Advertisement

ދިވެހި ވެރިކަމުގައި ކޯލިޝަނާއި ޕާޓީ ރޫޅުމުގެ ސަގާފަތް: ރައީސް ސޯލިހަށް ގެއްލުނީ ޕާޓީ

17 ނޮވެންބަރު 2023 - 15:48 1

އަހުމަދު އާއިދު

އަހުމަދު އާއިދު


ދިވެހި ވެރިކަމުގައި ކޯލިޝަނާއި ޕާޓީ ރޫޅުމުގެ ސަގާފަތް: ރައީސް ސޯލިހަށް ގެއްލުނީ ޕާޓީ

17 ނޮވެންބަރު 2023 - 15:48 1

ގިނަ ޕާޓީތަކަށް ވާދަކުރެވޭ ގޮތަށް ރާއްޖޭގައި ރިޔާސީ އިންތިހާބުތައް ބާއްވަން ފެށި ފަހުން އައި ތިން ސަރުކާރުގައި ވެސް އެއް ކަމެއް ތަކުރާރުވި އެވެ; ރައީސަށް، ވެރިކަން ކުރާ ކޯލިޝަންް ނުހިފެހެއްޓުމެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، ޕާޓީ މުހިންމުވެ ކޯލިޝަން ރޫޅާލެއްވި އިރު، ހުކުރު ދުވަހު ދައުރު ހަމަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މުހިންމުވީ ކޯލިޝަނެވެ. އެމަނިކުފާނު ނިސްބަތްވެވެޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ރޫޅުމުގެ އެއް ސަބަަބަށް ވެސް އެކަން ވި އެވެ. މި ތިން ރައީސުންނަށްވެސް ޖެހިގެން އައި އިންތިހާބު ކާމިޔާބެއް ނުކުރެއްވުނެވެ. ނަޝީދަށް ދައުރުވެސް ފުރިހަމައެއް ނުކުރެވުނެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި، ވެރިކަންތައް ފުރޮޅައިލި، ވައްޓައިލި ނުވަތަ ބަދަލުކުރި މައިގަނޑު އެއް ސަބަބަކީ ކޯލިޝަން ރޫޅުމެވެ. ނަމަވެސް ނިމިދިޔަ އިންތިހާބު ތަފާތެވެ. އިންތިހާބީ އަހަރާ ހަމައަށް އެކުގައި އޮތް ކޯލިޝަނުގެ ބަދަލުގައި މިފަހަރު ރޫޅުނީ ޕާޓީ އެވެ.

ކޯލިޝަން ހިފެހެއްޓެވުމާއި ދެ ވަނަ ދައުރަކަށް ކުރެއްވި ބޮޑު އުއްމީދު

ރާއްޖޭގެ ޑިމޮކްރެޓިކް ކުރިއެރުމާއި، ސިޔާސީ ޕާޓީތަކާ ލީޑަރުންނަށް އޮތް ތާއީދަށް ސަބަބުވެރި ލޮލަކުން ކަޅިހިންގާލުމުން އިނގޭ އެއް ހަގީގަތަކީ ރާއްޖޭގެ ވެރިކަމަށް އައުމަށް ކޯލިޝަނެއް ބޭނުންވާ ކަމެވެ. ކުދި ޕާޓީތަކުގެ ތާއީދު ބޭނުންވާ ކަމެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް ދެކެވަޑައިގަންނަވަނީ އެގޮތަށެވެ. މި ރިޕޯޓަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ބައެއްގެ ފޮޓޯ ދައްކައިގެން ތާއީދު ހޯދައި، ވެރިކަމަށް އައުމަށްފަހު، 'ޖެހިގެން އަންނަ ދުވަހު' ކޯލިޝަން ރޫޅައިލުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަސްލަމް ދިފާއު ކުރެއްވީ ރައީސް ސޯލިހު ގެންގުޅުވި ކޯލިޝަން ނަގަހައްޓާ ސިޔާސަތެވެ.

"ރައީސް ސޯލިހު ކޯލިޝަން ހިފަހައްޓަން މަސައްކަތް ކުރެއްވުން އެއީ ވަރަށް ބޭނުންތެރި، ރަނގަޅު ކަމެއް ގޮތުގައި އަޅުގަނޑު ދެކެނީ،" މި އަހަރުގެ ރިޔާސީ އިންތިހާބުގެ ރައީސްގެ ރަނިން މޭޓަކަށް ވެސް ހުންނެވި އަސްލަމް ވިދާޅުވި އެވެ.

2018 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދި ސިޔާސީ ލީޑަރުންނާއެކު ރައީސް ސޯލިހާއި ރައީސް ނަޝީދު -


އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ވިސްނުން މިކަމުގައި ތަފާތެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި ރައީސްގެ ވިސްނުންފުޅު ހުރީ ކޯލިޝަނަކަށް ނޫނެވެ. އެމަނިކުފާނު އިސްކަންދެއްވީ ކޮންމެވެސް ގޮތަކުން ދެ ވަނަ ދައުރެއްް ހޯއްދެވުމަށް ކަމަށް ހަސަން ވިދާޅުވި އެވެ.

"ކޯލިޝަން ހިފަހައްޓައިގެންތޯ، ނުވަތަ ޕާޓީ ހިފަހައްޓައިގެންތޯ މިއިން އެއްވެސް ކަމަކީ ސެކަންޑަރީ ކަމެއް ރައީސް ސޯލިހަށް، އެންމެ މުހިންމު ކަމެއް ދެއްވެވީ ހަމަ ދެ ވަނަ ދައުރަކަށް ރައީސް ސޯލިހަށް ވަޑައިގެންނެވޭނީ ކޮން ގޮތެއް ހަދައިގެންތޯ (ބެއްލެވުމަށް)،" އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ހަސަން ލަތީފު ވިދާޅުވި އެވެ.

ދެ ރައީސުންގެ ފިނި ހަނގުރާމަ އާއި ހުޅު ފަޅައިގެންދިއުން

ދައުރުގެ މެދުން، މެއި 06، 2021 ގައި ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް އަމާޒުކޮށް މާލޭ މަޖީދީމަގު މެދުގައި ދިން ޓެރަރިސްޓު ހަމަލާ ވެގެންދިޔައީ، އަޑު ކިޔަމުންދިޔަ އެމްޑީޕީގައި ރެނދުލާންފެށި ސަބަބަށެވެ. ނަޝީދުގެ ސެކިއުރިޓީ ފެއިލްވުމާއި ސަރުކާރުގެ އިންޓެލިޖެންސް ފެއިލްވުން ވެގެންދިޔައީ އެމަނިކުފާނުގެ ގާތް މިތުރުންނާއި ސަޕޯޓަރުންނަށް ގަބޫލުކުރެވޭވަރު ކަމަކަށް ނުވި އެވެ.

ހަމަލާގެ ކުރިންވެސް ނަޝީދު ގެންދެވީ ސަރުކާރަށާއި ރައީސް ސޯލިހަށް ނުސީދާކޮށް ފާޑުވިދާޅުވަމުންނެވެ. އޭރު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ހިޔާލުފާޅުކުރައްވަން ހޯއްދަވާ ފުރުސަތުތަކުގައި ވައްބަހުން ނަމަވެސް ސަރުކާރަށް އޮތް ނުރުހުން ބޭރުކުރެއްވި އެވެ. އެކަމަކު އެ ފާޑުކިޔުންތަކަކަށް ރައީސް ސޯލިހު އޭރު މާބޮޑު ރައްދެއް ނުދެއްވަ އެވެ.

ހަމަލާއަށްފަހު ޖަރުމަނުގައި އެތައް މަހެއް ވަންދެން ފަރުވާ ހޯއްދެވުމަށްފަހު ނަޝީދު އެނބުރި މާލެ ވަޑައިގެންނެވީ އޮކްޓޯބަރު 11، 2021 ގަ އެވެ. އެ ފަހަރު ވަޑައިގެންނެވުމުން ވެސް އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސް ސޯލިހެވެ. އޭރު އެ މަންޒަރު ރީތިވި ނަމަވެސް، މި އަހަރުގެ ކުރީކޮޅު ނަޝީދުގެ ކޮއްކޮ، އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ނަޝީދު ޖަރުމަނުގައި ހުންނެވިއިރު ރައީސް ސޯލިހު އެއްވެސް މުވާސަލާތެއް ނުކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަހަމްތަކަށް ރާއްޖޭން ބޭރުގައި ފަރުވާ ހޯއްދަވަން ހަތަރު މަހަށް ވުރެ ގިނަ ދުވަހު ހުންނެވުމަށްފަހު ވަޑައިގަތުމުން ރައީސް ސޯލިހު އެމަނިކުފަނަށް މަރުހަބާ ދަންނަވަނީ -


އޭރު ރާއްޖެއަށް އެނބުރި ވަޑައިގެންނެވި ފަހުން ނަޝީދުގެ ފާޑުކިޔުންތަކުގެ އަޑު އިހުނަށް ވުރެ ގަދަވި އެވެ. އެކަން ބަދަލުވީ ޕާޓީ ގެ އެތެރޭގެ ފިނި ހަނގުރާމަ އަކަށެވެ.

އެ ހަނގުރާމައިގެ އުޑި ވަރުގަދަ އަށް އެނބުރިގަތީ ޕާޓީގެ އެތެރޭގެ އިންތިހާބުގަ އެވެ. މެއި 14، 2022 ގައި ބޭއްވި އެ އިންތިހާބުގައި ޕާޓީގެ ޗެއާޕާސަން ކަމަށް ނަޝީދު ނެރުއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. ރައީސް ސޯލިހު ތާއީދުކުރެއްވީ އެންމެ ގާތް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށެވެ.

ހަތް ހާސް ވޯޓުގެ ތަފާތުން އިންތިހާބު ކާމިޔާބުކުރެއްވީ ފައްޔާޒެވެ. ނަޝީދު ސުމެއް، ރައީސް ސޯލިހު އެކެކެވެ. އިމްތިޔާޒާއި ނަޝީދު ބަލިގަބޫލުކުރެއްވި އެވެ. ފައްޔާޒާއެކު ކުރިއަށް ގޮސް މި އަހަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށްވެސް ނަޝީދު އެ ދުވަހު ވިދާޅުވި އެވެ. ރައީސް ސޯލިހުގެ ފުރިހަމަ ތާއީދު އޮތީ ފައްޔާޒާއެކު އެވެ. 'އެމްޑީޕީ ހިންގާލަން' ތިއްބެވީ ތައްޔާރަށެވެ.

ނަމަވެސް، ވާދަވެރި އެ ކެމްޕޭނުގައި ދެ ރައީސުންގެ 'ފެކްޝަން' ތައް ރުކުރުވާލި އެވެ. ރައީސް ސޯލިހާއި ފައްޔާޒު އަމާޒު ހިއްޕެވީ ރައީސަށް 2023 ޔަގީން ކުރުމާ ދިމާލަށެވެ. ނަޝީދުގެ ވިސްނުން ހުރީ ސެޕްޓެމްބަރު މަހު ބާއްވަން އޮތް ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އެމަނިކުފާނު އުއްމީދުކުރައްވައިގެން ހުންނެވީ ބަރުލަމާނީ ނިޒާމަށް ރާއްޖެ ފުރޮޅައިލައި ބޮޑުވަޒީރެއްގެ ގޮތުގައި ސަރުކާރުގެ ވެރިޔާއަށް ވެވަޑައިގަންނަވާށެވެ.

ބަރުލަމާނީގެ އަޑުތައް ވައިގައި ހިއްޕުވައި، ނަޝީދު އެކަން ހުށަހެޅުއްވީ އެމްޑީޕީގެ ކޮންގްރެސް އަށެވެ.

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން ނަޝީދު ކޮންގްރެސްއަށް ގަރާރެއް ހުށަހެޅުއްވި އެވެ. ނަމަވެސް، ފިނި ތަރުހީބަކާއި ރައީސް ސޯލިހާއެކު ހަވާސާގައި ކުރެވުނު މަޝްވަރާތަކަށްފަހު ނަޝީދު އެ ގަރާރު އަނބުރާ ގެންދެވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ގަރާރު މިތަނުގައި މިއޮތް ގޮތަށް އިހަށް ބާއްވާ އަޅުގަނޑުމެން މިއާ ދޭތެރޭގައި ބަހުސްނުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ތިހުރިހާ ބޭފުޅުންނާ މަޝްވަރާކޮށްގެން އަޅުގަނޑުމެންނަށް ރަނގަޅު ގޮތެއް އެންމެންނަށް ގަބޫލުކުރެވޭ ގޮތަށް މިކަމުގައި ފެނިދާނެ،" ނިޒާމީ ގަރާރު އަނބުރާ ނަންގަވާކަން އިއުލާނު ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ނިންމުން ރައީސް ސޯލިހު ސިފަ ކުރެއްވީ "ވަރަށް ރަނގަޅު ނިންމުމެއްގެ" ގޮތުގަ އެވެ. ނަޝީދު ސުމެއް، ރައީސް ސޯލިހު ދޭކެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގެ ތެރެއިން ރައީސް ސޯލިހު، ޗެއާޕާސަން ފައްޔާޒު އަދި އޭރު ޕާޓީގެ ރައީސް ނަޝީދު މަޝްވަރާކުރައްވަނީ -


ނަމަވެސް މަސްދުވަސް ފަހުން ނަޝީދު އަނެއްކާވެސް ނިޒާމީ ވޯޓުގެ ވާހަކަ ފެއްޓެވި އެވެ. ނިޒާމީ ވޯޓަކަށް ނުގޮސް، އަންނަ ރިޔާސީ އިންތިހާބަށް އެމްޕީޑީގެ ޕްރައިމަރީއެއްގެ ވާހަކަ ދައްކައިގެން ވެސް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހިސާބުން ރައީސް ސޯލިހުވެސް ރައްދު ދެއްވި އެވެ. ނޫސްވެރިންގެ ކުރިމަތީ ހުންނަވާ، ޑިސެމްބަރު 28، 2022 ގައި ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ އަސްލަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމަށް ރައީސް ނަޝީދު ބޭނުންފުޅުވުން ކަމަށް ވިދާޅުވި އެވެ.

"ވަކި މީހެއްގެ ވަކި ކަމެއް ހާސިލްކުރުމަށް ޓަކައި އަޅުގަނޑަށް ހުށަހަޅާ ހުށަހެޅުމެއްގައި އަޅުގަނޑަށް ގޮތެއް ނިންމޭނީ ދެން ތިބި އެންމެންގެ މަޝްވަރާ މަތީގައި. މި ވަގުތު ހިޔާލުތަފާތުވުން އުފެދި އޮތް މައިގަނޑު ސަބަބަކީ ވެރިކަމުގައި މި ހުރި ހުރުން،" ބޭނުންކުރެއްވީ މި އިބާރާތެވެ.

އެއަށްފަހު ފެށުނު ޕްރައިމަރީ ކެމްޕޭނު ވެގެންދިޔައީ، ހަޔާތުގެ ދެ މިތުރުން ކުރެއްވި އެންމެ 'ހުތުރު' އެއް ކެމްޕޭނަށެވެ. ނަޝީދު ގެންދެވީ މި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. ރައީސް ސޯލިހު ގެންދެވީ ނަޝީދާއި އެމްޑީޕީގެ ފުރަތަމަ ވެރިކަމަށް ފާޑުވިދާޅުވަމުންނެވެ. ސަޕޯޓަރުން ތިބީ އެހެން ދަރަޖައެއްގަ އެވެ.

މި އަހަރު ޖެނުއަރީ 28 ގައި ބޭއްވި އެ ޕްރައިމަރީގައި، ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ އެވެ. ރައީސް ސޯލިހު، އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުންނެވެ. ނަޝީދު ސުމެއް، ރައީސް ސޯލިހު ތިނެކެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ސޯލިހު އުފާފާޅުކުރައްވަނީ -


މިހިސާބަށް ކަންދިޔައިރު ޕާޓީ ރޫޅިއްޖެ އެވެ. މެއި 17 ގައި ނަޝީދުގެ ފެކްޝަނުގައި އެމަނިކުފާނު ފިޔަވާ ތިބި 13 މަޖިލިސް މެންބަރުން އެމްޑީޕީއިން ވަކިވި އެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާކަން އެ މަހުގެ 24 ގައި ހާމަކުރެއްވި އެވެ.

އެކަމަށް އަމަލީ ސިފަ ގެނެސް ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރި އެވެ. އެހެން ނަމަވެސް އެ މަސައްކަތްތައް ކުރެއްވިއިރު ނަޝީދު ހުންނެވީ އެމްޑީޕީގަ އެވެ. ޕާޓީގެ ރައީސްގެ މަގާމުގަ އެވެ. ނަތީޖާއަކަށްވީ ރައީސް ސޯލިހަށް ކެތް ނުކުރެެއްވުމެވެ. އެމްޑީޕީއިން ދިން މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް މަޖިލީހަށް މައްސަލައެއް ވެއްދި އެވެ.

ނަޝީދު އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓްސް އާ ގުޅިވަޑައިގަތީ އެ މައްސަލަ ހުށަހެޅުމާ ވިދިގެންނެވެ. އެމަނިކުފާނުގެ ވަކިމުމާއެކު ގެއްލުނު ތާއީދު މަދެއް ނޫނެވެ. ޖުލައި 13، 2023 ގައި މާލޭ އާޓިފިޝަލް ބީޗުގައި ހުންނަވައި ރައީސް ސޯލިހަށް ނަޝީދު ގޮންޖައްސަވާފަ އެވެ. އެމްޑީޕީ ރޫޅައިލައްވާނެ ކަމަށް އެމަނިކުފާނު އެ ރޭ ތަކުރާރުކޮށް ވިދާޅުވި އެވެ.

ޑިމޮކްރެޓުން ރިޔާސީ އިންތިހާބުގައި ތިންވަނަ ހޯދި އެވެ. ރައީސް ސޯލިހަށް އިންތިހާބު ނާކާމިޔާބުމުގައި ޑިމޮކްރެޓުންނާއި ނަޝީދުގެ ދައުރު ބޮޑެވެ. އިންތިހާބީ ރައީސްގެ ޝުކުރު ހައްގުވާ ވަރަށް އެ މަސައްކަތް ކުރެއްވި އެވެ.

އެމްޑީޕީ ރޫޅުނު ސަބަބު ކަމުގައިވީ ދެ ރައީސުން

"އަޅުގަނޑު ނޫން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މި މައްސަލަ އޮންނާނެ. ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ބޭފުޅެއް،"

މިއީ ރައީސް ސޯލިހު ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނާ ނަޝީދާ ދެމެދު އޮތް މައްސަލައިގެ އަސްލެވެ. އެމްޑީޕީ ރޫޅުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނުގެ ސަޕޯޓަރުން އަދި އަރިސް ބޭފުޅުން ވެސް ދައްކަވަނީ އެވާހަކަ އެވެ. ނަޝީދު ވެރިކަން ބޭނުންވުމެވެ.

"އޭރުގެ ޕާޓީގެ ރައީސް ވެރިކަން ބޭނުންވެގެން އުޅުއްވިތަން ފެނުނީ، ވެރިކަމާ ދިމާލަށް ދަތުރުކުރެއްވުމަށް މަސައްކަތް ކުރެއްވި، ދެން އެ މަސައްކަތަށް ޖާގަނެތުމުން ސަރުކާރާ ދެކޮޅަށް މަސައްކަތް ފެއްޓެވީ،" ކުރިން ނަޝީދުގެ އެންމެ އަރިސް އެއް ބޭފުޅެއްގެ ގޮތުގައި އުޅުއްވި އަސްލަމް ވިދާޅުވި އެވެ.

ނަޝީދުގެ ސަޕޯޓަރުންގެ ބަސްމަގު ތަފާތެއް ނޫނެވެ. އެމްޑީޕީ ދޫކޮށްލަން ޖެހުނީ ރައީސް ސޯލިހުގެ ވެރިކަމުގެ ދަހިވެތިކަމުން ކަމަށް އެމީހުން ބުނެ އެވެ. އެކަން ހާސިލް ކުރަން އެމްޑީޕީގެ އަސާސްތަކާ ދުރު ފަރާތްތަކާ ސިޔާސަތުތައް ޕާޓީގެ ތެރެއަށް ތައާރަފުކުރި ކަމަށް، ހަސަން ލަތީފުވެސް ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވީ އެމްޑީޕީއަކީ ވަރަށް ގިނަ ބައެއްގެ މަސައްކަތާއި ލޯބިން އުފެދުނު ޕާޓީއެއް ކަމެވެ. އެމްޑީޕީ، ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތުމުގެ ސިއްރަކީވެސް އެއީ އެވެ.

"އެހެން ނަމަވެސް ރައީސް ސޯލިހުގެ ހަމައެކަނި މަގުސަދަކީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުން ކަމަށްވީތީ ރައީސް ސޯލިހު ބޭނުންފުޅުވީ [އެމްޑީޕީގެ] އެ ސިފަތައް ދޫކޮށްލާފަ، އެ އަސާސްތައް ދޫކޮށްލާފަ، އެ ހަމަތައް ދޫކޮށްލާފަވެސް ރައީސް ސޯލިހަށް ވެރިކަމަށް ވަޑައިގެންނެވޭނެ ގޮތެއް ހޯއްދައްވަން،" ހަސަން ވިދާޅުވި އެވެ.

މި ވެރިކަމުގައި ދޫކޮށްލެވި ކަމަށް އެ ވިދާޅުވާ އަސާސްތަކުގެ ތެރޭގައި ހިމެނެނީ މަޝްވަރާ ކުރުމާއި، ހާމަކަންބޮޑުކޮށް ޕާޓީގެ ކަންކަން ކުރުމާއި، ވެރިކަމުގައި ކޮރަޕްޝަން ހުއްޓުވުން ފަދަ ކަންކަމެވެ.

ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވީ ގިނިކަންޏާ؟

"ދެ ވަނަ ދައުރެއް ކަށަވަރުކުރުމަށް ރައީސް ސޯލިހަށް ފެނިވަޑައިގެންނެވި އެންމެ ރަނގަޅު ގޮތަކީ އޭރު ކޯލިޝަންގައި ތިބި މީހުންނަށް 'ކޮންމެވެސް އެއްޗެއް ދީގެން' އެބޭފުޅުންނާއެކު ކުރިއަށް ދިއުމެވެ. ނަޝީދާ ނުލައި ވެރިކަން ހޯއްދެވޭނެ ކަމަށް ރައީސް ސޯލިހަށް އެ ހިސާބުން ވިސްނިވަޑައިގަތީ އެވެ،"

މިއީ ހަސަން ލަތީފުގެ ނަޒަރުގައި ކަން ހިނގި ގޮތެވެ.

"ރައީސް ނަޝީދު އެއްކައިރި ކުރީމަ، ދެން އަދި ޕާޓީ ދެބައިވިޔަސްވެސް އެ ލިބޭ ބަޔަކާ، ދެން ޖުމްހުރީ ޕާޓީއާ ދެން ރައީސް މައުމޫނާ އަދާލަތު ޕާޓީއާ، ދެން މި ހުރިހާ ބޭފުޅުންގެ ތެރެއަށް ސަން ޓްރެވަލް ސިޔާމް ގެނައިމަ އެއީ މާބޮޑު ވޯޓެއް ކަމަށް ހިސާބު ޖެއްސެވީ،" ހަސަން ވިދާޅުވި އެވެ.

އެހުރިހާ ކަމެއް އެހެން އޮއްވާ ރިޔާސީ އިންތިހާބު ބޯމަތިވުމާއެކު، ޖުމްހުރީ ޕާޓީގެ ލީޑަރު ވާދަކުރެއްވީ ވަކީންނެވެ. ރައީސް މައުމޫނު ނެރުއްވީ ދަރިކަލުން ފާރިސް މައުމޫނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ރައީސް ސޯލިހު ނުކުމެވަޑައިގެންނެވީ އަދާލަތު ޕާޓީ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދުގެ އެމްޑީއޭ އާއެކު އެމްޑީޕީއިން ހެދި ކޯލިޝަނަކުންނެވެ. އެ ދެ ޕާޓީއަށް އާހިރުގައި އިތުރު ކުރެވުނު ވޯޓެއް ކަރުދާހަކުން ނުފެނުނެވެ.

ފުރަތަމަ ބުރުގައި 40 އިންސައްތަ ވޯޓުވެސް ރައީސަކަށް ލިބިވަޑައި ނުގަތުމުން އެމްޑީއޭއިން ވެސް ރައީސް ދޫކޮށް ފިލި އެވެ.

ދެ ވަނަ ބުރަށް ސޯލިހު ނުކުމެވަޑައިގެންނެވީ ސިޔާސީ ތާއީދަށް ބަލާނަމަ ގިނިކަންޏާ އެވެ. ޖެހިވަޑައިގެންނެވީ އަލި ރަސްގެފާނަށް ޖެހިވަޑައިގެން ހާލެވެ. އަރިހުގައި ސިޔާސީ ލީޑަރަކަށް ހުންނެވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކަންޏެވެ.

މި ރިޕޯޓުގެ ފެށުމުގައި މިސާލަކަށް ގެނައި ކުރީގެ ދެ ވެރިކަން ނިމުނަސް އެ ލީޑަރުންނަށް އޮތް އެންމެ ބޮޑު އެއް ހިތްވަރަކަށްވީ ޕާޓީގެ ބަދަހިކަމެވެ. ނަޝީދާއެކު އެމްޑީޕީ ރުކުރުވާލި ގޮތެވެ. ޔާމީނާއެކު ޕީޕީއެމުން ދެއްކި ޖޯޝެވެ.

ނަމަވެސް ރައީސް ސޯލިހު މާދަމާ ވެރިކަން ދޫކޮށްލައްވާއިރު ޕާޓީ އޮތީ ރޫޅިފަ އެވެ. ދިޔަ ބަޔަކު އައުމަށްވުރެ ނައުން ގާތެވެ. ސިޔާސީ ހަޔާތުގައި އަދި ޒާތީ ހަޔާތުގެވެސް އެންމެ ގާތް މިތުރު މިހާރު އެމަނިކުފާނަށް ގޮވަނީ ވަގަށެވެ. ބޮލުގައި އަޅުއްވަނީ ހިޔާނާތުގެ ތުހުމަތެވެ.