14 ނޮވެންބަރު 2023 - 20:51 1
މުހައްމަދު ޝަހްޒާން
އަދާލަތު ޕާޓީގެ ނައިބުރައީސް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދާލަތު ޕާޓީގެ ބައްދަލުވުމެއްގައި. ފޮޓޯ: އަދާލަތު ޕާޓީ
14 ނޮވެންބަރު 2023 - 20:51 1
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް މިނިވަން ކުރުމުން އަދާލަތު ޕާޓީން ވެސް ނުސީދާކޮށް އެކަމަށް ފާޑު ކިޔައިފި އެވެ.
އަދާލަތު ޕާޓީ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ވެރިކަަމަށް ވަަޑައިގެންނެވި ކޯލިޝަނުގެ ބައިވެރިއެއްގެ ގޮތުން ސަރުކާރުގައި ބައިވެރިވާ ޕާޓީ އެކެވެ. ކަރެކްޝަނަލް ސާވިސް, އެމިނިސްޓްރީއެއްގެ ދަށުގައި އޮންނަ ހޯމް މިނިސްޓްރީގެ މިނިސްޓަރު، އިމްރާން އަކީ އެޕާޓީގެ ރައީސް އެވެ
އަދީބާއި ޒިޔަތު މިނިވަން ކުރުމުން އާންމުންގެ ގިނަ ބަޔަކާއި ސިޔާސީ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށް އަދާލަތު ޕާޓީން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ދައުލަތުގެ މުދަލަށް ބޮޑެތި ހިޔާނާތް ވީކަމަށް އަމިއްލައަށް އިއުތިރާފުވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހައްގު އަދަބު ނުލިބި ދިއުމަކީ އެ ޕާޓީން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
ވަކި މީހެއްގެ ނަން ފާހަގަ ނުކޮށް އަދާލަތުން މީސްމީޑިއާގައި ޕޯސްޓެއް މިރޭ ކުރިއިރު، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް ސޯލިހު އިއްޔެ ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުއާއި ހަމަ އެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއި ކޮށްދެއްވައިފަ އެވެ.
އަދަބު ލުއި ކޮށްދެއްވުމާއެކު އެ ދެބޭފުޅުން ވެސް ވަނީ މިނިވަން ވެވަޑައިގެންފަ އެވެ. އެމްއެމްޕީއާރުސީން 1.3 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެފައި ވަނީ ޒިޔަތުގެ މެނޭޖިން ޑިރެކްޓަރު ކަމުގަ އެވެ. ޒިޔަތުގެ އަދަބު ލުއި ކޮށްދިން އިރު، އޭނާގެ މައްޗަށް އިތުރު ތިން މައްސަލައެއްގައި ދައުވާ ކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހު ޕީޖީން ވަނީ ކޯޓަށް ވެސް މައްސަލަ ފޮނުވައިފަ އެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ ކުށަށް އަދީބު ވަނީ އަމިއްލައަށް އިއުތިރާފުވެ ދައުލަތާއެކު އެއްބަސްވުމެއް ހަދައިފަ އެވެ.
އަދީބުއާއި ޒިޔަތުގެ އިތުރުން ކޮރަޕްޝަންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި، ކުރީގެ ރައީސް ޔާމީންއަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އިންތިހާބީ ރައީސްގެ އެދެލެއްވުމުގެ މަތިން ލުއި ދެއްވައިފަ އެވެ. ދެފަހަރެއްގެ މަތިން ލުއި ދެއްވައި ރައީސް ޔާމީން މިވަގުތު ހުންނެވީ މާލެ ބަންދުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment