިލުކުރުމުގެ ބޭނުންތަކަށް ކުށްވެރިންނަށް މާފު ދިނުމުގެ ސަބަބުން އާންމު ރައްޔިތުންގެ އިތުބާރު ގެއްލި، ފަސް ޖެހުމެއް ނެތި ކުށަށް އަރައިގަންނަ ލިބޭ ހިތްވަރެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.

އެޗްއާރުސީއެމުން ވަނީ މި ސަރުކާރުން އެމްއެމްޕީއާރުސީ ހިޔާނާތް ތަހުގީގުކުރަން ވީ ވައުދާއި ވެރިކަމުގެ ކުރީކޮޅު ވަކި މީހަކަށް ބެލުމެއް ނެތި ތަންފީޒުކުރާނެ ކަމަށް ބުނި "ޒީރޯ ޓޮލަރަރަންސް ޓު ކޮރަޕްޝަން" ސިޔާސަތު ވެސް ސަރުކާރަށް ހަނދުމަކޮށްދީފަ އެވެ. އަދި ކުށް ސާބިތުވެފައި ތިބި ދެ ކުށްވެރިން މިނިވަންކުރުމަކީ އެ ސިޔާސަތާ ހިލާފު ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަދީބާއި ޒިޔަތަށް މާފުދިން މައްސަލައިގައި އެޗްއާރުސީއެމްއިން ނެރުނު ބަޔާން


މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމުގެ ގޮތުން އެޗްއާރުސީއެމް އިން ވަނީ މާފު ދިނުމުގެ ގާނޫނު ވީ އެންމެ އަވަހަކަށް އިސްލާހުކުރަން ގޮވާލާފަ އެވެ. އެ ކޮމިޝަނުން މިހެން ގޮވާލީ ކުށުގެ ބާވަތަށް ރިއާޔަތްކުރުމެއް ނެތި، ކުށުގެ އަދަބުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމިފައި ތިބި އެންމެނަށް މާފު ދިނުމަކީ ކްލިމެންސީ ދިނުމުގައި އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ބަޔާންކުރަމުންނެވެ.

އަދީބާއި ޒިޔަތު މިނިވަން ކުރަން ނިންމި މައްސަލައިގައި ސަރުކާރަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަ އިރު، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ރިޔާސީ އިންތިހާބަށް ސަރުކާރު ކޯލިޝަނުގައި ތިބި ހަމައެކަނި ޕާޓީ އަދާލަތާއި ޓްރާންސްޕޭރެންސީ ފަދަ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފަ އެވެ.